މަޖިލިސް ހުޅުވުން އަންނަ މަހު ތިނެއްގައި، ސަރުކާރު ބަންދުވާނެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ އަންނަ މަހުގެ ތިން ވަނަ ދުވަހަށް ތާވަލްކޮށް، އެޖެންޑާ އާންމުކޮށްފިއެވެ.

މަޖިލިސް ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ކޮންމެ އަހަރެއްގެ ފުރަތަމަ ދައުރު ފެށޭނީ ފެބްރުއަރީ ފުރަތަމަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށެވެ.

މަޖިލީހުން އާންމުކޮށްފައިވާ އެޖެންޑާގައިވާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ހެނދުނު 09:00 ގައެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މަޖިލީހުގެ ފުރަތަމަ ދައުރު ހުޅުވުމަށް ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ. ފުރަތަމަ ޖަލްސާއަށް ތާވަލްކޮށްފައިވަނީ ވެސް ރިޔާސީ ބަޔާން އިއްވެވުން އެކަންޏެވެ.

އެ ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަމުގެ މައްޗަށް ރައީސް ވާހަކަދައްކަވާނެއެވެ. އަދި އެ ރިޔާސީ ބަޔާނަށް ސަރުކާރު ނިސްބަތްވާ ޕާޓީ ފިޔަވައި، މެޖޯރިޓީ ލީޑަރު ރިޔާސީ ބަޔާނަށް ޖަވާބުދެއްވަންވާނެއެވެ. އެގޮތުން މި މަޖިލީހުގައި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ ޕީޕީއެމް ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، އޭދަފުށީ ދާއިރާ މެންބަރު އަހްމަދު ސަލީމެވެ.

މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ އަހަރުގެ ފަހު ދައުރު ނިންމައި، މިދިޔަ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހުއެވެ. ޗުއްޓީއަށް ދިއުމަށްފަހު ދައުރުން ބޭރުން ތިން ޖަލްސާއެއް ވަނީ ބާއްވައިފައެވެ.

މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންވަނީ ތިން ދައުރުގެ މައްޗަށެވެ.

ކޮންމެ އަހަރަކު ވެސް ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި އޮންނަނީ ކަނޑައަޅައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް