ދެލޯ މަރައިގެން އޮތްނަމަވެސް، އައިޒަކްގެ ގާތްކަން އިރަމްއަށް އިހުސާސްކުރެވެމުން ދިޔައެވެ. އައިޒަކްގެ ހޫނު ނޭވާގެ އިހުސާސް ކުރެވުމާއިއެކު، އިރަމްއަށް އޭނާ ލައިގެން އޮތް ޓީޝާޓުގައި ހިފައި ބާރުކޮށްލެވުނެވެ. އޭރު އޭނާގެ ހިތުގެ ތެޅުން އިތުރުވެއްޖެއެވެ.

********

އިރަމްގެ ކޮލުގައި ތުންފަތް ޖައްސައިލުމާއިއެކު، އައިޒަކަށް ދެލޯ މަރައިލެވުނީ ކުރެވުނު ފޮނި އިހުސާސެއްގެ ސަބަބުންނެވެ. އިރަމް ހާސިލުކުރެވިދާނެ ކަމަކަށް އައިޒަކް ދުވަހަކުވެސް އުއްމީދެއް ނުކުރެއެވެ. އެހެނަސް، އަނތްބެއްގެ މަގާމުގައި މިއަދު އެ އަންހެންކުއްޖާ އެއޮތީ، އޭނާގެ ފުރިހަމަ ހިމާޔަތުގެ ދަށުގައެވެ. އެ ދެމެދަށް އެއްވެސް ހުރަހެއް ނެތެވެ. ނުހަނު ކައިރިން އިރަމްގެ މޫނަށް ބަލަން އައިޒަކް އޮތެވެ. އިރަމްގެ އިސްތަށިގަނޑު ވޫލުކޮޅަކުން އައްސާލާފައިވީނަމަވެސް، ނުކިޔަމަންތެރިވަމުންދިޔަ އިސްތަށިކޮޅުތައް އެ މޫނަށް ގޯނާކުރަމުން ދިޔައެވެ. ފޫހިކަމެއްނެތި، އެ މޫނުގެ ކޮންމެ ގުނަވަނަކަށް ބަލަން އޮވެފައި، އައިޒަކް އަތް އުފުލައިލިއެވެ. އިރަމްގެ މޫނުގައި ގޯނާކުރަމުންދިޔަ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލަދިނެވެ. ނުހަނު މަޑުމަޑުން ބަލައިގެންނެވެ.

އިރަމްގެ ހިތް މޭފަޅާފައި ނުކުންނަން އުޅޭފަދައެވެ. އައިޒަކްގެ ކޮންމެ އަމަލަކުން އޭނާއަށް ދުވަހަކު ނުވާ އެތައް ގޮތްތަކެއް ވަމުންދިޔައެވެ. ގިނައިރު، އެގޮތުގައި ކެތްކުރަންވެއްޖެނަމަ، އަމިއްލަ ނަފުސު ބޭޒާރުވެދާނެކަމުގެ ބިރު އިރަމްގެ ހިތުގައި އުފެދުނެވެ. ނިދީގައި އޮވެފައި ފުރޮޅިލާ ފަދައިން އޭނާ އަނެއް ފަރާތަށް އެނބުރުނެވެ. ބާލީހުގައި ބާރަށް ބައްދައިލިއިރު، އިރަމްއަށް އޭނާގެ ތިރީ ތުންފަތުގައި ދަތްއަޅައިލެވިއްޖެއެވެ.

އިރަމްއަށް ބަލަން އޮތް އައިޒަކް އެ އަންހެންކުއްޖާގެ ގައިމަތީގައި އޮތް ރަޖާގަނޑު ރީތިކޮށްލަދިނެވެ. އެއަށްފަހު، އިރަމްގެ ފުރަގަހުން އެ ހަށިގަނޑުގައި ބައްދައިލިއެވެ.

