އެޑްވަޓޯރިއަލް: އެމްޓީސީސީއަށް އަނެއްކާވެސް ރެކޯޑު ފައިދާއެއް، ކުރީގެ ހުރިހާ މާލީ ރެކޯޑެއް މުގުރާލައިފި

ށ. ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް -- ފޮޓޯ/ އެމްޓީސީސީ

ވޭތުވެދިޔަ 2021 ވަނަ އަހަރަކީ ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ނުރައްކާތެރި ވަބާގައި ޖެހި، ފަހުގެ ތާރީހެއްގައި ރާއްޖޭގެ އިޤްތިސާދުށް އުނދަގޫ ދަތި ދުވަސްތަކެއް ކަނޑައްތު ކުރި އަހަރެކެވެ. ނަމަވެސް، އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނާޅައި ރާއްޖެ ދިޔައީ ތަރައްޤީގެ ދަތުރުގައި ކުރިއަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރުން ރައްޔިތުންނަށް ވީ ގިނަ އުމްރާނީ ތަރައްޤީގެ ވައުދުތަކުގައި ކުލަ ޖައްސާލަދިން އެއް މުއައްސަސާއަކީ ރައްޔިތުންގެ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ކަމާމެދަކު އެއްވެސް ޝައްކެތްނެތެވެ. މީގެ 41 އަހަރު ކުރިން، 1980 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އުފެދުނު އެމްޓީސީސީ ވެގެން ދިޔައީ ވޭތުވެދިޔަ 3 އަހަރުގައި ރާއްޖެއަށް ބޭނުންވާ އުމްރާނީ ތަރައްޤީ ގެނެސްދިނުމުގައި ސަރުކާރުގެ އެންމެ އިތުބާރު ލިބުނު ކުންފުނިކަމާމެދު އެއްވެސް ޝައްކެއްނެތެވެ. މީގެ ނަތީޖާއެއްގެގޮތުން ރައްޔިތުން ބޭނުންވާ ސްޕީޑްގައި މަޝްރޫޢުތައް ކުރިއަށްގެންގޮސް ދިވެހި ރައްޔިތުންގެ ހިތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގެންދިއައިރު، އެކުންފުނީގެ ހިއްސާދާރުންވެސް ތިބީ އުފަލުން ފޮޅިފައެވެ. ސަބަބެއް ނެތިއެއްނޫން އިނގޭތޯ!

މިއަދު އާންމުކުރި އެކުންފުނީގެ 2021 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ މާލީ ނަތީޖާއަށް ނަޒަރު ހިންގާލާއިރު، ހަތަރުވަނަ ކުއާޓާރގައި ޖުމުލަ 625.70 މިލިއަން ރުފިޔާގެ (2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރ: 408.76 މިލިއަން ރުފިޔާ) ވިޔަފާރި ކޮށްގެން 66.51 މިލިއަން ރުފިޔާ، ހިންގުމުގެ ފައިދާގެ ގޮތުގައި (2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރ: 98.77 މިލިއަން ރުފިޔާ) ވަނީ ރިކޯޑްކުރެވިފައެވެ. އަދި 2021 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާއި ހަމައަށް ޖުމުލަ 1.96 ބިލިއަން ރުފިޔާގެ (2020 ވަނަ އަހަރުގެ މިމުއްދަތުގައި: 1.36 ބިލިއަން ރުފިޔާ) ވިޔަފާރިކޮށްގެން، ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 264.45 މިލިއަން ރުފިޔާ (2020 ވަނަ އަހަރުގެ މިމުއްދަތުގައި: 220.75 މިލިއަން ރުފިޔާ) ރިކޯޑްކުރެވިފައެވެ. 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓާރގައި ރިކޯޑް ކުރެވިފައިވާ ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު 52.27 މިލިއަން ރުފިޔާގެ ސާފު ފައިދާ، 2020 ވަނަ އަހަރުގެ މިމުއްދަތުގެ ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު 80.94 މިލއަން ރުފިޔާގެ ސާފު ފައިދާ އާއި އަޅާ ބަލާއިރު ދައްކަމުގައި ވިޔަސް މުޅި 2021 ވަނައަހަރުގެ ޖުމުލަ ނަތީޖާއަކީ ކުންފުނީގެ 41 އަހަރުގެ ދިގު ތާރީޚްގައި މާލީ އަހަރެއްގައި ރެކޯޑްކުރެވިފައި އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރެވުނު އަހަރުކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

