މުދައްރިސުންނާ ގުޅޭ ދިރާސާއެއްގެ ރިޕޯޓު އެމްއެންޔޫއިން ނެރެފި

ދިވެހިރާއްޖޭގައި ވަޒީފާއެއްގެ ގޮތުގައި މުދައްރިސުކަން" ނަމުގައި ދިރާސާއެއްކޮށް އެ ދިރާސާގެ ރިޕޯޓް ދިވެހެިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ އެމްއެންޔޫ

"ދިވެހިރާއްޖޭގައި ވަޒީފާއެއްގެ ގޮތުގައި މުދައްރިސުކަން" މި ނަމުގައި ދިރާސާއެއްކޮށް އެ ދިރާސާގެ ރިޕޯޓް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ނެރެފިއެވެ.

މިދިރާސާއަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަނުން އިސްނަގައިގެން ޔުނިސެފްގެ އެހީތެރިކަމާއެކު ކޮށްފައިވާ ދިރާސާއެކެވެ.

އެމްއެންޔޫ އިން ބުނީ މި ދިރާސާ ކުރުމުގެ މައިގަނޑު މަގްސަދަކީ ކިޔަވައިދިނުމުގެ ދާއިރާ ވަޒީފާއެއް ގޮތަށް އިޚްތިޔާރުކުރުމުގައި ހުރި ވިސްނުންތަކާއި، އެކަން އަގުކުރެވޭ ގޮތާއި، އެކަމަށް އަސަރު ކުރުވާ ކަންތައްތައް ދެނެގަތުމާއި ސްކޫލު ނިމޭ ދަރިވަރުން ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުގުވެރި ކުރެވޭނެ ގޮތްތައް ހޯދައި ބެލުންކަމަށެވެ.

މި ދިރާސާ ހެދިފައިވަނީ 14 ދިރާސާވެރިންގެ ޓީމަކުން ކަމަށް ވެސް އެމްއެންޔޫއިން ބުނެއެވެ. މީގެ އިތުރުން އެ ޔުނިވާސިޓީން ބުނީ އެ ދިރާސާއަކީ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ 12 ސަރަހައްދަކަށް ދަތުރުކޮށް އެއްކުރި މައުލޫމާތުގެ އަލީގައި ކުރި ދިރާސާއެއް ކަމަށެވެ.

އެ ދިރާސާކުރުމަށް 8032 މީހުންނާ ސުވާލުކޮށް ސާވޭ ކުރެވިފައިވާކަމަށާއި، 41 ފޯކަސް ގްރޫޕުގައި ގާތްގަނޑަކަށް 370 ބައިވެރިންނާ ސުވާލު ކުރި ކަމަށް ވެސް އެ ޔުނިވާސިޓީން ބުންޏެވެ.

ރާއްޖޭގައި ވަޒީފާއެއްގެ ގޮތުގައި މުދައްރިސުކަން" ނަމުގައި ދިރާސާއެއްކޮށް އެ ދިރާސާގެ ރިޕޯޓް ދިވެހެިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫ

އެމްއެންޔޫއިން ބުނީ ދިރާސާގެ ހޯދުން ތަކުގައި އެންމެ ފާހަގަކޮށްލެވުނު ކަންތައްތަކުގެ ތެރޭގައި މުދައްރިސުންގެ އެންމެ ބޮޑު އުދާސްތައް ގުޅިފައިވަނީ ކުރަންޖެހޭ މަސައްކަތުގެ ބުރަދަނާއި ހޭދަކުރަންޖެހޭ ވަގުތަށް ބަލާއިރު ލިބޭ އެކަށީގެންވާ އުޖޫރައެއް ނުލިބުންކަމަށެވެ.

އިތުރުގަޑީގެ ފައިސާ ދިނުމުގައި ކިޔަވައިދނުމުގެ ދާއިރާގައި ގެންގުޅޭ އުސޫލުތަކާއި ދެވޭ މިންވަރު އެހެނިހެން ދާއިރާތަކާއި އަޅާ ބަލާއިރު ތަފާތުވުމަކީ ވެސް މި ދިރާސާގައި ފާހަގަކުރެވުނު ކަމަކެެވެ. މިގޮތުން ދިރާސާގެ ބައިވެރިން ތަކުރާރުކޮށް އެކަމުގައި ގެންގުޅެވޭ އުސޫލުތަކުގައި ހަމަކަމެއް ނެތުމާއި ގުޅޭގޮތުން އުދާސްތައް ހިއްސާކުރިއެވެ.

މުދައްރިސުންގެ މަސައްކަތުގެ ބުރަކަމާ އުޅެން ޖެހޭ އަވަދިނެތުމުގެ ވާހަކަތައް ހިއްސާކުރަމުން ދިޔައީ އާއިލީ ޒިންމާތައް ގުރުބާންކުރާ ކަން ވެސް ދިރާސާގެ ބައިވެރިން ފާހަގަ ކުރިކަމަށް އެމްއެންޔޫއިން ބުންޏެވެ. ހަމަ މިއާއެކު، ރަސްމީ ގަޑީގެ ބޭރުން ކުރަން ޖެހޭ މަސައްކަތްތަކާއި ހޭދަކުރަން ޖެހޭ ވަގުތު ގިނަކަމުން މުދައްރިސުންގެ މަސައްކަތުގެ ހަގީގީ ވަގުތަކީ ކޮބައިކަން ޔަގީންކުރަން ދަތިވާ ވާހަކަ ދިރާސާގެ ބައިވެރިން ހިއްސާކުރިކަމަށް ވެސް އެ ޔުނިވާސިޓީން ފާހަގަކުރިއެވެ.

ދިރާސާގެ ރިޕޯޓު ނެރުމުގެ ރަސްމިއްޔާތުގައި ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު، ވައިސް ޗާންސެލަރު އަދި ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި ފެކަލްޓީތަކުގެ ޑީނުންގެ އިތުރުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ ބައެއް ސްޓޭޓް މިނިސްޓަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދިރާސާ މަސައްކަތްތަކުގެ ފެންވަރު ކަށަވަރުކުރުމަށް އެކުލަވާލި ސްޓިއަރިން ކޮމިޓީގެ މެމްބަރުންގެ އިތުރުން ދާއިރާއާ ގުޅުންހުރި ބައެއް ޖަމްއިއްޔާތަކުގެ ބޭފުޅުން ވެސް ބައިވެރިވެފައިވެއެވެ.

comment ކޮމެންޓް