ޑައިރެކްޓް ކޮންޓެކްޓުން ކަރަންޓީން ނުކުރުމަށް ލަންކާއިން ނިންމައިފި

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯ ---

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހެއްގެ ޑައިރެކްޓް ކޮންޓެކްޓުން ކަރަންޓީން ނުކުރުމަށް ލަންކާއިން ނިންމައިފިއެވެ.

ޑައިރެކްޓް ކޮންޓެކްޓުން ކަރަންޓީން ނުކުރާ އުސޫލު އޮންނާނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަންޏެވެ. ވެކްސިންގެ ދެ ޑޯޒް ނުވަތަ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައި ނުވާ މީހުން ކަރަންޓީން ވާންޖެހޭނެކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

ލަންކާގައި ޑައިރެކްޓު ކޮންޓެކްޓުން ކަރަންޓީން ނުކުރާ އުސޫލެއް އާންމުކޮށްފައިވާއިރު، ކޮވިޑުގެ އެއްވެސް އަލާމާތެއް ފެންނަނަމަ، ރެޕިޑް އެންޓިޖެން ޓެސްޓެއް ނުވަތަ ޕީސީއާރު ޓެސްޓެއް ހަދަންޖެހޭނެކަމަށް އުސޫލުގައި ވަނީ ބުނެފައެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަނަމަ، މަސައްކަތުގެ މާހައުލުގައި އުޅެވޭނެ ކަމަށްވެސް އެ އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުން ހަތް ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭނެކަމަށް އުސޫލުގައިވެއެވެ. އަދި ކަރަންޓީނުގެ މުއްދަތުގައި ކޮވިޑުގެ އެއްވެސް އަލާމާތެއް ފެންނަނަމަ، ރެޕިޑް އެންޓިޖެން ޓެސްޓެއް ނުވަތަ ޕީސީއާރު ޓެސްޓެއް ހަދަންޖެހޭނެކަމަށް އެ އުސޫލުގައި ބުނެއެވެ.

ލަންކާއިން ހަފްތާއެއްގެ މައްޗަށް އެވްރެޖްކޮށް 700 މީހުންނަށް ކޮވިޑް-19 ޖެހެމުން އަންނައިރު، އެ ގައުމުގެ އާބާދީގެ 75 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ.

comment ކޮމެންޓް