ސައްހަކަން ކަށަވަރު ނުކުރެވޭނަމަ ފައިސާ މުއާމަލާތްކުރުމުގައި ސަމާލުވުމަށް ބީއެމްއެލްގެ އިލްތިމާސެއް

ފައިސާގެ މުއާމަލާތްތައް ކުރުމުގައި ސަމާލުވުމަށް ބީއެމްއެލްއިން އިލްތިމާސްކުރޭ--

ސައްހަކަން ޔަގީން ނުވާނަމަ، ފައިސާގެ މުއާމަލާތްތައް ކުރުމުގައި ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިލްތިމާސްކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ އެކި ނަންނަމުގައި ފޯނުން ގުޅައިގެން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުވައި، މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާކަމުގެ ޝަކުވާތައް އަނެއްކާވެސް އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ބީއެމްއެލްއިން ބުނީ ތަފާތު މުދަލާއި ހިދުމަތް ފޯރުކޮށްދޭ ފަރާތެއް ކަމަށް ބުނެ އެކި ކަސްޓަމަރުންނަށް ގުޅަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

ހަމައެހެންމެ ސޯޝަލް މީޑިއާ އެކައުންޓުތަކުގެ އެކްސެސް ހޯދައި، އެ ބޭނުން ކޮށްގެންނާއި ބައެއް ފޭކު ޕޭޖުތައް ހަދައިގެން، މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ މައުލޫމާތުވެސް ބީއެމްއެލްއަށް ލިބިފައިވާ ކަމަށާއި މި ކޯލްތަކުގައި ކަސްޓަމަރުންނަށް އޮޅުވާލުމުގެ ގޮތުން ވާހަކަދައްކަމުންދަނީ ވަރަށްވެސް ގަބޫލުކުރެވޭ ފަދަ ގޮތަކަށް ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

މިގޮތަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ ފުރުސަތު އެ ފަރާތްތަކަށް ނުދިނުމުގެ ގޮތުން، ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކަށް ދޭ އޯޑަރުތަކަށް ތަކެތި ލިބުމުގެ ކުރިން ފައިސާ ނުދެއްކެވުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ނުދަންނަ ފަރާތްތަކުން ގުޅައި ފައިސާ ފޮނުވައި ދިނުމަށް އެދި ކުރާ ކޯލްތަކަށް ޖަވާބު ނުދިނުމަށާއި އެކި ނަންނަމުގައި ކުރާ ފޯނު ކޯލުތައް މެދުވެރިކޮށް ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކް އެކައުންޓް، އިންޓަނެޓް ބޭންކިން އަދި ކާޑުގެ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރެއްވުމަށް ވެސް ވަނީ އެދިފައެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގައިވެސް އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކުން ދަނީ އެކި ގޮތްގޮތަށް އެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންނެވެ. އެހެންކަމުން ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކާ އެކު ފައިސާ މުއާމަލާތްކުރުމުގައި އިތުރަށް ސަމާލުވެ، ވީހާ ވެސް ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ކަސްޓަމަރުންނަށް ބީއެމްއެލުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް