ގުޅީފަޅު މައްސަލައިގައި ސިޓީ ކައުންސިލުން އެންމެ ފަހުން ކޯޓަށް ދަނީ

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސަންއަށް ދެއްވި އިންޓަރވިއުގެ ތެރެއިން -- ސަން ފޮޓޯ/ ނާއިލް ހުސައިން

ގުޅީފަޅުގެ އިޚްތިސޯސު ހޯދައި، އެ ރަށުން މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، މާލޭ ސިޓީ ކައުންސިލުން ކޯޓަށް ދާން ނިންމައިފިއެވެ.

މިއަދު ބޭއްވި އެ ކައުންސިލުގެ ބައްދަލުވުމުގައި މި މައްސަލައިގައި ކޯޓަށް ދިއުމަށް ހުށަހަޅައިފައިވަނީ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ. ގުޅީފަޅަކީ މާލެ ރައްޔިތުންގެ ގެދޮރުވެރިކަމަށް ހާއްސަވާން ޖެހޭ ރަށެއް ކަން ފާހަގަކޮށް އޭނާ ވަނީ މި މައްސަލައިގައި ކޯޓަށް ދިއުމަށް ހުށަހަޅައިފައެވެ.

އެ ބައްދަލުވުމުގައި ނެގި ވޯޓުގައި، ސިޓީ ކައުންސިލުން ކޯޓަށް ދިއުމަށް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 12 މެންބަރުންގެ އަގްލަބިއްޔަތުންނެވެ.

މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ގުޅީފަޅު މައްސަލައިގައި އަލި މަގެއް ނުފެނިއްޖެނަމަ ކޯޓަށް ދިއުމަށް ފާސްކޮށްފައެވެ. އެކަމާ ގުޅިގެން މޭޔަރު ޑރ. މުހައްމަދު މުއިއްޒު އޭރު ވިދާޅުވަމުން އައީ ގުޅީފަޅު ޕްލޭނަށް ބަދަލު ގެނައުމަށް ސަރުކާރާއެކު ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކައުންސިލުން ކުރާނެ ކަމަށާއި އެކަމަށް އެދެމުން ދާނެ ކަމަށެވެ.

ސިޓީ ކައުންސިލްގެ ޕްލޭނަކީ ފަޅުން 200 އެއްހާ ހެކްޓަރުގެ ބިން ހިއްކައިގެން، 40،000 އެއްހާ ގޯތި ދޫކުރުން ކަމަށް މީގެ ކުރިން މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މަދުވެގެން 30،000 ރައްޔިތުންނަށް ގެދޮރު ލިބޭނެހެން ގުޅީފަޅު ޕްލޭން ރިވައިޒްކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށް ވެސް މީގެ ކުރިން މުއިއްޒު ވަނީ ވިދާޅުވެފައިވެއެވެ.

މިސަރުކާރުން ގުޅީފަޅުގައި ބޮޑު ޕޯޓެއް ހަދަން ނިންމައި އެކަމުގެ މަސައްކަތްތައް ވަނީ ފަށައިފައެވެ.

comment ކޮމެންޓް