********

ސިޓިންގްރޫމުގައި ދެކޮޅަށް ހިނގަހިނގައި ހުރި ވިޝްކާގެ މޫނުން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. އޭނާ ހުއްޓާނުލައި އައިޒަކާއި ގުޅަން މަސައްކަތް ކުރަމުން ދިޔައެވެ. އެތައް އިރަކު ގުޅި އިރުވެސް އައިޒަކް ފޯނު ނުނެގުމުން ވިޝްކާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ފޯނު ހޫރައިލާފައި އޭނާ ގޮސް ކޮޓަރިއަށް ވަނެވެ.

"ޒެކް ބަލަން ހުރޭ ދެންވާގޮތް..." ވިޝްކާ ދަތްތަކަށް ބާރުކޮށްލިއެވެ.

ޒަރީނާ ފަތިސް ނަމާދުކޮށްގެން ނުކުތްއިރު ވިޝްކާ ހުރީ، ތައްޔާރުވެލައިގެން ސިޓިންގްރޫމުގައެވެ. ކޮނޑުގައި ދަބަހެއް އަޅުވައިގެން ހުރިއިރު، ތަނަކަށް ދާން ތައްޔާރުގެން ހުރިކަން ޒަރީނާއަށް އެނގުނެވެ.

"މިހާ ހެނދުނާ ދަރިފުޅު ކޮންތާކަށް ދާން ތިއުޅެނީ؟..." ޒަރީނާ ހާސްވެފައި ސުވާލުކުރިއެވެ.

"މިދަނީ ޒެކް ކައިރިއަށް..." ވިޝްކާ ވަރަށް ހަމަޖެހިލާފައި ބުންޏެވެ.

"މިގަޑީ؟..." ޒަރީނާއަށް ބަލައިލެވުނީ ގަޑިއަށެވެ. "އަދި ހައެއްވެސް ނުޖަހައެއްނު ދަރިފުޅާ..."

"ތަނަކަށް ދާންވެގެންނޭ މިދަނީ މަންމާ..." އާދޭހުގެ ރާގަކަށް ވިޝްކާ ބުންޏެވެ.

"މިގަޑީ ދަރިފުޅު ތީ ހޭލާވެސް ކުއްޖެއް ނޫނެއްނު..." ޒަރީނާ ހުރީ ކަންބޮޑުވެފައެވެ.

"އޯކޭ... ޒެކް ކައިރީ ބުނަނީ މަންމަ ނުފޮނުވިއޭ..." ވިޝްކާ ރުންކުރުވާގޮތްވިއެވެ.

"މަންމައަށް އެންމެ ރަނގަޅޭ ދަރިފުޅު ދިޔަސް... ދަރިފުޅު އެހެންޏާ މިގަޑީ ތާކަށް ނުދާތީ މަންމަ އެހެން ބުނީ..." ޒަރީނާ އަވަސްއަވަހަށް ބުންޏެވެ.

"އެހެންވެއޭ ވިޝް މަންމަދެކެ އެހާ ލޯބިވަނީ..." ވިޝްކާ ޒަރީނާގެ ގައިގައި ބައްދައިލިއެވެ. "ބައްޕަކައިރީ ނުބުނައްޗޭ އިނގޭ... ވަރަށް އަވަހަށް އަންނާނަން..."

********

ހުޅުވާފައިވާ ކުޑަދޮރުގެ ދޮރުފޮތިތަކުގެ ތެރެއިން ފުރޭނިގެން އައި އިރުގެ އަވި އެޅިފައިވީ، އެނދުގައި އޮތް އިރަމްގެ މޫނަށެވެ. އިރަމްގެ ގައިމަތީގައި އަޅާފައި އޮތް ރަޖާގަނޑު އެނދުން ތިރިއަށް ވެއްޓިފައި އޮތްއިރު، ބާލީސްތައްވެސް އޮތީ އެގޮތް މިގޮތަށެވެ. އެއްވެސް ތަރުތީބެއް ނެތެވެ. މުޅި އެނދުވެސް އިރަމްއަށް ކުޑަވެފައިވާ ކަހަލައެވެ.

