ބުރްކީނާފާސޯގެ ސިފައިން އެގައުމުގެ ވެރިކަން ފުރޮޅާލައި، ރައީސް ހައްޔަރުކޮށްފި

ބުރުކީނާ ފާސޯގެ އިންގިލާބީ ވެރިން

އޮގާޑޯގޯ (25 ޖަނަވަރީ 2022): ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ބުރްކީނާ ފާސޯގެ ސިފައިން އަސްކަރީ އިންގިލާބެއް ގެނެސް ވެރިކަން ބަދަލުކޮށް އެގައުމުގެ ރައީސް ރޮޝް މާކް ކްރިސްޓިއަން ކަބޯރޭ މަގާމުން ދުރުކޮށް އޭނާ ހައްޔަރުކޮށްފައިވާކަން ކަށަވަރުވެއްޖެއެވެ.

މިކަން ކަށަވަރުކޮށްދިނީ އިންގިލާބު ގެނައި ސިފައިން އިއްޔެ ނެރުނު ބަޔާނެއްގައެވެ. އިންގިލާބުގައި އިސްކޮށް ހުންނެވި ކަމަށްވަނީ ލެފްޓިނެންޓް ކާނަލް ޕޯލްހެންރީ ސަންޑޯގޯ ނަމަކަށް ކިޔާ އޮފިސަރެކެވެ. އޭނާ ސޮއިކުރައްވައި ނެރުނު ބަޔާނުގައި، ވެރިކަން ބަދަލުކުރީ ސުލްހަވެރި ގޮތުގައި ކަމަށާއި މަގާމުން ދުރުކޮށްފައިވާ ރައީސް ރޮޝް މާކް ކްރިސްޓިއަން ކަބޯރޭ އާއި އޭނާގެ ސަރުކާރުގެ އިސްވެރިން ހައްޔަރުކޮށްފައިވަނީ ރައްކާތެރި ތަންތަނުގައި ކަމަށާއި އެމީހުންގެ ހާލުވެސް ރަނގަޅު ކަމަށް ބުނެފައިވެއެވެ.

ބުރުކީނާ ފާސޯ ގެ ރައީސް ރޮޝް މާކް ކްރިސްޓިއަން ކަބޯރޭ (ކަބޯރޭ ވަނީ މަގާމުން ދުރުކޮށްފައި)

މީގެއިތުރުން ގާނޫނު އަސާސީއަށް އަމަލުކުރުން ހުއްޓާލައި ޕާލަމެންޓް އުވާލި ކަމާއި ގައުމު އޮތީ އިންތިގާލީ މަރުހަލާއެއްގައިކަންވެސް ހާމަކޮށްފައިވެއެވެ. ބުރްކީނާ ފާސޯގެ ސިފައިން އަސްކަރީ އިންގިލާބެއް ގެނައި ޚަބަރު މީގެ ދެދުވަސްކުރިން ފެތުރިފައިވީ ނަމަވެސް އޭރު އެކަން ކަށަވަރުވެފައެއް ނުވެއެވެ.

މީގެ ދެ ދުވަސްކުރިން ރައީސް ރޮޝް މާކް ކްރިސްޓިއަން ކަބޯރޭގެ ނަމުގައި ނެރެފައިވާ ބަޔާނުގައި އޭނާވަނީ ގައުމު އޮތީ ނާޒުކު ހާލަތެއްގައި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަސްކަރީ ބަޣާވާތެއްގައި ވެރިކަން ފޮރޮޅާލިކަމަށް ވިދާޅުވެފައެއް ނުވެއެވެ.

ބުރްކީނާ ފާސޯއަށް އަސްކަރީ އިންގިލާބެއް ގެނެސް ވެރިކަން ބަދަލުކޮށްލި ކަމުގެ ޚަބަރުތައް ފެތުރުނީ މިދިޔަ އާދީއްތަ ދުވަހުގެރޭ ވެރިރަށް އޮގާޑޯގޯގައި ބަޑީގެ ހަމަލާތަކެއް ބަދަލުކުރިކަމާއި އެކަން ހިނގީ ރިޔާސީ ގަނޑުވަރު ކައިރީގައިކަން ހާމަވުމާ ގުޅިގެންނެވެ.

މީގެއިތުރުން އޮގާޑޯގޯ ގައި ސިފައިން ގިނަ ޗެކް ޕޮއިންތައް ހަދައިގެން ބަލައިފާސްކުރުމުގެ ކަންތައް ކުރިޔަށް ގެންދިޔުމާއި ސިފައިންގެ ހަރަކާތްތައް އާދަޔާ ޚިލާފަށް ގިނަވުމާއި ސިފައިން ފިޔަވައި އެހެންބަޔަކު މަގުތަކުގައި ނޫޅުމާއި އާންމު ހަރަކާތްތަކާއި ވިޔަފާރިތައް ބަންދުކޮށްފައިވުންފަދަ ކަންކަން އާދިއްތަ ދުވަހު އެގައުމުން ފެނުމުންނެވެ. މިއީ އަސްކަރީ އިންގިލާބުތަކާއެކު ފެންނަ ކަންތައްތަކެވެ.

ދުނިޔޭގެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ބުރްކީނާ ފާސޯއަކީ ވަރަށް ގިނައިން އަސްކަރީ ބަޣާވާތަކުން ވެރިކަން ފުރޮޅާލުމުގެ ތާރީޚެއް އޮތް ގައުމެކެވެ. ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ޖަމްއިއްޔާ، އެކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އެކޮވާސް) އިން ވަނީ ބުރްކީނާ ފާސޯއަށް ގެނައި އަސްކަރީ އިންގިލާބު ކުށްވެރިކޮށްފައެވެ.

"އެކޮވާސް" އިން ވަނީ ދާދިފަހުން އަސްކަރީ އިންގިލާބުގައި ވެރިކަން ބަދަލުކުރި އެޖަމްއިއްޔާގެ ދެގައުމު ކަމަށްވާ މާލީއާއި، ގިނީއާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. އެހެންކަމުން "އެކޮވާސް" އިން ބުރްކީނާ ފާސޯއާ ދެކޮޅަށްވެސް ފިޔަވަޅު އަޅާނެކަމަށްވަނީ ބެލެވިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު