މަހުލޫފްގެ ޝަރީއަތް ފަށާނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން: ކްރިމިނަލް ކޯޓް

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް: އޭނާގެ މައްސަލައިގެ ޝަރީއަތް ދެން ފަށާނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން-- ސަން ފޮޓޯ

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތު ހިފުމުގެ މައްސަލައިގެ ޝަރީއަތްތައް ދެން ފަށާނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފިއެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލްކުރީ މިދިޔަ ހަފްތާ ބުދަ ދުވަހަށެވެ. ނަމަވެސް އިދާރީ ސަބަބަކާ ހުރެ ކަމަށް ބުނެ ފަހުން ވަނީ އަޑުއެހުން ކެންސަލް ކޮށްފައެވެ.

ދެން އަޑުއެހުމެއް ބާއްވާނެ ދުވަހާ ގުޅޭގޮތުން "ސަން" އިން ސުވާލު ކުރުމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ހިންގަން ނިންމާފައި އޮތީ ހުރިހާ ފަރާތެއް ކޯޓަށް ހާޒިރުކޮށްގެން ކަމަށްވާއިރު ކޮވިޑްގެ ހާލަތު ރަނގަޅުވުމުން އެ މައްސަލަ ޝެޑިއުލް ކުރާނެ ކަމަށެވެ.

https://sun.mv/161003

ދައުވާ އުފުލާފައިވާ މަހުލޫފާ ދޭތެރޭ ސަރުކާރަކުން އެއްވެސް ފިޔަވަޅެއް ނާޅައެވެ. އޭނާ މިހާރު ވެސް ގެންދަވަނީ އެކިއެކި ޕްރޮޖެކްޓްތައް ހިންގުމަށާއި އެމްޑީޕީގެ ކެމްޕެއިންގައި ހަރަކާތްތެރިވަމުންނެވެ.

މިސަރުކާރުން ކޮރަޕްޝަނަށް ދޭނީ "ޒީރޯ ޓޮލަރެންސް" ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާއިރު މަހުލޫފަށް ދައުވާ ކުރުމުން ވެސް މަގާމުގައި ބަހައްޓާތީ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މަހުލޫފްގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފައިވާއިރު، އޭނާއާމެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވަނީ ކީއްވެގެން ކަމެއް ރައީސް އޮފީހުން ބުނެފައެއް ނުވެއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށްފަހު މަހްލޫފާ ދެކޮޅަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ ޖޫން މަހު، އޭނާ ވަޒީރުކަމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައެވެ.

އެއަށްފަހު، މަހްލޫފްގެ ސަސްޕެންޝަން އުވައިލީ އޭނާގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވިތާ ހަތަރު މަސް ދުވަސް ވީއިރު ވެސް، އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކޮށްފައި ނުވާތީއެވެ.

ރިޝްވަތުގެ ދައުވާ މަހުލޫފްގެ މައްޗަށް އުފުލީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީއެވެ.

މަހުލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ޢަބްދުލްޣަފޫރު ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު ކުރިން "ސަން"އަށް ވިދާޅުވީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަހުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު، އޭނާގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ސެޕްޓެމްބަރު 1، 2014 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މަހްލޫފްގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުންނެވެ.

comment ކޮމެންޓް