އާފުރެމުން ކަހަލަ ގޮތަކަށް ދެލޯ ހުޅުވައިލި އިރަމް ތެދުވެ، ހެޑްބޯޑުގައި ލެނގިލިއެވެ. އޭނާގެ ބޮލުގެ އިސްތަށިގަނޑު ވަނީ ހޭވިފައެވެ. ނިދީގެ އަސަރު ފިލައިގެން ނުދާކަން މޯޅިއަކަށް ދެމިލިއިރު ލައްވައިލި އަޑުން އެނގެއެވެ. އިރަމްއަށް ވާނުވާ ރޭކައިލީ އިރުކޮޅެއް ފަހުންނެވެ. ސިއްސައިގެން ގޮސްފައި އޭނާއަށް ފުރަތަމަވެސް ބަލައިލެވުނީ އަމިއްލަ ހަށިގަނޑަށެވެ. އެއްޗެއް ޔަގީންކޮށްލާ ފަދައިން އިރަމް އޭނާގެ މުޅި ހަށިގަނޑުގައި އަތް ޖައްސައިލިއެވެ. އެއަށްފަހު ހާސްވެފައި ބަލައިލީ އެނދަށެވެ. އައިޒަކްއެއް ނެތެވެ. އިރަމް ކޮޓަރީގެ ވަށައިގެން ނަޒަރު ހިންގައިލިއެވެ. އެނދުގެ އެއްފަރާތުގައި ބަހައްޓާފައިވާ ސޯފާގައި އައިޒަކް އިނެވެ. އެ މޫނުން ފެންނަމުން ދިޔައީ ހަމަޖެހުމުގެ އަސަރެވެ. އިރަމް ބަލައިލުމުން އައިޒަކް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

"އޯނޯ...." އިރަމް އަވަހަށް ބާލީހެއް ނަގައި ގައިގައި ޖައްސައިލިއެވެ.

ރޭގައި ނުނިދާ އެތައް ހިތްވަރެއްކޮށްފައި އިރަމްއަށް ނިދުނު އިރުވެސް ނޭނގެއެވެ. އޭނާ ނިދުމުން އައިޒަކް ކޮންމެވެސް ކަމެއް ކުރާނެއެވެ. ހޭލާ ހުންނައިރުވެސް އައިޒަކްގެ ގޯނާތަކުން އިރަމްއަށް ސަލާމަތެއް ނުވެވެއެވެ. އިރަމްގެ ހިތް ޝައްކާއި، ވަސްވާސްތަކުން ފުރެމުން ދިޔައެވެ. ރޭގައި އައިޒަކް އޭނާއަށް އެއްވެސް ކަމެއް ކުރި ހެއްޔެވެ؟ އިރަމްއަށް ހޭނުލެވުނީ މާ ގަދަޔަށް ނިދުމުން ހެއްޔެވެ؟ ނޫނީ އައިޒަކް އޭނާއަށް ނިދާބޭސް ދީގެން ނިންދެވީ ހެއްޔެވެ؟ އިރަމް ނިދި އިރުވެސް އައިޒަކް ނުނިދާ އޮތްކަން އޭނާއަށް އެނގެއެވެ.

"ގުޑް މޯނިންގް ބޭބީ..." އައިޒަކް ތެދުވެގެން އިރަމްއާއި ދިމާއަށް ހިނގައިގަތެވެ.

އިރަމްއަށް ހިންދިރުވައިލެވުނެވެ. އޭނާ ވީހާވެސް ބޮޑަށް ބާލީހުގައި ބައްދައިލިއެވެ. އައިޒަކް ގޮސް އިރަމްގެ މަގަތުގައި އިށީނދެލިއެވެ. އޭނާ ލައިގެން އިނީ، ހުދުކުލައިގެ އަތްކުރު ގަމީހަކާއި، ނޫކުލައިގެ ސޯޓުކޮޅެކެވެ. ގަމީހުގެ މޭމަތިން ތިންގޮށް ނައްޓާލާފައި އޮތްއިރު، މޭމަތިން ބައެއް ފެންނަން އޮތެވެ. އަބަދުމެ ސްޓައިލްކޮށްލާފައި ބަހައްޓާ އައިޒަކްގެ އިސްތަށިގަނޑު ނިތްކުރިމައްޗަށް ވައްޓާލާފައި އޮތުމުން، މައުސޫމުގޮތެއް ހުއްޓެވެ.

