އެމެރިކާއިން ރަޝިއާގެ ވަށައިގެންވާ ގައުމުތަކަށް ޒަމާނީ ހަތިޔާރު ޖަމާކުރަނީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން

ވޮޝިންޓަން (24 ޖަނަވަރީ 2022): ރަޝިއާއިން ޔުކްރޭނާ ދެކޮޅަށް ހަނގުރާމަ ފަށައިފާނެ ކަމަށް ބުނެ ރަޝިއާއާ އިންވެގެން އޮންނަ ބޯލްޓިކްގެ ގައުމުތަކާއި އިރުމަތީ ޔޫރަޕްގެ ގައުމުތަކަށް ގިނަ އަދަދެއްގެ ސިފައިން ފޮނުވުމާމެދު ވިސްނަމުންދާކަމަށް އެމެރިކާ ބުނެފިއެވެ.

އެމެރިކާގެ މަސްއޫލުވެރިންނާ ހަވާލާދީ ނިޔުޔޯކް ޓައިމްސް ބުނިގޮތުގައި ރައީސް ޖޯ ބައިޑެން ވަނީ ހަނގުރާމަ ފެށޭނެކަމަށް ބަލައި ޔުކްރޭނަށް އެމެރިކާގެ ގިނަ އަދަދެއްގެ ހަތިޔާރު ފޮނުވުމަށް ބޯލްޓިކްގެ ގައުމުތަކަށް އަންގަވާފައެވެ. އަދި މިހާރު ބައިޑެން ގެންދަވަނީ ރަޝިއާއާ އިންވެގެން އޮންނަ ބޯލްޓިކްގެ ގައުމުތަކާއި އިރުމަތީޔޫރަޕްގެ ގައުމުތަކުގައި އެމެރިކާ ސިފައިންނާއި ބަރުހަތިޔާރު ރުކުރުވާލުމާބެހޭގޮތުން ޕެންޓަގަންގެ އިސް ވެރިންނާ މަޝްވަރާ ކުރައްވަމުންނެވެ.

ރަޝިޔާގެ މަސްއޫލުވެރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ޔުކްރޭނަށް އަރައިގަތުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށާއި ޔުކްރޭނާއި ރަޝިޔާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރިއަށް ސިފައިން ބަރުހަތިޔާރާއެކު ޖަމާކޮށްފައިވަނީ ނޭޓޯގެ މެންބަރަކަށް ޔުކްރޭން ހަދަންއުޅޭތީ ރަޝިއާގެ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމުގައެވެ.

ނޭޓޯގެ މެންބަރަކަށް ޔުކްރޭން ނުހަދާނެކަމުގެ ގެރެންޓީ ނޭޓޯއިން ދީފިނަމަ ޔުކްރޭންގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ޖަމާކޮށްފައިވާ ރަޝިއާގެ ބާރުތައް އަނބުރައި ގެންދާނެކަމަށް ރަޝިއާއިން ބުނެއެވެ. ނަމަވެސް އެމެރިކާއާއި އިނގިރޭސިވިލާތުން ބުނަނީ ކޮންމެ ވަގުތަކުވެސް ރަޝިއާ ޔުކްރޭނަށް އަރައިގެންފާނެ ކަމަށާއި ޔުކްރޭންގެ ސަރަހައްދީ ރޮނގު އޮތީ އިންތިހާއަށް ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ.

އިނގިރޭސިވިލާތުންވެސް ގެންދަނީ އަސްކަރީ ބޮޑެތި ކާގޯ މަތިންދާބޯޓުތަކުގައި ޔުކްރޭނަށް ހަތިޔާރު ޖަމާކުރަމުންނެވެ. އެމެރިކާއާއި އިނގިރޭސިވިލާތުގެ މި އަމަލުތަކަކީ ހަނގުރާމައަށް ދަރުއެޅުން ކަމަށް ރަޝިއާވަނީ ސިފަކޮށްފައެވެ.

ރަޝިއާއަކީ ދުނިޔޭގެ ދެވަނަ އަސްކަރީ ބާރަށްވެފައި އަދި ނިއުކްލިޔާ ހަތިޔާރުގެ ގާބިލްކަން އެމެރިކާއަށް ވުރެވެސް ބޮޑު ގައުމަކަށްވާއިރު އެމެރިކާއާއި އިނގިރޭސީން ޔުކްރޭނަށް ކިތަންމެ ވަރަކަށް ހަތިޔާރު ފޯރުކޮށްދިން ނަމަވެސް ޔުކްރޭނާއި ރަޝިއާގެ ބާރުގެ ތިލަފަތަށް މާބޮޑު ބަދަލެއް ނާންނާނެއެވެ. ޔުކްރޭނަކީ އަސްކަރީ ގޮތުން ރަޝިއާއާ އަލާބަލާއިރު ވަރަށް ބަލިކަށި ގައުމެކެވެ. ރަޝިޔާގެ ބިޔަ ލަޝްކަރުތަކާ އަދި ޒަމާނީ ހަތިޔާރުތަކާ ކުރިމަތިލެވޭވަރުގެ ޒަމާނީ ހަތިޔާރެއް އަދި ސިފައިންގެ ބާރުގަދަ ލަޝްކަރެއްވެސް ޔުކްރޭންގައި ނެތެވެ.

ޔުކްރޭންގެ މައްސަލަ ހައްލުކުރުމަށް ރަޝިއާ އާއި އެމެރިކާގެ ރައީސުން ވާޗުއަލްކޮށް ދާދިފަހުން ބޭއްވި ސަމިޓް ބައްދަލުވުމާއި ނޭޓޯއާއި ރަޝިއާއިން ބޭއްވި ބައްދަލުވުންވެސްވަނީ ކޮޅެއްގައި ނުޖެހި ނާކާމިޔާބުވެފައެވެ. މި ސަމިޓާ އަދި ބައްދަލުވުން ނާކާމިޔާބުވީ ޔުކްރޭނަށް ނޭޓޯގެ މެންބަރުކަން ނުދޭނެކަމުގެ ގެރެންޓީ ދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންވެސް އަދި ނޭޓޯއިންވެސް ދެކޮޅު ހެދުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު