ނިމުމެއް ނެތް ހަނގުރާމަ

ކާނިވާ ސަރަހައްދުގައި ހަދާފައިވާ ޕާކިން އޭރިއާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ މަގުތަކަކީ ވަރަށް ގިނަ ކަންކަން ކުރުމުގައި ބޮޑެތި ތަކުލީފުތަކެއް އުފުލާން ޖެހޭ މަގުތަކެކެވެ. ހިނގާބިނގާވެ އުޅުމުގައެވެ. ދަތުރުފަތުރު ކުރުމުގައެވެ މުދާ އަރުވައި ބޭލުމުގައެވެ. ޕާކުކުރުމުގައެވެ. އަދިވެސް އެތައް ކަމެއްގައެވެ. މިއިން ކޮންމެ ކަމަކީ ވެސް، މާލޭގެ މަގުތަކާ ޖެހުމުން ކަނޑު އަޑިން އެންދެރި ނެގުމަށްވުރެ ވެސް އުނދަގޫ ކަމެކެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވަނީ ޕާކުކުރުމުގެ މައްސަލައެވެ. މާލޭގައި ޕާކުކުރާން ހުރި ޖާގަތަކަށްވުރެ، ދުއްވާތަކެތި ގިނައެވެ. އެހެންކަމުން އަބަދު ވެސް އޮންނަނީ ޕާކުކޮށްލާނެ ތަންކޮޅަކަށް އެދި ސަލާންޖަހަން ޖެހިފައެވެ.

ޕާކުކުރުމުގެ މައްސަލައަށް ޙައްލެއް ހޯދައިދެވޭތޯ ސަރުކާރުން މަސައްކަތްތަކެއް ކުރެއެވެ. ގިނަ މަގުތަކާއި ގޯޅިތަކުގެ އެއް ފަރާތް ވަނީ، ޕާކުކުރަން ޚާއްޞަކޮށްފައެވެ. ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށާއި ދެ ފުރޮޅުލީ އުޅަނދުފަހަރަށް ވަކިން ޖާގަ ހަދާފައެވެ. މީގެ އިތުރުން އެތައް ބައިވަރު ހުސް ބިންތަކެއް ވެސް މިއަދު ވަނީ ޕާކުކުރުމަށް ޚާއްޞަކޮށްފައެވެ. ތަރުތީބުން ފަސޭހައިން ބެހެއްޓޭނޭ އިންތިޒާމާއެކުގައެވެ.

ކަން މިހެން އޮތް ނަމަވެސް، ބައެއް ގަޑިގަޑީގައި، ބައެއް ސަރަޙައްދުތަކުގައި، ޕާކުކޮށްލާނެ ތަންކޮޅެއް ނުލިބިގެން، އެތައް ހިސާބު ދުރަކަށް ދުއްވާން އެބަ ޖެހެއެވެ. އެތައް ތަނެއްގައި މުގޯލިއަޅާން އެބަ ޖެހެއެވެ. ވަންނަންޖެހޭ ގެއާ ނުވަތަ އޮފީހާ ނުވަތަ ފިހާރައާ މާ ދުރުގައި ޕާކުކުރާން ޖެހެނީ ވެސް މަދެއްކޮށެއް ނޫނެވެ. ބައެއް ފަހަރު ގަޑިއަށް ތަންތަނަށް ދާން ނުކުމެ އުޅޭ މީހުންނަށް، މި ސަކަރާތެއްގައި އުޅެއުޅެ ތިއްބާ ގަޑިޖެހޭތަން ވެސް އާދެއެވެ.

މި ފަދަ ދަތި ގޮތަކަށް މާލޭގެ މަގުތަކުގައި މިކަން އޮތް އިރު، މި ކަން އިތުރަށް ދަތިކުރަނީ، ޕާކުކުރުމަށް ސަރުކާރުން ހަމަޖައްސާފައި އޮންނަ އުސޫލުތަކާ ޚިލާފުވާތީއެވެ. ކާޅު ބިސްއަޅަން ހެދި ހާއްޔަށް، ކޮވެލި އައިސް ބިސް އަޅާތީއެވެ. ސައިކަލުގެ ޖާގައިގައި، ކާރެއް ބާއްވަފާނެއެވެ. ކާރުގެ ޖާގައިގައި ސައިކަލެއް ބަހައްޓަފާނެއެވެ. ނުވަތަ ޒޯނުން ބޮޑު ޖާގައެއް ކޮންމެވެސް އެހެން ކަމަކަށް ހިބަކޮށްފައި ހުރެދާނެއެވެ. ބައެއް ފަހަރު އެއްވެސް ތަރުތީބެއް ނެތި، ހުރަހަށް ބިތަށް ސައިކަލު ފަދަ އުޅަނދުތައް ބަހައްޓާފައި ހުރެއެވެ. މި ފަދަ ގޮތްގޮތަށް ކަންކަން ކުރުމުން، ޕާކުކުރުމަށް އިތުރު ދަތިތަކާ އަންނަނީ ކުރިމަތިވަމުންނެވެ.

މައްޗަންގޯޅީގައި އޮންނަ މަގެއްގައި މިހާރުވެސް ހިނގަމުން އަންނަ ކަމެއްގެ ވާހަކަ، މިހައި ހިސާބުން ހިއްސާކޮށްލާނަމެވެ. އެ މަގަކީ، ސައިކަލު، ބައިސްކަލު ފަދަ އުޅަނދުފަހަރު ދުއްވަން، ޚާއްޞަކޮށްފައި އޮންނަ ހަނި މަގެކެވެ. މަގުގެ ދެ ފަތާރުން ކުރެ ފަރާތެއްގައި ދުވާރެއް ނޯވެއެވެ. މަގުގެ އެއް ފަރާތް ޚާއްޞަކޮށްފައި އޮންނަނީ ޕާކުކުރުމަށެވެ. އެ ފަރާތުގައި ކުޑަކުޑަ "ޓޭކްއަވޭ" ކަޑައެއް ހުރެއެވެ. އެ ވެރިން އެ ތަނުގެ ކުރިމަތީ ޕާކިން ޒޯނުގައި ހުންނަނީ ޕެލެޓް އަތުރައި، ޕާކިން ޒޯނުން ބައެއް "އަމިއްލަ"ކޮށްފައެވެ. ކޮން ބޭނުމަކު ކަމަށްތޯއެވެ؟ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށެވެ. މަގަށް ހުޅުވާލެވޭ ގޮތަށް އިމާރާތުގައި މޭޒެއް ހަރުކޮށް، ޕެލެޓްތައްމަތީ، ގޮނޑި އަތުރާލައިގެންނެވެ. ޕާކުރާން ހުރި ޖާގައިން ބައެއް، އެ ވެރީންގެ ވިޔަފާރިއަށް ޚާއްޞަކޮށްލީއެވެ.

ޕާކިންޒޯނުގައި ޕެލެޓް އަތުރައިގެން ޕާކިން ޒޯނުން ޖާގަ މިލްކުކުރުމަކީ، މާލޭގައި ވަރަށް ޢާންމުވެފައިވާ ބޮޑު މައްސަލައެކެވެ. ބައެއް މީހުން ހުންނަނީ ޕެލެޓް ނަގައިފާނެތީ، ޗޭނު އޮޅައި ތަޅު ވެސް ހަރުކޮށްފައެވެ. އަމިއްލަ ކޮންމެވެސް ބޭނުމަކުއެވެ. އޭރު ޕާކުރާނެ ތަންކޮޅެއް ނުލިބިގެން ބުރުއަޅާ އެތައް ބަޔަކު ފެނެއެވެ. ޒޯނުން ތަންކޮޅެއް ނުލިބުމުން، ދެން މި ޖެހެނީ އެހެން ގޮތެއް ނެތިގެން، ޒޯނުން ބޭރުގައި ބަހައްޓާފައި ކެފޭއަށް ވަންނާށެވެ. ފިހާރައަށް ނޫނީ އޮފީހަށް ދާށެވެ. މިސްކިތަށް އަރާށެވެ. ނިކުންނަ އިރު، ގިނަ ފަހަރު ހުންނަނީ އިސްޓިކާ ޖަހާފައެވެ. ނޫނީ ޓޯކޮށްފައެވެ. ކުށްވެރިވީ ޒޯނުން ބޭރުގައި ޕާކުކުރި މީހާއެވެ. ޒޯނުން ބައެއް ނަގައިގެން، ޖާގަ ހިފެހެއްޓި މީހާ ހުރީ، ހެވިފައި މަންޒަރުބަލާ މީހެއްގެ ގޮތުގައެވެ.

މާލޭގެ މަގުތަކުގައި ޕާކުކުރުމުގެ ދަތިކަން ހުރި މިންވަރު، ދުއްވާ އެއްޗަކަށް އަރައި އުޅޭ ކޮންމެ މީހަކަށް ވެސް ވަޒަން ކުރެވޭނެއެވެ. ޕާކުރާން ވެއްޖެ ނަމަ، ގިނަ ފަހަރު މީހުން އުޅޭ ދަތި ހާލު، މަގުމައްޗަށް ނިކުމެ އުޅޭ ކޮންމެ މީހަކަށް ވެސް ފެންނާނެއެވެ. ވީ އިރު އެންމެންނަށް ޚާއްޞަކޮށްފައިވާ ޕާކިން ޒޯނުތަކުން، އަމިއްލަ ފައިދާއަށް ޓަކައި، ތިޔަ ގޮތަށް ޖާގަ ނުނަގާށެވެ! އެއީ ހެދޭ ގޯހެކެވެ. ސަބަބަކީ އެންމެންގެ ތަނަކުން ބައެއް، ތިމާގެ އަމިއްލަ ތަނަކަށް ހަދައިލެވޭތީއެވެ. އެތައް ބަޔެއްގެ ޙައްޤަށް އަރައިގަނެވޭތީއެވެ. މި ފަދަ ކަންކަން ވަރަށް ބޮޑު ގޯހަކަށް މެނުވީ ނުވާނެއެވެ.

comment ކޮމެންޓް