މުވައްޒަފުން ޕޮޒިޓިވް ވެގެން މަސައްކަތް ހުއްޓޭ ހިސާބަށް އަދި ނުދޭ: ސިވިލް ސާވިސް

ސިވިލް ސާވަންޓުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދައުލަތުގެ އޮފީސްތަކުގައި މަސައްކަތް ކުރާ ސިވިލް ސާވިސްގެ މުވައްޒަފުން ޕޮޒިޓިވްގެން އެއްވެސް އޮފީހެއްގެ މަސައްކަތް ހުއްޓޭ ހިސާބަށް އަދި ނުދާ ކަމަށް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފިއެވެ.

މުޅި ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު އޭގެ ތެރޭގައި ބައެއް އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުން ވެސް ގިނަ އަދަދަކަށް ހިމެނެއެވެ.

ސީއެސްސީގެ ރައީސް މުހައްމަދު ނާސިހް މިއަދު "ސަން" އަށް ވިދާޅުވީ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ޕޮޒިޓިވް ވެގެން ހިދުމަތް ނުދެވޭ ހިސާބަށް ކަންކަން ގޮސްގެން އެއްވެސް އޮފީހަކުން މިހާތަނަށް އަންގާފައި ނުވާ ކަމަށެވެ.

ސީއެސްސީއިން ފަހުން އާއްމު ކުރި އުސޫލުގައި ބުނަނީ ކޮންޓެކްޓުން ކަރަންޓީންގައި ތިބެ މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް ޕޮޒިޓިވްވާ މީހުންނަށް ޗުއްޓީ ލިބޭނެ ކަމަށް އުސޫލުގައި ބުނެއެވެ.

ގިނަ އަދަދެއްގެ މުވައްޒަފުން ޕޮޒިޓިވް ވެއްޖެ ނަމަ އަމަލު ކުރާނެ ގޮތަކާ ގުޅޭގޮތުން ސުވާލު ކުރުމުން ނާސިހް ވިދާޅުވީ އޮންލައިންކޮށް ވެސް ހިދުމަތް ދެވޭނެ ކަމަށެވެ. މީގެ ކުރިން ވެސް އޮފީސްތައް ބަންދުކޮށްގެން ހިދުމަތް ދީފައިވާއިރު މިހާރު ކުރިއަށް ވުރެ ރަނގަޅަށް ހިދުމަތް ދެވޭނެ ކަމަށް ނާސިހު ވިދާޅުވިއެވެ.

"ވެކްސިން ވެސް ގިނަ ބަޔަކު ޖަހައިފައި ހުރުމާއެކު މިހާރު ވިސްނުން މިހުރީ މިއާއެކު އުޅެން ދެއްތޯ. އެހެންވީމައި އެގޮތަށް ކުރިއަށް ދެވޭނެ،" ނާސިހް ވިދާޅުވިއެވެ.

މީގެ ކުރިން ބައެއް ރަށްރަށުގެ ކައުންސިލްތަކުގެ ގިނަ މުވައްޒަފުން ޕޮޒިޓިވްގެން އޮފީސްތައް ބަންދު ކުރަން ޖެހުނު ކަމަށާއި އެ ހާލަތުގައި އެ ކޮމިޝަނުން ލަފާ ދިނީ ގޭގައި ތިބެ މަސައްކަތް ކުރަން ކަމަށް ވެސް ނާސިހް ވިދާޅުވިއެވެ.

މީގެ ކުރިން ކޮވިޑް ކޭސްތައް އިތުރުވި ދުވަސްވަރު މުވައްޒަފުން ސަރުކާރު އޮފީސްތަކަށް ނެރެމުން ދިޔައީ ދަންފަޅި ބަހައިގެންނެވެ.

ނާސިހް ވިދާޅުވީ އެފަދަ ފިޔަވަޅެއް އަދި އެޅުމަށް ރައީސް އޮފީހަކުން ވެސް، އެޗްޕީއޭއަކުން ވެސް ނާންގާ ކަމަށެވެ.

މިފަހުން ކޮންމެ ދުވަހަކު ރާއްޖޭން ޕޮޒިޓިވްވާ މީހުންގެ އަދަދު 2،000 އިން ވަނީ މަތިވެފައެވެ. އޭގެ ތެރޭގައި ގިނައީ މާލޭން ޕޮޒިޓިވްވާ މީހުންނެވެ.

comment ކޮމެންޓް