އައިޒަކް އިރަމްގެ ހޭވިފައިވާ އިސްތަށިގަނޑު ތަރުތީބުކޮށްލަދޭން ފެށިއެވެ. ބަސްއަހާ ކުޑަ ކުއްޖަކު ފަދައިން އިރަމް މަޑުން އިނެވެ. އައިޒަކްގެ ކޮންމެ އަމަލަކުން ލޯބިވާކަން ހާމަކޮށްދޭން މަސައްކަތް ކުރަމުންދާތީ، އިރަމްގެ ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވަމުންދިޔައެވެ.

"ރޭގަ ރަނގަޅަށް ނިދުނުތަ؟..." އައިޒަކް ލާނެތްގޮތަކަށް އަހައިލިއެވެ.

އިރަމް ދިޔައީ ސިއްސައިގެންނެވެ. އައިޒަކް އެ ސުވާލުކުރީ ކީއްވެ ހެއްޔެވެ؟ ހަމަ ރަނގަޅަށްވެސް ރޭގައި އައިޒަކް އޭނާއަށް ކަމެއް ކުރީ ހެއްޔެވެ؟ އިރަމް ޝައްކުގެ ނަޒަރަކުން އައިޒަކްގެ މޫނަށް ބަލައިލިއެވެ. އޭރު އައިޒަކްވެސް އިނީ އިރަމްގެ ޖަވާބަކަށް އިންތިޒާރުކޮށްލައިގެން އިންކަހަލަ ގޮތަކަށް އެ މޫނަށް ބަލަހައްޓައިގެންނެވެ.

"ރަނގަޅަށް ނިދުނުކަން އެބަ ފެނޭ..." އިރަމް ޖަވާބެއް ނުދޭނެކަން އެނގުމުން ދެންވެސް ވާހަކަދެއްކީ އައިޒަކެވެ.

އޭނާ އިރަމްގެ ކޮލުގައި ހިފައިލަމުން ވެއްޓިފައި އޮތް ރަޖާގަނޑަށް އިޝާރާތްކޮށްލިއެވެ.

ލަދުންގޮސް އިރަމްގެ ދެކޯތާފަތް ރަތްވިއެވެ. އައިޒަކްގެ ލާނެތްކަން ދުވަހަކުވެސް ނުހުއްޓޭނެއޭ އޭނާގެ ހިތް ބުންޏެވެ.

"ރޭގަ އަހަރެންގެ ވައިފް އުޅުނުގޮތުން ވަރަށް އުފާވެފަ މިހުރީ... އެގޮތަށް އަބަދުވެސް އަހަރެން އުފާކޮށްދެއްޗޭ..." އައިޒަކް ބުނީ މާނަފުން ޖުމުލަތަކެކެވެ.

އިރަމްގެ ދެލޯ ބޮޑުވިއެވެ. ހާސްވެގެން އޭނާއަށް އައިޒަކާއި ދުރަށްޖެހިލެވުނީ އަމިއްލަ އިހުތިޔާރެއްނެތިއެވެ. އައިޒަކް އެ މާނަކުރީ ކޮން ކަމަކަށްކަން އޭނާއަށް ވިސްނުނެވެ. އެހެނަސް، އިރަމްއަށް އެވާހަކަ ގަބޫލެއް ނުކުރެވުނެވެ. އިރަމްގެ ހިތުގެ ހާލު ވިސްނުނު ފަދައަކުން އައިޒަކް ތެދުވެ، ހަށިގަނޑު ސީދާކޮށްލިއެވެ.

