މިދިޔަ އަހަރު ބީއެމްއެލްއަށް 1.7 ބިލިއަން ރުފިޔާގެ ރެކޯޑު ފައިދާއެއް

މިދިޔަ އަހަރު ބީއެމްއެލްއަށް ވަނީ 1.7 ބިލިއަން ރުފިޔާގެ ރެކޯޑު ފައިދާއެއް ލިބިފަ -- ފޮޓޯ/ ބީއެމްއެލް

މިދިޔަ އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތަކަށް ބަލާއިރު ޓެކްސް އަށް ކެނޑުމަށްފަހު, ފައިދާގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް 1.7 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

ބީއެމްއެލްއިން ބުނީ އެއީ އެ ބޭންކަށް މިހާތަނަށް ލިބުނު އެންމެ ރަނގަޅު މާލީ ނަތީޖާ ކަމަށެވެ. އަދި މިއީ ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ކޮށްފައިވާ ނޭދެވޭ އަސަރާއެކު ލިބުނު ގެއްލުމުން އަރައިގަތުމުގައި ރަނގަޅު ކުރިއެރުމެއް ހޯދައި، އާމްދަނީ ލިބޭ މައިގަނޑު ދާއިރާތަކުން އަންދާޒާ ކުރެވުނު ވަރަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދައި އަދި ދައްކަންޖެހި ނުދައްކާ އޮތް ލޯނަކަށް ތިންވަނަ ކުއާޓަރުގައި އެއްފަހަރާ ލިބުނު ފައިސާ ހިމެނޭހެން ހޯދުނު ނަތީޖާއެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މި ނަތީޖާއާ ބެހޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ކޮވިޑްގެ ހާލާތާ ގުޅިގެން ބޭންކު ހިންގުމުގައި ދަތިތަކެއް ކުރިމަތިވިކަމުގައި ވީނަމަވެސް، މިދިޔަ އަހަރު ވިޔަފާރިން ހަރުދަނާ ނަތީޖާއެއް ހޯދިފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތްކުރަމުންދާ ބޭންކުގެ ޓީމުތަކުން ކުރި ބުރަމަސައްކަތުން ކަމަށެވެ.

"އަޅުގަނޑުމެން ދޫކުރާ ލޯނުގެ ނިސްބަތްވަނީ އިރުތުވެފަ. އަދި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަނީ ރަނގަޅުވެ %2.5 ގައި ހިފެހެއްޓިފައި. މިދިޔަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 3.3 ބިލިއަން ރުފިޔާ އަށް ވުރެ އިތުރު އަދަދަކަށް އައު ލޯނު ދޫކޮށްފައިވޭ،" ސޯޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ބީއެމްއެލްއަށް ލިބުނު ފައިދާގެ ސަބަބުން ބޭންކުގެ ހިއްސާ އޮންނަ ފަރާތްތަކަށް މަންފާ ކުރާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މި ނަތީޖާ އާއެކު ހަރުދަނާކަމާއެކީ ދެމެހެއްޓެނެވި ގޮތެއްގައި ބޭންކުން ކަނޑައަޅާފައިވާ ސްޓްރެޓެޖީ ހާސިލްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ. އަދި ހިއްސާ އޮންނަ ފަރާތްތަކުން އުއްމީދުކުރާ ފަދަ ކުރިއެރުމެއް ބޭންކަށް ހޯދައިދިނުމަށްވެސް ފަސޭހަވެގެން ދާނެ. އަޅުގަނޑުމެންނަށް މި ހޯދުނު ނަތީޖާއާއެކު ސީދާ ގޮތުން އެންމެ ބޮޑު މަންފާއެއް ލިބިގެންދާނީ ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް. މި ގޮތުން ދިވެިރާއްޖޭގެ އިގްތިސާދަށް އެހީތެރިވުމަށް ވަރަށް ރަނގަޅު އަދަދެއް ސަރުކާރަށް ލިބިގެންދާނެ،" ސޯޔާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ބީއެމްއެލްގެ އެސެޓަށް ގާތްގަނޑަކަށް 7.6 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް 5.3 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ. އަދި ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައެވެ.

މިއަހަރުގެ ނޮވެންބަރު މަހު ބީއެމްއެލްއަށް 40 އަހަރު ފުރޭނެއެވެ. އަދި އެ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ވެސް ފާހަގަކޮށްލެވޭ، ބޮޑެތި ހަރަކާތްތަކެއް ހިންގުމަށް ބޭންކުން ވަނީ ނިންމާފައެވެ.

މިއީ ކަސްޓަމަރުންނަށާއި މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމަށާއި އަގުވަޒަން ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތައް ކަމަށް ބީއެމްއެލްއިން ބުންޏެވެ. މިގޮތުން މިހާތަނަށް ބީއެމްއެލްއިން ވަނީ ސްކޮލާޝިޕް ފަންޑު، ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުތަކެއް ގެނެއުމަށް އެހީވުމުގެ ޕްރޮގްރާމްގެ އިތުުރުން ބީއެމްއެލް ސްޓާޓަޕް ގްރާންޓް ފަންޑު އިފްތިތާހްކޮށްފައެވެ.

comment ކޮމެންޓް