މަހުލޫފްގެ މައްސަލައިން ތަނާޒުލްވާން ޖެހޭ ކަމަށް ގާޒީ މިސްބާހު ދެކެވަޑައިނުގަންނަވާ

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް: އޭނާގެ މައްސަލައިން ތަނާޒުލްވާން ޖެހޭ ސަބަބެއް އޮތް ކަމަށް ގާޒީ މިސްބާހު ދެކެވަޑައިނުގަންނަވާ -- ސަން ފޮޓޯ/ ފަޔާޒު

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދައުވާއިން ތަނާޒުލްވާން ޖެހޭ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ދެކެވަޑައިނުގަންނަވާ ކަމަށް ކްރިމިނަލް ކޯޓުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އަންގައިފިއެވެ.

މަހުލޫފެ މައްސަލައަކީ ވެސް އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާތާނުގެ މައްސަލައަކަށްވާއިރު، އެ މައްސަލަ ބައްލަވާ ގާޒީ މިސްބާހަކީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ވަކީލެއްގެ ގޮތުގައި ކުރިން އުޅުއްވި ބޭފުޅެއްކަން ޕީޖީ އޮފީހުން ވަނީ އެ ކޯޓުގެ ސަމާލުކަމަށް ގެނެސްފައެވެ.

މިކަމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު "ސަން"އަށް މިރޭ ވިދާޅުވީ އެ މައްސަލައިން ތަނާޒުލްވާންޖެހޭ ކަމަށް ގާޒީ މިސްބާހު ދެކެވަޑައިނުގަންނަވަނީ ޒިޔަތަށް އިއްވާފައިވާ ހުކުމާއި މަހުލޫފްގެ މައްސަލައާ ގުޅުމެއް ނެތުމުން ކަމަށް ކޯޓުން އަންގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކަންތައް ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް ގެނައުމުން އެ ކޯޓުން މިސްބާހު ތަނާޒުލް ވާން ޖެހޭނެކަމަށް ގަބޫލުނުކުރާކަމަށް ބުނެ ޖާވާބު ދީފައިވާކަމަށެވެ.

މީގެއިތުރުން ޒިޔަތަކީ މަހުލޫފްގެ މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހިމެނޭ ބޭފުޅެއް ކަމުގައިނުވާތީ އެއީ ވެސް ގާޒީ މިސްބާހު އެ މައްސަަލައިން ތަނާޒުލްވާން ނުޖެހޭ ސަބަބެއް ކަމަށް އެ ކޯޓުން ވަނީ އަންގާފައެވެ.

ރިޝްވަތުގެ ދައުވާ މަހުލޫފްގެ މައްޗަށް އުފުލީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީއެވެ.

މަހުލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އަބްދުލްޣަފޫރު ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް