ކޮވިޑް ސާމްޕަލް އުފުލުމަށް 13 ލޯންޗު ގަންނަނީ

ރާއްޖޭގައި ދުއްވާ ސީ އެމްބިއުލާންސެއް -- ސަން ފައިލް ފޮޓޯ

ކޮވިޑް-19 ސާމްޕަލް ރަށްރަށުން މާލެ ގެނައުމަށް، 13 ލޯންޗު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ދިވެހި ސަރުކާރުން ވޯލްޑް ބޭންކުގެ އެހީގައި ހިންގަމުންދާ ކޮވިޑް-19 އެމާޖަންސީ ރެސްޕޮންސް އެންޑް ހެލްތް ސިސްޓަމް ޕްރިޕެއަރޑްނެސް ޕްރޮޖެކްޓްގެ ދަށުން ސާންޕަލް ޓްރާންސްފާ ކުރުމަށް ސްޕީޑުބޯޓުތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.

ފިނޭންސުން ވަނީ ސާންޕަލް ޓްރާންސްފާ ކުރުމަށް 13 ސްޕީޑްބޯޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފައެވެ.

މި ބީލަމުގެ ކަންކަން ކުރިއަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައި.ސީ.ބީ) އުސޫލުގެ މަތިން، ވޯލްޑް ބޭންކް ގައިޑްލައިންސް އައިޑީއޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތައް ހޯދުމަށް ތައްޔާރުކޮށްފައިވާ ރެގިއުލޭޝަނާ އެއްގޮތަށް ކަމަށް ފިނޭންސުން ބުންޏެވެ.

މި ބީލަމުގެ ރެޖިސްޓްރީގެ ގޮތުގައި 1500 ރުފިޔާ ދައްކަން ޖެހޭއިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި 25،000 އެމެރިކާ ޑޮލަރު ބަހައްޓަން ޖެހެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

comment ކޮމެންޓް