އެމްޓީސީސީގެ ތާރީހުގައި ވެސް މާލީގޮތުން އެންމެ ރަނގަޅު އަހަރަކީ މިދިޔަ އަހަރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް --- ފޮޓޯ/ އެމްޓީސީސީ

ސާފު ފައިދާގެ ގޮތުގައި ޖުމްލަ 264 މިލިއަން ރުފިޔާއާ އެކު، އެމްޓީސީސީގެ ތާރީހުގައި ވެސް ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާ މިދިޔަ އަހަރު ހޯދައިފިއެވެ.

އެ ކުންފުނިން މިއަދު އާންމުކުރި 2021ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާގެ މާލީ ރިޕޯޓުގައި ވާގޮތުން ޓެކުހަށް ނުކަނޑާ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އަހަރުގެ ނިޔަލަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 52.27 މިލިއަން ރުފިޔާއެވެ. 2020 ވަނަ އަހަރުގެ މިމުއްދަތުގައި އެ ކުންފުނިން ވަނީ 80.94 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދާފައެވެ.

ނަމަވެސް، މިދިޔަ އަހަރުގެ ހަތަރު ކުއާޓާގެ ޖުމްލަ ސާފު ފައިދާ އަކީ އެމްޓީސީސީގެ 41 އަހަރުގެ ތާރީހުގައި ވެސް ރެކޯޑު ކުރެވުނު އެންމެ ރަނގަޅު އަހަރީ ހިސާބުކަމަށް އެ ކުންފުނިން ބުނެއެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެކަނި ވެސް އެމްޓީސީސީން ވަނީ 625.70 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައެވެ. 2020ވަނަ އަހަރު މި މުއްދަތުގައި އެ ކުންފުނިން ކުރި ވިޔަފާރީގެ ޖުމްލަ އަކީ 408.76 މިލިއަން ރުފިޔާއެވެ. މި އަހަރުގެ ތިންވަނަ ކުއާޓާއާ އަޅާ ބަލާއިރު ހަތަރުވަނަ ކުއާޓާގައި ލިބުނު ވިޔަފާރި އާމްދަނީ ވަނީ %29 އިތުރުވެފައެވެ.

އެމްޓީސީސީން ހަރަކާތްތެރިވާ ހަތަރު ދާއިރާގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ފެންނަނީ ކޮންޓްރެކްޓިން ދާއިރާއިންނެވެ. ތިންވަނަ ކުއާޓާއާ އަޅާބަލާއިރު މި ދާއިރާއިން ލިބުނު އާމްދަނީ ވަނީ %33 އިތުރުވެފައެވެ. މި މުއްދަތުގެ ތެރޭ އެ ކުންފުނިން ގިނަ މަޝްރޫއުތަކެއް ހިންގާފައިވާ އިރު، 10 މަޝްރޫއެއްގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މީގެ އިތުރުން، އެ ކުންފުނިން އާންމު ވިޔަފާރީގެ ތެރެއިން ހޯދި އާމްދަނީ ވެސް ވަނީ އިތުރުވެފައެވެ. ތިންވަނަ ކުއާޓާގައި މި ދާއިރާއިން ލިބުނު އާމްދަނީ އަޅާބަލާއިރު %16ގެ ކުރިއެރުމެއް މާލީ ރިޕޯޓުން ދައްކައެވެ. މިއީ އެމްޓީސީސީ ކަށަވަރު ޕްރޮމޯޝަންގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމުގައި އެ ކުންފުނިން ބުނެއެވެ.

ދަތުރުފަތުރުގެ ދާއިރާއިން ވެސް %18 ގެ ކުރިއެރުމެއް ލިބުނެވެ. މި މުއްދަތުގެ ތެރޭގައި އެ ކުންފުނިން ހުޅުމާލޭ ފޭސް ދެއަކަށް ބަސް ދަތުރުތައް ފެށިކަން ފާހަގަކުރެވެއެވެ.

2021 ވަނަ އަހަރު ކުންފުނީގެ ޖުމްލަ އެސެޓުތައް އަގުކުރެވެނީ 3 ބިލިއަން ރުފިޔާގައެވެ. އެސެޓާ އަޅާބަލާއިރު، ދަރަނީގެ ނިސްބަތަކީ %20.1 އެވެ. 2020 ވަނަ އަހަރު ނިމުނު އިރު މި ނިސްބަތް ހުރީ %20.9ގައެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ހިންގި 103 މަޝްރޫއުގެ އިތުރުން، އެ ކުންފުނިން ވަނީ ސީއެސްއާރުގެ ގޮތުގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމްޓީސީސީން ބުނީ އެ ކުންފުނީގެ ވިޔަފާރި އިތުރަށް ކުރިއަރުވާ، ކާމިޔާބު ހޯދުމަށް ކުރިއަށް އޮތް ތަނުގައި ވެސް ވިސްނުންތެރި ކަމާއެކު ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

comment ކޮމެންޓް