މިވޭތުވެދިޔަ އަހަރު އެމްޓީސީސީއަށް އެންމެ ގިނަ ކާމިޔާބީ ހާސިލް ކުރެވިފައިވާ އެއް ދާއިރާއަކީ އިމާރާތް ކުރުމާއި ޢުމްރާނީ ތަރައްޤީގެ ދާއިރާއެވެ. އެމްޓީސީސީ އަކީ ޢުމްރާނީ ތަރައްޤީ އާއި އިމާރާތްކުރުމުގެ ދާއިރާގައި އެންމެ ކުރިއަރާފައިވާ ދިވެހި ކުންފުންޏެވެ. ޢުމްރާނީ ތަރައްޤީއާއި އިމާރާތްކުރުމުގެ ޞިނާޢަތުގެ ތެރެއިން ބަނދަރު ހެދުން، ބިންހިއްކުން، ގޮނޑުދޮށް ހިމާޔަތްކުރުން، ގޮނޑުދޮށް ހެދުން އަދި ޝީޓް ޕައިލްކުރުމުގެ މަސައްކަތުގައި ހުނަރުވެރި ޤާބިލް ކުންފުންޏެއްގެ ގޮތުގައި އެމްޓީސީސީ ވަނީ އެންމެހާ ކަސްޓަމަރުންނާއި ރައްޔިތުންގެ މަޤްބޫލުކަން ހޯދާފައެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި އިތުރު ދާއިރާތަކުގައި މަސައްކަތްކުރުމުގެ ޤާބިލްކަން ހޯދާ، އެ ދާއިރަތަކުގައި އެމްޓީސީސީގެ ފަންވަރާއި،ފެންވަރު ވަނީ މަސައްކަތުން ދައްކާފައެވެ. މީގެ ތެރޭގައި އެއާޕޯޓާއި، މަގުހެދުމާއި، ފެނާއި ނަރުދަމާގެ ބޮޑެތި މަޝްރޫޢުތަކާއި އިމާރާތްކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ. 2021 ވަނަ އަހަރަކީ މިގޮތުން އެމްޓީސީސީގެ 41 އަހަރުގެ ދިގު ތާރީޚުގައި ބައިނަލްއަޤްވާމީ ކްލައިންޓަކަށް ފުރިހަމަކޮށްދިން އަގުގެގޮތުން އެންމެ ބޮޑު މަޝްރޫއު ފުރިހަމަ ކޮށްދިންވެސް އަހަރެވެ. "ސެންޓާރާ ނިއު ރިސޯޓްސް މޯލްޑިވްސް: ރެކްލެމޭޝަން އޮފް 3 އައިލެންޑްސް" މަޝްރޫޢުގެ މަސައްކަތް ނިންމާ ކްލައިންޓާއި ރަސްމީކޮށް ހަވާލުކުރެވުނު ތާރީޚީ ރަސްމިއްޔާތު ބޭއްވުނީ 25 ނޮވެމްބަރ 2021 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ އަގަކީ 26.29 މިލިއަން ޑޮލަރެވެ. އަދި މިއަދު އެމްޓީސީސީއަކީ އެއްފަހަރާ 70 މަޝްރޫއެއްގެ މަސައްކަތް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގުމުގެ ޤާބިލުކަން ލިބިފައިވާ ކުންފުންޏެކެވެ. ހަމަގައިމުވެސް އެމްޓީސީސީގެ މަޝްރޫޢެއް ކުރިއަށްނުދާ އެންމެ އަތޮޅެއްވެސް މިވަގުތު ރާއްޖޭގައި ނެތޭ ދެންނުމަކީ ދޮގަކަށް ނުވާނެއެވެ. އަދި މިވަގުތު އެކި މަރުހަލާގައި 103 މަޝްރޫއެއްގެ މަސައްކަތް އެކުންފުނިން ދަނީ ހަލުވިކަމާއެކު ކުރިއަށްގެންދަމުންނެވެ.

