މާޒިޔާގެ ކޯޗުކަމުން މޯހަން ވަކިކޮށްފި

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެ ޓީމުގެ ހެޑް ކޯޗުކަމުގެ މަގާމުން މުހައްމަދު ޝިޔާޒް (މޯހަން) ވަކިކޮށްފިއެވެ.

އެކަން ހާމަކޮށް އެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޯހަން ވަކިކުރަން ނިންމި ނިންމުމަކީ އެ ކްލަބްގެ ބޯޑަށް ނިންމަން ޖެހުނު އުނދަގޫ ނިންމުމެއް ކަމަށެވެ.

އެކަމަކު، ކްލަބްގެ މި ވަގުތުގެ ހާލަތަށް ބަލާއިރު، އެންމެ ރަނގަޅު ގޮތަކީ އާ ކޯޗަކާ އެކު ކުރިއަށް ދިއުން ކަމަށް ފެންނާތީ އެ ގޮތަށް ނިންމީ ކަމަށް އެ ކްލަބުން ބުނެއެވެ. އަދި އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ކޯޗެއް ހަމަޖެހުމުން އެކަން މީޑިއާ އަށް ހިއްސާކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 28 ގައި މާޒިޔާގެ ކޯޗުކަމާ ހަވާލުވެ މޯހަން ވަނީ އެ ޓީމާއެކު މި އަހަރުގެ ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ. އެ މެޗުގައި ކުލަބް ވެލެންސިއާ އާ ވާދަކޮށް މާޒިޔާ މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ. ޖެހިގެން އައި ޕްރެޒިޑެންޓްސް ކަޕުގައި މާޒިޔާއިން ވަނީ އެ ފޯމުގައި އޮވެ ފުރަތަމަ ފަސް މެޗުން މޮޅުވެފައެވެ. ފަހު ދެ މެޗުގައި ގްރީން ސްޓްރީޓްސް އަތުން 2-0 އިން އަދި ވެލެންސިއާ އަތުން 1-0 އިން ބަލިވި ނަމަވެސް، ލަނޑުގެ ތަފާތުން އެ ޓީމު ވަނީ ފައިނަލް ގޮސްފައެވެ.

ރ. އަލިފުށީގައި އޮތް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި އަނެއްކާވެސް މާޒިޔާ ވަނީ ވެލެންސިއާ އަތުން ބަލިވެފައެވެ. އެ މެޗުގައި މާޒިޔާގެ މައްޗަށް ވެލެންސިއާއިން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ޑިވިޝަންގެ ހުރިހާ ތައްޓަކަށް ވާދަކުރަން ފެށިފަހުން މިއީ މާޒިޔާ ޖެހި ޖެހިގެން ތިން މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.

ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި މޯހަން މި ވަނީ ތިން ކުލަބެއްގެ ކޯޗުކަން ކޮށްފައެވެ. މިދިޔަ އަހަރުގެ ޖަނަވަރީ 16 ގައި އޭނާ ވަނީ އީގަލްސްއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލާފައެވެ. އޭގެ ތިން ދުވަސް ފަހުން ސަސް އަށް އޭނާ ގުޅުނީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުން އުވާލާފައިވަނީ އެއަހަރުގެ އޮކްޓޫބަރު 20 ގައެވެ. އޭގެ ފަހުން އޮކްޓޫބަރު 28 ގައި އޭނާ މާޒިޔާއާ އެކު ހަދާފައިވާ އެއްބަސްވުން ހެދީ މި ސީޒަނަށެވެ. މާޒިޔާއާ އެކު ޖުމުލަ ނުވަ މެޗަށްފަހު އޭނާއަށް މިވަނީ އެ ޓީމުގެ ކޯޗުކަމުން ވަކިވާން ޖެހިފައެވެ. މޯހަން އަކީ ޕްރޯ ލައިސެންސް ހަދާފައިވާ ތަޖުރިބާ ހުރި ދިވެހި ކޯޗެކެވެ.

comment ކޮމެންޓް