އިންޑިއާގެ ޑިމޮކްރަސީން އެހެން ގައުމުތަކުގެ ޑިމޮކްރަސީއަށް އުންމީދު ގެނުވާ: ރައީސް

ޖޫން 9، 2019: އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާގެ ޑިމޮކްރަސީއަކީ އެހެން ގައުމުތަކުގެ ޑިމޮކްރަސީއަށް އުންމީދު ގެނުވާ ފަދަ ޑިމޮކްރެސީއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އިންޑިއާގެ ޖުމްހޫރި ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.

ރައީސްގެ ޓްވީޓުގައި އެ ގައުމުގެ 73 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައީސް ރާމް ނާތް ކޯވިންދުގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް ފޮނުއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިންޑިއާގެ ޖުމްހޫރިއްޔަތާއި، ޑިމޮކްރެޓިކް އަދި ދުސްތޫރީ ހަމަތަކަކަކީ އެހެން ގައުމުތަކުގެ ޑިމޮކްރަސީއަށް އާ ވެގެންދާ އުންމީދެއް ކަމަށެވެ.

ރައީސްގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފައެވެ.

ތަހުނިޔާ ފޮނުއްވަވައި މިނިސްޓަރު މާރިޔާ މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މި ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ރައްޔިތުންނަށް ވަރަށް ކުރިއެރުމާއި ފާގަތިކަން އެދޭ ކަމަށާއި
ރާއްޖެއާއި އިންޑިއާއާ ދެގައުމުގެ ރައްޔިތުންގެ ލާބައާއި، ފާގަތިކަން އިތުރު ހަރުފަތަކަށް ގެންދިޔުމަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމި އޮންނާނެ ކަމަށެވެ.

މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓުގައި ވަނީ ރާއްޖޭގެ އެންމެ ގާތް، އެންމެ އިތުބާރު ކުރެވޭ އަވައްޓެރި ގައުމުގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވަވައި، ދެ ގައުމުގެ ރައްޔިތުންނަށް ފައިދާ ކުރާނެހެން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް އެދޭ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމް ވެސް ވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ވެރިންނާއި ރައްޔިތުންނަށް ފޮނުއްވައިފައެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހަކީ ކޮންމެ އަހަރެއްގެ ޖެނުއަރީމަހުގެ 26 ވަނަ ދުވަހެވެ. ޖުމްހޫރީ ދުވަސް އިންޑިއާއިން ފާހަގަކުރަނީ 1950 ވަނަ އަހަރު އެ ގައުމުގެ ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށުމުގެ މުނާސަބަތުގަވެ.

comment ކޮމެންޓް