19 ދުވަސް ތެރޭ މާސްކް ނާޅާ އުޅުނު 1937 މީހަކު ޖޫރިމަނާކޮށްފި

ކާފިއު ވަގުތު ސިފައިންނާއި ފުލުހުން ގުޅިގެން މަގުމަތަށް ބެލެހެއްޓުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ 19 ދުވަސްތެރޭގައި މާސްކުނާޅާ އުޅުނު 1937 މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މާސްކު ނާޅާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މި މަހުގެ ތިން ވަނަ ދުވަހު ރައީސް އޮފީހުން ވަނީ ދީފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން މާސްކު ނާޅާ އުޅުނު 1937 މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށެވެ.

އޭނާ ވިދާޅުވީ އެ މުއްދަތުގައި ކަރަންޓީނުގެ އުސޫލުތަކާ ޚިލާފުވި މީހަކުވެސް ޖޫރިމަނާ ކޮށްފައިވާކަމަށެވެ.

އާންމު ތަންތަނަށް ނިކުންނަ އިރު މާސްކު އެޅުމަކީ ރާއްޖޭގައި މަޖުބޫރު ކަމެކެވެ. މާސްކުނާޅާ އުޅޭ މީހުން 1000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާ އެކު މާސްނާޅާ އުޅޭމީހުން ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.

ނަމަވެސް އަނެއްކާ ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ފުލުހުން ވަނީ އެޗްޕީއޭގެ އެންގުންތައް ތަންފިޒުކުރާނެކަމަށް ބުނެފައެވެ.

ރާއްޖޭގައި ކޮވިޑް ހާލަތު މިހާރު ގޯސްވަމުން ދާއިރު، މިހާރު ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 2،500 އިން މަތީގައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ނެގި 7،019 ސާމްޕަލްގެ ތެރެއިން 2،499 މީހުން ކޮވިޑަށް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުން 697 މީހުން އަލަށް ޕޮޒިޓިވް ވެފައިވާއިރު ރިސޯޓުތަކުން 56 މީހަކު ޕޮޒިޓިވްއެވެ.

މިއަދާ ހަމައަށް ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 128،089އަށް އަރާފައެވެ. އަދި ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 110،852 މީހުންނެވެ.

އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލީގެ ހާލަތު މިހާރު ގޯސްވެފައިވާ މިންވަރުން އަރައިގަތުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ އެ މީހެއްގެ ކޮނޑުގައި އެޅިފައި އޮތް ފަރުދީ ޒިންމާ އަދާ ކުރުމުގެ އިތުރަށް އަނގައާއި ނޭފަތް ރަނގަޅަށް ނިވާވާ ގޮތަށް މާސްކު އެޅުން ކަމަށެވެ.

comment ކޮމެންޓް