ތައިލެންޑްގެ ހޮސްޕިޓާލިޓީ ކުންފުނި، ސެންޓާރާއިން ރިޒޯޓު ހެދުމަށް މާލެ އަތޮޅުން ތިން ރަށް ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ވަނީ މިދިޔަ ނޮވެމްބަރު މަހު ނިންމާލާފަ -- ފޮޓޯ/ އެމްޓީސީސީ

ޢާންމު ދަތުރުފަތުރުގެ ޚިދުމަތަކީވެސް ކުންފުނީގެ ކާމިޔާބީގެ ދުވެލީގެ އަވަސްމިން ވަޒަންކުރެވޭ އެއް ޚިދުމަތެވެ. މިއަދު އެމްޓީސީސީއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުންޏެވެ. މިހާރު ދުވާލަކު ފަނަރަހާސް މީހުން އެމްޓީސީސީގެ ދަތުރުފަތުރުގެ ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރަމުން ގެންދެއެވެ. އަދި މުޅި ރާއްޖޭގައި ކުންފުނިން ޤާއިމްކޮށްފައިވާ އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ނިޒާމާއި ގްރޭޓަރ މާލެ ސަރަޙައްދުގައި ދެވޭ އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތުގައި އަހަރަކު 6 މިލިއަން ފަސިންޖަރުން މިހާރު ދަތުރުކުރެއެވެ. އެމްޓީސީސީގެ ފެރީ ޙިދުމަތަށް އިތުރު އާރޯކަމެއް ލިބިގެން ދިޔައީ ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" ގެ ފުރަތަމަ ފިޔަވަހި ސަރުކާރުން 2021 ތެރޭ އެމްޓީސީސީއާއި ހަވާލުކުރި ހިސާބުންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ޒޯން 1 ގެ (ހއ.، ހދ. ށ.) އަތޮޅުތަކަށް ޙިދުމަތް ދޭން ވާންޖެހޭ ތައްޔާރީތައް އެމްޓީސީސީން މިހާރުދަނީ ވަމުންނެވެ. މި ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ޙިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެއެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލާ، އެ ރައްޔިތުންނަށް ބޭނުންވާ ޙިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެކަމުން ރާއްޖޭގެ އިޤްތިސާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ކުރިއެރުންތަކެއް ލިބި، ސަރަޙައްދީ ގޮތުން ރައްތަކަށް ތަރައްޤީ ލިބިގެންދާނެއެވެ. އެމްޓީސީސީގެ ދަށަށް، މޯލްޑިވްސް ޕޯރޓްސް ލިމިޓެޑުން ދެމުންގެންދިޔަ ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ބަދަލުކުރެވުނީވެސް 2021 ވަނަ އަހަރުތެރޭގައެވެ. އަދި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލާމު އަތޮޅު (ގަމާއި ފޮނަދޫ) އަދި ލ. އިސްދޫ ކަލައިދޫގައި ދެމުންގެންދިޔަ ޢާންމު ދަތުރުފަތުރުގެ ޚިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލުވެގެން ދިޔައެވެ. މި ބަދަލާއެކު މުޅި ރާއްޖެއަށް ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏަކަށް 2021 ވަނަ އަހަރުތެރޭ އެމްޓީސީސީ ވެގެންދިޔައެވެ.