"ދޭ ފެންވަރައިގެން އަންނަން... ވަރަށް ބަނޑުހައި..." ބަނޑުގައި އަތް ހާކައިލަމުން އައިޒަކް ބުންޏެވެ.

އައިޒަކް ކޮޓަރިން ނުކުތުމުންވެސް އިރަމްއަށް އިނދެވުނީ އެކި ފިކުރުތަކުގައެވެ. އައިޒަކް ބުނިކަހަލަ ގޮތަކަށް އުޅެވުނު ހަނދާނެއް އިރަމް ނުވިއެވެ. ފެންވަރަން ހުރެގެންވެސް އިރަމްއަށް ވިސްނުނީ އެކަމާއެވެ.

"އައިޒަކް އެއުޅެނީ އަހަރެން މޮޔަކޮށްލަން... އަހަރެން ހަމަ ރަނގަޅަށްވެސް މޮޔަވާނެ..." އިރަމް ތުން ފިއްތައިލިއެވެ.

އިރަމް ފެންވަރައިގެން ނުކުތްއިރު، އެނދުމަތީގައި ހުދުކުލައިގެ ހެދުމެއް ބާއްވާފައި އޮތެވެ. ކަކުލަށްވުރެ ތިރިއަށް ހުރި އަތްކުރު އެ ހެދުމުގައި އަޅާފައިވާ ލޭސްކޮޅުގެ ސަބަބުން، ހެދުމުގެ ރީތިކަން އިތުރުކުރުވާފައިވިއެވެ. އާދައިގެ ގޮތަކަށް ފަހާފައިވާ ހެދުމެއް ނަމަވެސް، އިރަމްގެ ހަށިގަނޑާއި އެ ހެދުން ވަރަށް ގުޅެއެވެ. އިރަމް ތައްޔާރުވެލައިގެން ނުކުތްއިރު، އައިޒަކް އޭނާގެ އިންތިޒާރުގައި ހުއްޓެވެ. އިރަމް ފެނުމުން އުފާވިކަން ދޭހަކޮށްދިނީ އައިޒަކްގެ ތުންފަތަށް ވެރިވި ހިނިތުންވުމުންނެވެ. އިރަމްގެ ފައިން ފެށިގެން މޫނާއި ހަމައަށް އައިޒަކްގެ ނަޒަރު ދަތުރުކޮށްލިއެވެ.

"ޕްރިޓީ..." އިރަމްއާއި އަރައި ހަމަވުމުން، އައިޒަކް ބުންޏެވެ.

ދެމީހުން އެކުގައި އަތިރިމައްޗަށް ނުކުތެވެ. އިރަމްމެން ފެނުމާއިއެކު ވޭޓަރަކު އައިސް، ދާންވީ މިސްރާބު ބުނެދިނެވެ. އަތިރިމަތީގައި ހެދިފައިވާ ގަހެއްގެ ހިޔަލުގައި ހެނދުނުގެ ނާސްތާ ތައްޔާރުކޮށްފައި ހުއްޓެވެ. އަލަތު ދެމަފިރިންނަށް މަރުހަބާ ކިޔުމުގެގޮތުން، މޭޒު ޒީނަތްތެރިކޮށްފައި ހުރީ، ރަތްފިނިފެންމަލުގެ ފިޔައިންނެވެ. މޭޒުގެ އެއްފަރާތުގައި ރަތް ފިނިފެންމަލަކާއި ކުޑަ މަހުމާ ފޮށްޓެއް ބައިންދާފައި އިނެވެ. އޭގެ މަތި ހުޅުވާލާފައި އިންއިރު އެތެރޭގައި އިނީ އަލިމަހެއް ލާފައިވާ ރިހި އަނގޮޓިއެކެވެ. އައިޒަކް ކުޑަކޮށް ގުދުވެލާފައި، އިރަމްގެ އިނގިލީގައި އެ އަނގޮޓި އަޅުވާލަދިނެވެ.

ދެފަރާތް ހޯދަމުން އައިސް އަތިރިމައްޗަށް ފޭބި ވިޝްކާއަށް ފެނުނު މަންޒަރުން ހުއްޓުން އެރިއެވެ. އެ ދެލޮލަށް ކަރުނަ ޖަމާވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. ދެއަތް މުށްކަވައިގެން ހުރެ، އިރަމްމެންނާއި ދިމާއަށް ދިޔުމަށް ވިޝްކާ ހިނގައިގަތެވެ. އައިޒަކް ގޮނޑިއާއި ދިމާއަށް ހިނގައިގަތް ވަގުތަކީ، ވިޝްކާ ގޮސް އައިޒަކްގެ ގޮނޑީގައި އިށީން ވަގުތެވެ. އައިޒަކް ސިހުނު ނަމަވެސް އިސާހިތަކު އެ މޫނުން ހިތްހަމަނުޖެހުމުގެ އަސަރު ފެނިގެން ދިޔައެވެ.

"ކޮންގްރަޖުލޭޝަންސް..." ހަސަދަވެރިކަމުގެ ބެލުމަކުން އިރަމްގެ ދެލޮލަށް ބަލައިލަމުން ވިޝްކާ ބުންޏެވެ.

މޭޒުމަތީގައި ހުރި ތަށިތަކުން ފަހަރަކު އެއްޗެއް ނަގައިގެން އޭނާ ކާން ފެށިއެވެ. އިރަމް އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އައިޒަކް ނުރުހިފައި ވިޝްކާގެ އަތުގައި ހިފެހެއްޓުމުން، ވިޝްކާ އެ އަތް ފޮޅުވައިލިއެވެ. އިރަމްގެ ކުރިމަތީގައި ވިޝްކާ އުޅެންފެށި ގޮތަކުން އައިޒަކްގެ ސިކުނޑި ސުމަކަށް ދިޔައެވެ. ކައިވެނީގެ ފުރަތަމަ ހެނދުނު ވިޝްކާގެ ސަބަބުން ޚަރާބުވާކަށް އޭނާ ބޭނުމެއް ނުވިއެވެ.

"ކީއްވެ ފޯނު ނުނަގަނީ؟..." ވިޝްކާ އައިޒަކަށް ބަލައިވެސް ނުލައި އިނދެ ސުވާލުކުރިއެވެ.

"އެކަނިތަ ތިއައީ؟..." ވަށައިގެން ހޯދައިލަމުން އައިޒަކް އަހައިލިއެވެ. ވިޝްކާގެ ސުވާލު އޭނާއަށް މުހިއްމުނުވާ ކަހަލައެވެ.

"އަހަރެން މީ ކުޑަކުއްޖެއް ނޫނޭ... އަހަރެން ބޭނުންތާކަށް އަހަންނަށް އެކަނިވެސް އާދެވޭނެއެއްނު..." ވިޝްކާ އައިޒަކަށް ބަލައިލާފައި ހީލިއެވެ. "އަހަރެމެން ދެމީހުން ތައާރަފެއްވެސް ނުކޮށްދޭނަންތަ؟..."

ވިޝްކާ ލޮލުގެ އިޝާރާތުން ދައްކައިލީ އިރަމްއެވެ. އޭނާ އެދުނީ އިރަމް އާއި ވިޝްކާ އެކަކު އަނެކެކަށް ތައާރަފްކޮށްދޭންކަން އެނގުނު ނަމަވެސް އައިޒަކަށް އެކަން މުހިއްމެއް ނުވިއެވެ.

"ވިޝްކާ..." ޝަކުވާގެ ރާގަކަށް އައިޒަކް ގޮވައިލިއެވެ.

