ވަކި ގޮތެއް އަންގަންދެން ހިޔާ ފްލެޓުން ނަގާ ކުނި ބިލް ނުކުރާނެ: ވެމްކޯ

ހިޔާ ފްލެޓް ސަރަހައްދުގައި ހުރި ޑަސްބިންތަކެއް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފެލްޓްތަކުގައި، ވަކި ގޮތެއް އަންގަންދެން ކުނި ބިލް ނުކުރާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯއިން މިއަދު ބުނީ، ދެވަނަ ފިޔަވަހީގެ އެޕާޓްމަންޓްތަކުގައި އުފެދޭ ކުނި އުކާލުމަށް އެދި ރެޖިސްޓާ ކުރުމަށް ވެމްކޯގެ 'ހައުސްހޯލްޑް' ކަލެކްޝަން ހިދުމަތުގެ ފޯމުގައި ބިލް ކުރަން ފެށުމަށް މީގެ ކުރިން ނިންމާފައި ވީ ނަމަވެސް، އެ ނިންމުން މިހާރު ބަދަލު ކޮށްފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައި ވަނީ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވަމުންދާ މިންވަރަށް ބަލައި، އަދި އެފަދަ ފަރާތްތަކަށް އިތުރަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށް ވެމްކޯއިން ބުންޏެވެ.

ކުނި ނެގުމަށް ވެމްކޯއިން ލުޔެއް ދިނުމަށް ނިންމާފައި ވާއިރު، ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތްތައް ނިންމަން ދިން މުއްދަތުވެސް އަދި ހަމައެއް ނުވެއެވެ.

ފިނިޝިން ނިންމަން އިތުރު ތިން މަސް ދުވަސް ދިނުމާއެކު، އެ މުއްދަތު ނިމޭނީ މާޗް މަހުގައެވެ. އެހެންކަމުން ފްލެޓްތަކުގެ ކުލި ނުނަގާ މުއްދަތު ވެސް އެޗްޑީސީން ވަނީ އިތުރުކޮށްދީފައެވެ.

ހިޔާ ފްލެޓުތަކުން ކުލި ނެގުން އިތުރު ތިން މަހަށް ފަސް ކޮށްފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

comment ކޮމެންޓް