ފައިސާގެ ދަހިވެތިކަމުގައި ކުރާ މަސައްކަތުން ލިބެނީ ގެއްލުމާއި ހަލާކު: ހުތުބާ

އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދެއްގެ ތެރެއިން: -- ސަން ފައިލް ފޮޓޯ

މަސައްކަތަށް ފަރުވާ ނުބަހައްޓައި، ފައިސާގެ ދަހިވެތިކަމުގައި ކުރާ ކަންކަމުން ލިބޭނީ ހުސް ގެއްލުމާއި ހަލާކު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ އިޖުތިމާއީ މަސައްކަތްތަކުގައި ދަރީން ބައިވެރި ކުރުމުގެ މައްޗަށެވެ.

ހުތުބާގައި ބުނީ އިސްލާމް ދީނުގައި ގޮވައިލަނީ ކަންނެތް ވެފައި ނުތިބެ، މަސައްކަތް ކުރުމަށް ކަމަށާއި ހުއްދަ މަސައްކަތްތައް ކޮށްގެން ދިރިއުޅުން ބިނާކުރުމަށް ދީނުގައި އަންގަވައިފައިވާ ކަމަށެވެ.

ކުރާ ކޮންމެ ކަމެއް ވެސް ކުރަން ވާނީ އެންމެ ފުރިހަމައަށް ކަން ފާހަގަކޮށް ހުތުބާގައި އިތުރަށް ބުނީ ކަން އެހެން އޮތް ނަމަވެސް މުޖުތަމައުން ފެނިގެންދަނީ މަސައްކަތަށް ފަރުވާތެރި ކަމެއް ނެތި، ފައިސާގެ ދަހިވެތިކަމުގައި ގިނަ ކަންކަން ކުރަމުން އަންނަ ތަން ކަމަށެވެ.

"ކުރާ މަސައްކަތުގައި ފަރުވާތެރިކަމެއް، ތެދުވެރިކަމެއް ނެތި، ހަމައެކަނި ފައިސާގެ ދަހިވެތިކަމުގައި، ފަރުވާކުޑަކޮށް، އެ މަސައްކަތެއް ކުރުމުގެ ސަބަބުން، ވެރިފަރާތަށް ބަރުދާސްތު ނުކުރެވޭފަދަ ބޮޑެތި ގެއްލުން ލިބެމުންދާތަނެވެ. މިއީ، ކީރިތި ރަސޫލާ އަށް ތަބާވެގެންތިބި މުސްލިމް މުޖްތަމަޢެއްގައި ހިނގައިގެންވާނެ ކަންތައްތަކެއް ނޫނެވެ." ހުތުބާގައި ބުނެފައިވެއެވެ.

މިފަދަ ކަންކަމުން ލިބޭނީ ހަމައެކަނި ގެއްލުމާއި ހަލާކު ކަމަށް ވުމާއެކު ހުރިހާ އެންމެން ވެސް މަކަރާއި ހީލަތްތެރިކަމެއް ނެތި ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ހުތުބާގައި ވަނީ ގޮވައިލައިފައެވެ.

ހުތުބާގައި އިތުރަށް ބުނީ މިފަދަ ނުބައި އަސަރުތައް މުޖުތަމައުން ފިލުވޭނީ މުސްލިމް ޅަދަރީންނާއި ޒުވާނުންގެ ގައިގައި މަސައްކަތްތެރި ކަމުގެ އަޚުލާގުގެ އޮށް އިންދައިގެން ކަމަށެވެ.

މީގެ އިތުރުން ވެސް ގައުމެއް ކުރިއަރައިގެން ދާނީ އެ ގައުމެއްގެ ދަރީންނަކީ، ގޯތިގެދޮރުގެ މަސައްކަތާއި، އަމިއްލަ މަސައްކަތްތަކުން ފެށިގެން ގައުމީ ފެންވަރުގެ އެންމެހައި މަސައްކަތްތަކަށް ދާންދެން، ކުރަން ފަސްނުޖެހޭ، އެކަންކަމުގައި މުރާލި، ހީވާގި، ކެރޭ، ހަރުދަނާ ބަޔަކު ކަމުގައި ވެގެންކަމުގައި ހުތުބާގައި ބުނެފައިވެއެވެ.

"އަދި މަސައްކަތްތެރިކަމުގެ އަހުލާގާއި އެންމެހައި ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ
ބަޔަކު ކަމުގައި ވެގެންކަން ޔަގީނެވެ."

ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އެޅިފައިވާ މީހުން، މިކަންކަމަށް ސަމާލުވުމަށް ހުތުބާގައި ވަނީ ގޮވައިލައިފައެވެ.

comment ކޮމެންޓް