"ހާއި... އައި އޭމް ވިޝްކާ... އައިޒަކްގެ ގާލްފްރެންޑް... އަހަރެން ބޭނުމީ އައިޒަކާ ވަކިން ވާހަކަ ދައްކާލަން... އަހަރެމެން ދެމީހުން އެކަނިވެލަން ވަގުތުކޮޅެއްދީ..." އިރަމްއަށް ބަލައިލަމުން ވިޝްކާ ބުންޏެވެ.

އިރަމްގެ މުޅި މޫޑު ޚަރާބުވިއެވެ. އޭނާ ތެދުވެގެން ދާންއުޅުމުން އައިޒަކް ހިފެހެއްޓިއެވެ. އިރަމް ނުރުހިފައި އައިޒަކްގެ މޫނަށް ބަލައިލިއެވެ. ގަދަކަމުން އަތް ދަމައިގަންނަން އުޅުނެވެ.

"އެކޮޅުގަ މަޑުކޮށްލާ އިނގޭ... އަހަރެން މިދަނީ..." އައިޒަކް ވަރަށް ލޯބިން ބުންޏެވެ.

ވިޝްކާ ވަކީން ރުޅިގަދަވިއެވެ. އައިޒަކް އިރަމްއާއި ވާހަކަދެއްކިލެއް ލޯބިކަމުންނެވެ. އޭނާ ހުރިހާ ރުޅިއެއް އައީ އިރަމްދެކެއެވެ. ކިތަންމެ ވަރަކަށް ހަމަޖެހެން މަސައްކަތްކުރި ނަމަވެސް، ވިޝްކާއަކަށް އެކަމެއް ނުވިއެވެ. އިރަމް ދިޔުމުން، އައިޒަކް ނުރުހިފައި ވިޝްކާއަށް ބަލައިލިއެވެ.

"ޝީ އިޒް މައި ވައިފް... އެއީ މިހާރު ވިޝްކާގެ ފަހަރި... ވިޝްކާ ޖެހޭނެ އޭނައަށް ރެސްޕެކްޓްކުރަން..." އިރަމް ދިޔަ ދިމާއަށް އިޝާރާތްކުރަމުން، އައިޒަކް ބުންޏެވެ.

********

ހިތާއިހިތުން ކުދިކިޔަމުން ހިނގަމުންދިޔަ އިރަމް ފަސްއެނބުރި ބަލަމުން އަމިއްލަ ނަފުސާއި ވާހަކަދައްކަމުން ދިޔައެވެ. ވިޝްކާއަކީ ކާކު ހެއްޔެވެ؟ އައިޒަކާއި ކޮން ގުޅުމެއް އޮތް މީހެއް ހެއްޔެވެ؟ އައިޒަކް ވިޝްކާދެކެ ހިތްހަމަނުޖެހިފައި ހުރިކަން އޭނާއަށް އެނގެއެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ އަނެއްކާ ވިޝްކާއަކީ އައިޒަކްގެ ސިއްރު ލޯބިވެރިއެއް ހެއްޔެވެ؟ ނޫނީ، އެދެމެދުގައި އޮތީ ވިޝްކާ އެބުނިފަދަ ގުޅުމެއް ހެއްޔެވެ؟ ވީއިރު، ވިޝްކާއާއި ކައިވެނިނުކޮށް، އައިޒަކް އޭނާ އާއި ކައިވެނިކުރީ ކީއްވެ ހެއްޔެވެ؟ އައިޒަކްގެ ގެއަށް ގެންދިޔަ ދުވަހު، އެ ގެއިން ވިޝްކާ ފެނުނު ހަނދާނެއް އިރަމް ނުވިއެވެ.

އެއްގަމަށް އެރެން އޮތް ހަނި މަގުން އަރައިގެން ދަނިކޮށް، ދުއްވާފައި އައި ބައިސްކަލަކުން ޖެހިފައި އިރަމް އާއި ބައިސްކަލުގައި އިން ޒުވާނާ ވެއްޓުނީ އެކުއެކީގައެވެ. އިރަމް ފެނުމާއިއެކު، ޒުވާނާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު