އދ. ދިއްދޫގައި ޑޮކްޓަރަކު ނެތި ދެ މަސް، އެމްބިއުލާންސް އޮތީ ހަލާކުވެފައި

އދ. ދިއްދޫ ސިއްހީ މަރުކަޒު --

އދ. ދިއްދޫގައި ޑޮކްޓަރަކު ނެތި ދެމަސް ވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ގިނަ ދަތިތަކެއް ދިމާވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަހްމަދު މުހައްމަދު "ސަން"އަށް ވިދާޅުވީ ޑޮކްޓަރަކު ނެތި ދެމަސް ވާން ކައިރިވެފައިވާއިރު ޑޮކްޓަރަށް ދައްކަނީ މަހިބަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލާ ގުޅިގެން އޮންލައިންކޮށް ކަމަށެވެ.

އަހްމަދު ވިދާޅުވީ ޑޮކްޓަރެއް ހޯދަން ހެލްތު މިނިސްޓްރީއާ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށާއި ފެބްރުވަރީ މަހު ޑޮކްޓަރަކު ހަމަޖެހޭނެކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން، އަހްމަދު ފާހަގަ ކުރެއްވީ އެ ރަށަށް އެމްބިއުލާންސްގެ ހިދުމަތް އަދި ދުވަހަކު ވެސް ދެވިފައި ނުވާ ކަމަށެވެ.

"ކުރިން ގެނައި ކުޑަކުޑަ އެމްބިއުލާންސެއް އޮވޭ. އެކަމަކު އޭތި ބޭނުމެއް ނުކުރެވޭ އެއްވެސް ވަރަކަށް. މިހާރު އޭތި އޮތީ ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެސް ވެފައި އެހެން އޮވެެއޮވެ،" އަހްމަދު ވިދާޅުވިއެވެ.

އަހްމަދު ވިދާޅުވިގޮތުގައި އޭރު އެމްބިއުލާންސްގެ ހިދުމަތް ނުދެވުނީ ދުއްވާނެ މީހަކު ނެތުމުންނެވެ. އަދި ވަރަށް އަވަހަށް ދިއްދުއަށް އެމްބިއުލާންސެއް ލިބޭނެކަމަށް ހެލްތު މިނިސްްޓްރީން ބުނެފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"މިހާރު ބަލި މީހެއް އުފުލަން ވެއްޖިއްޔާ ވެސް އަޅުގަނޑުމެން ކޮންމެވެސް ބަގީއެއް ނޫނީ ކާރެއް ބޭނުން ކުރަނީ،" އަހްމަދު ވިދާޅުވިއެވެ.

ޑޮކްޓަރަކު ނެތި ގިނަ ދުވަސްތަކެއް ވެފައިވާތީ 211އެއްހާ މީހުންގެ އާބާދީއެއް އޮންނަ ދިއްދޫ ރައްޔިތުންގެ ކަންބޮޑުވުން ބޮޑެވެ. ކިތަންމެ ކުޑަކުޑަ ޓެސްޓެއް ހަދަން ވިޔަސް ފުރައިގެން މަހިބަދޫއަށް ދާން ޖެހުމަކީ ވަރަށް ބޮޑު ދައްޗެއް ކަމުގައި އެ ރަށު ރައްޔިތުން ބުނެއެވެ.

comment ކޮމެންޓް