"އިންޑިއާގެ ގާނޫނު އަސާސީއާކު ގިނަ ޑިމޮކްރެސީތަކަށް ހިތްވަރު ލިބިގެން ދިޔަ"

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއެކު -- ފޮޓޯ/ މަޖިލިސް

އިންޑިއާގެ ގާނޫނު އަސާސީ އުފެދުން ވެގެން ދިޔައީ ދުނިޔޭގެ ގިނަ ޑިމޮކްރެސީތަކަށް ލިބުނު ހިތްވަރަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.

ނަޝީދު ވިދާޅުވީ މިއަދު ފާހަގަކުރަމުން މި އަންނަނީ ދެކުނު އޭޝިޔާއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ގުނާ ޢަދަދު ނުކުރެވޭހާ ގިނަ ޑިމޮކްރަސީތަކަށް ހިތްވަރު ލިބިގެން ދިޔަ، އިންޑިޔާގެ ޖުމްހޫރިއްޔަތާއި، އިންޑިޔާގެ ޑިމޮކްރެޓިކް ގާނޫނު އަސާސީ އުފެދިގެން ދިޔަ ދުވަސް ކަމަށެވެ.

އެ މަނިކުފާނު ވަނީ ދުވަހުގެ ތަހުނިޔާ އިންޑިއާގެ ރައީސާއި ބޮޑު ވަޒީރުގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް ފޮނުއްވަވައިފައެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހަކީ ކޮންމެ އަހަރެއްގެ ޖެނުއަރީމަހުގެ 26 ވަނަ ދުވަހެވެ. ޖުމްހޫރީ ދުވަސް އިންޑިއާއިން ފާހަގަކުރަނީ 1950 ވަނަ އަހަރު އެ ގައުމުގެ ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށުމުގެ މުނާސަބަތުގަވެ.

މި ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ފޮނުއްވައިފައެވެ. ދުވަހާ ގުޅިގެން ރައީސް ވިދާޅުވީ އިންޑިއާގެ ޖުމްހޫރިއްޔަތާއި، ޑިމޮކްރެޓިކް އަދި ދުސްތޫރީ ހަމަތަކަކަކީ އެހެން ގައުމުތަކުގެ ޑިމޮކްރަސީއަށް އާ ވެގެންދާ އުންމީދެއް ކަމަށެވެ.

comment ކޮމެންޓް