ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލަށް ކުރިމަތިލުމަށް ހުޅުވާލައިފި

މިނިސްޓާ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދު ދީދީ --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ މީހުންގެ ކައުންސިލުގެ އިންތިހާބީ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ ހަތަރު ދާއިރާއަކުން އެ ކައުންސިލަށް މެންބަރުން އިންތިހާބުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި ދާއިރާތަކަކީ:

  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން ހޮވާ މެންބަރު

  • ނަފްސާނީ ބަލިތަކާ ބެހޭ ހިދުމަތްތެރީންގެ ތެރެއިން އެމީހުން ހޮވާ މެންބަރު

  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެންބަރު

  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހޮވާ މެންބަރު

އެ ކައުންސިލަށް ކުރިމަތިލާ މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ހޮވާ މެންބަރަކީ އެފަދަ މީހުންގެ ދަފްތަރުކުރެވިފައިވާ މީހަކަށް ވާންޖެހެއެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި ވަކާލާތުކުރާ މީހަކަށް ވާންޖެހޭއިރު، ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތަކަށް ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާއެއް ކުރުމުގެ ރެކޯޑެއް ނެތް މީހަކަށް ވާން ޖެހެއެވެ.

ނަފްސާނީ ބަލިތަކާ ބެހޭ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ހޮވާ މެންބަރަކީ އެ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގުރީއެއް ހާސިލު ކުރުމާއެކު، މަދުވެގެން ތިން އަހަރުދުވަހުގެ ތަޖުރިބާ ހުރި މީހަކަށް ވާންޖެހެއެވެ. މީގެ އިތުރުން، މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓްރީ ވެފައިވާ މީހަކަށް ވާން ޖެހެއެވެ. އަދި، އަނިޔާއެއް، ނުވަތަ އިހުމާލެއްގެ ރެކޯޑެއް ނެތް މީހަކަށް ވެސް ވާންޖެހެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންގެ ތެރެއިން ހޮވާ މެންބަރަކީ ބެލެނިވެރިއެއްގެ ގޮތުގައި ދަފްތަރުކުރެވިފައިވާ މީހަކަށް ވާންޖެހެއެވެ. އަދި ހާއްސަ އެހީތެރިކަން ބޭނުންވާ މީހަކަށް އަނިޔާއެއް ކުރުމުގެ ނުވަތަ އިހުމާލެއް ވުމުގެ ރެކޯޑެއް ނެތުމާއި، އެފަދަ މީހުންގެ ހައްގުގައި ވަކާލާތުކުރުމަކީ ވެސް މި މަގާމުގެ ޝަރުތުތަކެވެ.

އެ ކައުންސިލުގެ އިންތިހާބަށް ކުރިމަތިލާ މީހުން ފޯމް ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަކީ މިމަހުގެ 30 ވަނަ ދުވަހުގެ 14:00 އެވެ. އެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 19ވަނަ ދުވަހުއެވެ.

comment ކޮމެންޓް