ކޮވިޑްގައި ދަނގެތީން މީހަކު މަރުވެއްޖެ

އދ. ދަނގެތީ ސިއްހީމަތުކަޒު -- ސަން ފޮޓޯ -- ފަޔާޒު މޫސާ

ކޮވިޑް ޖެހިގެން އދ. ދަނގެތީން މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭން މިއަދު ބުނީ ރޭ 12:24 ހާއިރު ދަނގެތީން މަރުވެފައިވަނީ 50 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އޭނާ މަރުވެފައި ވަނީ އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދެމުން ދަނިކޮށެވެ.

މިއީ ކޮވިޑްގައި ރާއްޖޭން މަރުވި 272 ވަނަ މީހާއެވެ. އަދި މިމަހު އެ ބަލީގައި މަރުވި އަށް ވަނަ މީހާއެވެ.

ކޮވިޑްގެ އާ ރާޅަކާއެކު ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވާ މީހުން ބޮޑުތަނުން ވަނީ އިތުރުވާން ފަށައިފައެވެ. އަދި ކައިރިކައިރީގައި މީހުން ދަނީ އެ ބަލީގައި މަރުވަމުންނެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުއެވެ. އެ މަހު ރާއްޖެއިން 89 މީހަކު ކޮވިޑްގައި މަރުވިއެވެ.

ރާއްޖެއިން އިއްޔެ 2,609 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 1,427 މީހަކު ހިމެނެއެވެ.

comment ކޮމެންޓް