އަލީ ވަހީދު ހައްޔަރުކުރުމުގެ ކޯޓު އަމުރުގެ އިނގިރޭސި ތަރުޖަމާ ފުލުހުންނަށް ދީފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށްތަކުގެ ޝަރިއަތަށް ކްރިމިނަލް ކޯޓަށް ހާޒިރު ވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާަ

ޓުއަރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ފުލުހުންނަށް ދީފިއެވެ.

އަލީ ވަހީދު ހައްޔަރު ނުކުރެވިގެން އުޅެނީ އިނގިރޭސި ބަހުން ކޯޓު އަމުރު ނުލިބިގެން ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފައެވެ.

އިނގިރޭސި ބަހުން ކޯޓު އަމުރު ހޯދުމަށް ފުލުހުން ވަނީ ކްރިމިނަލް ކޯޓުގައި ސިޓީއަކުން އެދިފައެވެ. އަދި ފުލުހުން އެދުނު ގޮތަށް ކޯޓު އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ކްރިމިނަލް ކޯޓުން ފުލުހުންނަށް ދީފައިވާކަން އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް ވަނީ ކަށަވަރުކޮށްދީފައެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އެ އަމުރު މުރާޖައާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައެވެ.

ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ, ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ކޯޓަށް ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހުއެވެ.

ޑޮކްޓަރުގެ ވާހަކަތަކަށް ފަހު ދައުލަތުން ވަނީ އަލީ ވަހީދު ބޭސްފަރުވާއަށް ފޮނުވަން ކުރި އިއުތިރާޒު ދޫކޮށްލައިފައެވެ.

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އަލީ ވަހީދުގެ ގާތް އެކުވެރިޔާ އަސްހަދު އަލީ (އަޑުބަރޭ) ޖާމިނުވެފައި ވަނީ، ނުވަތަ ކޯޓަށް ޔަގީންކަން ދީފައި ވަނީ ހަތަރު މަސް ފަހުން އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށެވެ.

ނަމަވެސް ހަތަރު މަސް ހަމަވެގެން ދިޔައިރު ވެސް އަލީ ވަހީދު ރާއްޖެއައިސްފައެއް ނުވެއެވެ. އެހެންވެ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވަނީ ކުރިއަށް ނުގެންދެވި ހުއްޓިފައެވެ.

އަޑުބަރޭއަށް ފިޔަވަޅު އަޅަން ކުރިމިނަލް ކޯޓުން ނިންމިނަމަވެސް އޭނާގެ މައްޗަށް އެއްވެސް ފިޔަވަޅެއް އަދި އަޅާފައި ނުވެއެވެ.

comment ކޮމެންޓް