އެމެރިކާއިން ރާއްޖެއަށް 210,600 ޑޯޒްގެ ފައިޒާ ވެކްސިން ފޮނުވައިފި

ކޮވިޑު ވެކްސިންގެ ތިންވަނަ ޑޯޒު ނުވަތަ ބޫސްޓާ ޑޯޒު ޖެހުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެމެރިކާއިން ރާއްޖެއަށް އިތުރު 210،600 ޑޯޒްގެ ފައިޒާ ވެކްސިން ފޮނުވައިފިއެވެ.

ކޮވެކްސް ފެސިލިޓީގެ ތެރެއިން ރާއްޖެއަށް ވެކްސިން ހަދިޔާކޮށް، އެމެރިކާގެ އެމްބަސީން މިއަދު ބުނީ ކޮވިޑް ބަލިމަޑުކަން ނިމުމަކަށް ގެނައުމަށާއި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެގައުމު ދެމިއޮންނާނެ ކަމަށެވެ.

"ޕެންޑެމިކްގެ ތިން ވަނަ އަހަރަކަށް އަޅާ އިރު، މި ވައިރަހާ ދެކޮޅަށް ގުޅިގެން ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ. އެމެރިކާގެ ފަރާތުން މިދަނީ 120 ގައުމަކާއެކު ގުޅިގެން، ރާއްޖެވެސް ހިމެނޭ ގޮތަށް، ވެކްސިން ފޯރުކޮށްދީ، މި ބަލިމަޑުކަމުގެ އިޖުތިމާއީ އަދި އިގުތިސާދީ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރަމުން،" އެމެރިކާގެ އެމްބަސީގެ ޗާޖް ޑި އެފެއާޒް މާޓިން ކެލީ ވިދާޅުވިއެވެ.

އެމެރިކާއިން ވަނީ މިހާތަނަށް ރާއްޖެއަށް 440،000 ޑޯޒްގެ ފައިޒާ ވެކްސިނާއި ހަތް މިލިއަން ޑޮލަރުގެ އެމާޖެންސީ ވަސީލަތްތަކާއި ތަމްރީނާއި ހިދުމަތްތައް ފޯރުކޮށްދީފައެވެ. އަދި 60 ވެންޓިލޭޓަރާއި އެއް ލައްކަ ރެޕިޑް ޑައިގްނޯސްޓިކް ޓެސްޓުވެސް ހަދިޔާކޮށްފައެވެ.

މީގެ އިތުރުން ކޮވިޑުން ރައްކާތެރިވުމާ ބެހޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް އެމެރިކާއިން އެހީތެރިވެދީ، ރާއްޖޭގެ އިގުތިސާދު އިއާދަކުރުމަށް ސަރުކާރަށް ފަންނީ އެހީ ފޯރުކޮށްދީފައިވެއެވެ.

އެމެރިކާއިން ވެކްސިން ފޮނުވާފައި ވަނީ ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އިއްޔެ އެކަނިވެސް 2،499 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 1,280 މީހަކު ހިމެނެއެވެ.

އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލީގެ ހާލަތު މިހާރު ގޯސްވެފައިވާ މިންވަރުން އަރައިގަތުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ކޮވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުން ކަމަށެވެ.

ރާއްޖެއިން ބޫސްޓާއެއްގެ ގޮތުގައި ޖަހަނީ ފައިޒާ ވެކްސިންގެ ޑޯޒެކެވެ. އަދި 18 އަހަރުން މަތީގެ އެންމެންނަށް ވެސް ބޫސްޓާ ޑޯޒް ޖެހުމުގެ ފުރުސަތު މި މަހު ވަނީ ހުޅުވާލާފައެވެ.

ރާއްޖެއިން މިހާތަނަށް 62،000އަށް ވުރެ ގިނަ މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހައިފައެވެ.

comment ކޮމެންޓް