މަހްމޫދު މަރާލިކަން ސާލިމްގެ މައްޗަށް ސާބިތުވެއްޖެ

މަހުމޫދުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ސާލިމް -- ސަން ފޮޓޯ

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލިކަމަށް އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޝާ އަލޮމް މިއާ (ސާލިމް) ގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

އެ މައްސަލައިގައި ސާލިމްގެ މައްޗަށް ވަނީ ދެ ދައުވާއެއް އުފުލައިފައެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާއެވެ.

ސާލިމަށް ކުރި ދައުވާގައި ބުނެފައި ވަނީ އޭނާ މަހްމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދެ ދަގަނޑުބުރިން މަހްމޫދުގެ މެޔާއި ކަރަށް ހަމަލާދީގެން ކަމަށެވެ. އަދި މަހްމޫދުގެ ހަށިގަނޑުގެ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ފެންވަޅަކަށް ބޯކޮޅުވަތަށް ވައްޓާލި ކަމަށެވެ.

ސާލިމް މިކަންކަމަށް އިއުތިރާފްވި ނަމަވެސް ދައުލަތުން އެދުނީ މަރުގެ މައްސަލައަކަށް ވާތީ ހެކި ހުށަހަޅައިގެން ކުރިއަށް ދާށެވެ.

ދައުލަތުގެ މި ހުށަހެޅުމަށް ދިފާއީ ވަކީލް ވިދާޅުވީ ކުށަށް އިއުތިރާފްވުމުން އަމަލުކުރާނެ ގޮތް ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި އެބަ އޮތް ކަމަށެެވެ.

މި މައްސަލައިގައި ސާލިމް ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައި އަދަބު ކުޑަކޮށްދޭން އެދިފައެވެ. ނަމަވެސް ދައުލަތުގެ ވަކީލުން ވިދާޅުވީ ހުރިހާ ވާރިސުން ވެސް ބޭނުންވަނީ މަރަށްމަރު ހިފަންކަމަށެވެ. އެހެންކަމުން ދައުލަތުން ނިންމައިފައިވަނީ އިއުތިރާފްގެ އެއްބަސްވުމެއް ނުހެދުމަށެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި އިސްގާޒީ އަހްމަދު ސަކީލް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅާފައެވެ. މަރުގެ މައްސަލައެއް ކަމަށްވުމުން ހުކުމު ކުރުމުގެ ކުރިން ވާރިސުންގެ ބަސް ހޯދަން ޖެހޭނެއެވެ.

އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ, ވާރިސުންގެ ބަސް ނެގުމަށް 10 ދުވަސް ނަގާނެ ކަމަށެވެ.

comment ކޮމެންޓް