މި މަހު ސާވިސްޗާޖުގެ ގޮތުގައި ތިން ރިސޯޓަކުން ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ

ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ މުވައްޒަފުން ހިދުމަތުގައި-- ފޮޓޯ/ ވެލާ ރިސޯޓް

މި މަހުގެ ސާވިސްޗާޖުގެ ގޮތުގައި ބައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ތިން ރިސޯޓެއްގެ މުވައްޒަފުންނަށް ދީފިއެވެ.

ސާވިސް ޗާޖުގެ މައުލޫމާތު ހިއްސާކުރާ ފޭސްބުކް ޕޭޖް ރިޒޯޓް ވޯކާސް މޯލްޑިވްސް ޕޭޖުން އާންމު ކުރި ތަފާސް ހިސާބުން ދައްކާގޮތުން ސާވިސްޗާޖުގެ ގޮތުގައި ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ ދީފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓާއި، އެވާ ސޮނެވާ ރިސޯޓު (ސޮނެވާ ފުށި)ގެ އިތުރުން ވޮލްޑޯފް އޮސްޓޯރިއާ އިތާފުށި ރިސޯޓެވެ.

ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓަކީ އަބަދުވެސް ސާވިސްޗާޖު ދިނުމުގައި އެހެން ރިސޯޓުތަކަށް ވުރެ ކުރީގައިވާ ރިސޯޓެކެވެ. މި މަހު ވެސް އެންމެ ބޮޑު ސާވިސް ޗާޖެއް ލިބިފައިވަނީ އެ ރިސޯޓުގެ މުވައްޒަފުންނަށެވެ. އެ ރިސޯޓަށް ޖެނުއަރީ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފަކަށް 3،660 ޑޮލަރު ވަނީ ލިބިފައެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 56،437 ރުފިޔާއެވެ.

މި މަހު ދެ ވަނައަށް އެންމެ މަތީ ސާވިސް ޗާޖު ދިން ރިސޯޓަކީ ވޮލްޑޯފް އޮސްޓޯރިއާ އިތާފުށި ރިސޯޓެވެ. މި ރިސޯތުގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 3،320 ޑޮލަރު ވަނީ ލިބިފައެވެ. ދިވެހި ރުފިޔާއިން މިއީ 51،194 ރުފިޔާއެވެ.

ސާވިސް ޗާޖުގެ ގޮތުގައި ދެން އެންމެ މަތީ ސާވިސްޗާޖު ލިބިފައިވާ ސޮނެވާ ފުށި ރިސޯޓުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ޖެނުއަރީ މަހު ލިބިފައިވަނީ 3،253 ޑޮލަރެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެެއީ 50،161 ރުފިޔާއެވެ. މިއީ މި ޖެނުއަރީ މަހު ދެވަނައަށް އެންމެ މަތީ ސާވިސް ޗާޖު ލިބުނު ރިސޯޓެވެ.

ޖެނުއަރީ މަހަކީ ކޮންމެ އަހަރަކުވެސް ރިސޯތުތަކަށް އެންމެ ބާރުބޮޑު މަހެވެ. ކޮންމެ އަހަރަކު އާއަހަރު ފާހަގަކުރުމަށް ގިނަ އަދަދެއްގެ ފަތުރުވެރިން ތަކެއް ރާއްޖެ އާދެއެވެ.

ޖެނުއަރީ މަހުގެ ސާވިސް ޗާޖު އެވްރެޖުކޮށް ގިނަ ރިސޯޓުތަކުގައި އުޅެނީ 1،000 އިން މަތީގައެވެ.

comment ކޮމެންޓް