އެމްޓީސީސީގެ އިންޖިނިއަރިންގް އަދި ޑޮކިންގް ޚިދުމަތް ފެށިފައިވަނީ ކުންފުނީގެ އުޅަނދުތަކާއި ވެހިކަލްތަކަށް ބޭނުންވާ މަރާމާތުތައްކުރުމަށް ކަމުގައިވިއަސް، މިހާރު މި ޚިދުމަތަކީ ޢާންމު ފަރާތްތަކަށް ހުޅުވާލެވިފައިވާ ޚިދުމަތެކެވެ. މާލެ އަތޮޅު ތިލަފުށީގައި ޤާއިމްކޮށް ހިންގަމުންދާ އެމްޓީސީސީ ބޯޓްޔާޑަކީ އެއްފަހަރާ 20 އުޅަނދު ޑޮކްކުރުމުގެ ޖާގަ އޮތް ބޯޓްޔާޑެކެވެ. 2017 ވަނަ އަހަރު ޚިދުމަތަށް ނެރެވުނު 200 ޓަނުގެ ބޯޓް ހޮއިސްޓާއެކު އެމްޓިސީސީ ބޯޓްޔާޑް ވެފައިވަނީ ޑޮކްކުރުމަށް ޖާގައިގެ ގޮތުން ރާއްޖޭގެ އެންމެ ތަނަވަސް އެއް ބޯޓްޔާޑަށެވެ. 2021 ވަނަ އަހަރުތެރޭ އެމްޓީސީސީ ވަނީ މިދާއިރާއިން އައު އުސްމިންތަކަކަށް ދަތުރުކޮށްފައެވެ. މިގޮތުން، އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ކްލެސިފިކޭޝަން ސޮސައިޓީޒް (އައި.އޭ.ސީ.އެސް) ސަރޓިފައިޑް ވެލްޑަރސް މިހާރު އެމްޓީސީސީ ބޯޓުޔާޑްގައި މަސައްކަތްކުރެއެވެ. އަދި ބޭރު ޤައުމުތަކުގެ އުޅަނދުފަހަރުތަކަށް އެމްޓީސީސީ ބޯޓްޔާޑުން މިހާރު ދަނީ ޚިދުމަތް ދެމުންނެވެ. އަދި އޮޑިދޯނިފަހަރު ބަނުމުގެ ވިޔަފާރިއަށް ވަނުމުގެ ގޮތުން 75 ފޫޓުގެ ފައިބަރ ފެރީއެއް ޑިޒައިންކޮށް އޮޑި ބަނުމުގެ މަސައްކަތް 2021 ވަނަ އަހަރުތެރޭގައި ވަނީ ފެށިފައެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެފައިވާ ފަދައިން، 1980 ގައި ކުންފުނި އުފެދުނީއްސުރެ ކުންފުނީގެ ކުރިއެރުމުގެ ފަހަތުގައި ވަނީ އެމްޓީސިސީގެ ޓީމެވެ. އެމްޓީސީސީގެ ކާމިޔާބީގެ ސިއްރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުންފުނީގެ ޚިދުމަތްތަކާއި ޙައްލުތައް ފޯރުކޮށްދިނުމުގައި ރެއާއިދުވާލު މަސައްކަތްކުރާ އެމްޓީސީސީގެ ހީވާގި މުވައްޒަފުންނެވެ. މިހެންކަމުން މުވައްޒަފުން ތަމްރީން ކުރުމަށާއި ޤާބިލު މުވައްޒަފުން ވަޒީފާތަކަށް ނެރުމަށްވެސް އެ ކުންފުނިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކުރިއަށްދިއަ "ހުނަވަރު ލައިސެންސިންގް ޕްރޮގްރާމް" ގެ ދަށުން 23 މީހުން ޝޯޓްލިސްޓް ކުރެވި 15 މީހުންވަނީ ޕްރޮގްރާމް ފަށާފައެވެ. އަދި މިފަރާތްތައް މަސައްކަތް ކުރަމުންދަނީ ޏ. ފުވައްމުލަށް، ގދ. ތިނަދޫ އަދި ލ. ފޮނަދޫގައެވެ. އަދި މީގެތެރެއިން 13 މީހަކު ޕްރޮގްރާމް ފުރިހަމަކޮށް އެމްޓީސީސީ އެކްސްކަވޭޓަރ އޮޕަރޭޓަރުންގެ ގޮތުގައި ދަނީ ވަޒީފާއަދާކުރަމުންނެވެ. އަދި ހަމަ 2021 ވަނަ އަހަރުތެރޭ ފެށުނު "ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް" ގެ ދަށުން، ކުރިއަށް އޮތް 3 އަހަރުތެރޭ 100 މީހުން ތަމްރީން ކުރެވިގެންދާނެއެވެ. މި ޕްރޮގްރާމްގެ ދަށުން، ވެލްޑިންގް، ޕްލަމްބަރިންގ، އިލެކްޓްރިކް މަސައްކަތް، އޮޓޮމޯޓިވް މެކޭނިކް މަސައްކަތް، ވަޑާންކުރުން އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒް ކުރުން ފަދަ ދާއިރާތަކަށް މީހުން ތަމްރީން ކުރެވިގެންދާނެއެވެ.

މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވުމުގެ ރޫހަކީ ކުންފުނި އުފެދުނީއްސުރެ އެމްޓީސީސީގެ ސަޤާފަތުގައި ހިމެނޭކަމެކެވެ. ކުންފުނީގެ ތަޞައްވުރާއި ކުންފުނިން އަގު ވަޒަންކުރާ ކަންކަމުގައި، ކުންފުނިން ހިންގާ ވިޔަފާރީގެ ހަރަކާތްތައް މެދުވެރިކޮށް ކުންފުނީގެ އިޖުތިމާޢީ ޒިންމާ ތަންފީޒުކުރަމުން ގެންދެވެއެވެ. މީގެ މަޤްޞަދަކީ އިޤްތިޞާދީ ނަފާ ފޯރުކޮށްދީ، ހަމަޖެހުން ބޮޑު ދެމެހެއްޓެނިވި މުޖުތަމަޢުއެއް ބިނާކުރުމަށް ޙިއްޞާވުމެވެ. އެމްޓީސީސީއިން އިޖްތިމާޢީ ޒިންމާއަށް ދީފައިވާ ސަމާލުކަމުގެ ހަޤީގީ އަޞްލަކީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާޙިމް މުޙައްމަދު ސޯލިޙު ރައްޔިތުންނަށް ހެޔޮކޮށްހިތައި، ރައްޔިތުންނަށް ކޮށްދެވެން ހުރި އެއްވެސްކަމެއް ދޫނުކޮށްލުމަށް ދެއްވާފައިވާ ނަސޭހަތެވެ. އެމަނިކުފާނުގެ އިރުޝާދާއެކު އެމްޓީސީސީ އިން 2020 އަދި 2021 ވަނަ އަހަރުތެރޭ ވަނީ ޖުމްލަ 365 އިޖްތިމާޢީ ޒިންމާއާއި ގުޅުންހުރި މަސައްކަތެއް، 93 ރަށެއްގައި ކުރިޔަށް ގެންގޮސްފައެވެ. 2021 ވަނަ އަހަރު އިޖުތިމާޢީ ޒިންމާއަށް ހިންގާފައިވާ ޚަރަދުގެ ތެރޭގައި، އަތޮޅު ތެރޭގައި ހިންގިފައިވާ މަސައްކަތްތަކުގެ އިތުރުން، ހުޅުމާލޭ ހާފުވޭ ހައުސްގެ އާބާތުރަ ފިލުވުމުގެ މަސައްކަތަށް ހިންގާނެ ޚަރަދާއި، އާރޓިފިޝަލް ބީޗުގައި ޙާއްޞަ އެހީއާއް ބޭނުންވާ ފަރާތްތަށް ބޭނުންކުރުމަށް އެޅުނު ރޭމްޕަށް ހިނގި ޚަރަދު ހިމެނެއެވެ.

އެމްޓީސީސީގެ އަމާޒަކީ ހިކުމަތްތެރިކަމާއެކު ވިޔަފާރިތައް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ވިޔަފާރި ކުރިއަށް ގެންދިޔުމެވެ. ކަސްޓަމަރުންނާއި ޙިއްސާދާރުންނާއި ވިޔަފާރީގެ ބައިވެރިންނާއި ޢާއްމު ރައްޔިތުން، ވޭތުވެދިޔަ 41 އަހަރު ދެގޮތެއްނުވެ ކުންފުންޏަށް ކުރަމުން އައި އިތުބާރު ދެމެހެއްޓުމެވެ. ކުންފުނީގެ ހީވާގި އިޙްލާސްތެރި ވެރީންނާއި މުވައްޒަފުން މި އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރަމުންދާނެ ކަމާމެދަކު ޝައްކެތްނެތެވެ. 2021 ވަނަ އަހަރެކޭ އެއްފަދައިން 2022 ވަނަ އަހަރާއި އަދި ކުރިއަށްއޮތް އަހަރުތަކަކީވެސް ކުންފުނީގެ ތާރީޚުގައި ރަންއަކުރުން ލިޔެލެވޭ އަހަރުތަކެއް ކަމުގައި ހެދުމުގެ ތަޅުދަނޑިއޮތީ ހަމަ ޓީމް އެމްޓީސީސީގެ އަތްމަތީގައެވެ.

comment ކޮމެންޓް