އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ މަރޮށީގެ 26 ކުދިން ޔުނިވާސިޓީން މަތީ ތައުލީމަށް ކިޔަވަން ތިބީތީ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ މަރޮށީގެ 26 ކުދިން ޔުނިވާސިޓީގައި މަތީ ތައުލީމަށް ކިޔަވަން ތިބީތީ ކަމަށް ވިދާޅުވި --

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ތިން އަހަރު ތެރޭގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ގިނަ މަޝްރޫއުތަކެއް ހިންގައިފި ކަމަށާއި ނަމަވެސް އެއަށްވުރެ، ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ށ. މަރޮށީގެ 26 ކުއްޖަކު ޔުނިވާސިޓީގައި މަތީ ތައުލީމު ހާސިލު ކުރަން ތިބީތީ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓު، މުހައްމަދު ރާޝިދަށް ކެމްޕެއިން ކުރުމުގެ ގޮތުން މަރޮށީގައި މިއަދު ބޭއްވި ބައްދަލުވުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ހަތަރު ހާހަށްވުރެ މަދުން އާމްދަނީ ލިބޭ 92 މީހުންނާއި ހަތަރު ހާހާ ހަތް ހާހާ ދެމެދުގެ އާމްދަނީ ލިބޭ 192 މީހުންގެ އިތުރުން ހަތް ހާހާ އަށް ހާހާ ދެމެދުގެ އާމްދަނީއެއް ލިބޭ 226 މީހުން މަރޮށީގައި މިވަގުތު އެބަތިބި ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ އަމާޒަކަށްވީ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުން ކަމަށާއި އެއީ މަސައްކަތްކުރާ ކޮންމެ މީހަކަށް ވެސް ލިބެންޖެހޭނެ އެއްޗެއް ކަމަށް އެމްޑީޕީން އެއިރު ވެސް ގަބޫލު ކުރާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރުމުން އުޖޫރައެއް ދޭން ޖެހޭނެ ކަމަށް ސަތާރަ ސަތޭކައިގެ އަހަރު ތަކުގައި ކަނޑައަޅައިފި ކަމަށެވެ. އެއީ ހަސަން ތާޖުއްދީންގެ ފަނޑިޔާރު ކަމުގައިކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އެއަށްފަހު އެމްޑީޕީގެ އަމާޒަކަށްވީ ރައްޔިތުންގެ ޖީބަށް ވަންނަ އެއްޗެއް އިތުރު ކުރެވޭނެ ގޮތެއް ހޯދުން ކަމަށެވެ.

ނަޝީދު ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތްކުރާ 26 ކުއްޖަކު ތިބި ކަމަށާއި އޭގެން ކޮންމެ ކުއްޖަކަށް ވެސް އަސާސީ މުސާރައެއްގެ ގޮތުގައި އެއިރު ލިބެމުން އައީ 250 ޑޮލަރު ކަމަށް ކަމަށެވެ. ނަމަވެސް އެއާއި ހިލާފަށް މިއަދު އެ ފަދަ ކުދީންނަށް ވެސް އަސާސީ މުސާރައިގެ ގޮތުގައި 519 ޑޮލަރު ލިބޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ދެންމެ ދެންނެވިން ހަތަރުހާސް ރުފިޔާ ލިބޭ މީހުންނާއި ހަތް ހާސް ލިބޭ މީހުންނާއި އަށް ހާސް ރުފިޔާ ލިބޭ މީހުންގެ ވާހަކަ. ސިޔާސަތަށް މި ގެނެވުނު ބަދަލުގެ ތެރެއިން އެ ހުރިހާ އެންމެންގެ މުސާރަ ވެސް ދިޔައީ މަތިވެގެން. އަޅުގަނޑުމެންގެ ހުރިހާ ސިޔާސަތެއްމެ، ބިނާ މިވަނީ ތިޔަ ބޭފުޅުންގެ އާމްދަނީ އިތުރު ކޮށްދިނުމަށް،" ނަޝީދު ވިދާޅުވިއެވެ.

"ދެހާސް އަށްވަނަ އަހަރު ރާއްޖެއަށް މި ބަދަލު ގެނައީ. އާދެ ރައްޔިތުން އެތައް ތަނަކުން ތަނަވަސް ވެއްޖެ. އެމީހުންނަށް ލިބޭ އެއްޗެއް އިތުރު ކޮށްފި،"

އެމްޑީޕީގެ ޖަޒީރާ މެނިފެންޓޯއާ ބެހޭގޮތުން ނަޝީދު ވިދާޅުވީ އެ މެނިފެސްޓޯއަކީ ރަށްވެހިކަމުގެ ތަޖުރިބާ ހުރި މުޖުތަމައުތަކުން މައުލޫމާތު ހޯދައިގެން ތަންފީޒު ކުރަމުން އަންނަ ސިޔާސަތުތަކެއް ކަމަށެވެ.

"ނަމަވެސް އެ ބޮޑު ޖަންޕު ޖަހާތަނެއް އަދި ނުފެނެ. ބޮޑު ބަދަލު އަންނަ ތަނެއް އަދި ނުފެނެ. ހާސް ކަމެއް އަދި ނުކެނޑެ. ކޮޓަރި ކުލި، ފޯނު ބިލު، ފެން ބިލު ކަރަންޓު ބިލު. ކުރާން ހުރި ހަރަދު އިންތިހާ. ލިބެންޖެހޭ އާމްދަނީ އެބަ އިތުރުވާންޖެހޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޖަޒީރާ މެނިފެސްޓޯގެ ތެރެއިން ރައްޔިތުން ބޭނުންވާ ބަދަލު އަދި ފެންނާނެ ކަމަށެވެ. ނަމަވެސް މިއީ ޖީލެއްގެ މަސައްކަތްތަކެއް ކަމަށާއި އެ ކަމަކީ މާދަމާ އަދި މިއަދުގެ ވޯޓުން ވެސް ވާން އޮތް ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ދާއިރާގެ ރައްޔިތުންނަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓު ބޭނުންވާ ކަމަށާއި އެއީ ތިލަފަތަށް ޖަހާ ވޯޓެއް ކަމަށެވެ. މީގެ އިތުރަށް އެ ވޯޓަކީ އެމްޑީޕީގެ ފިކުރަށާއި އެ ކުރާން އުޅޭ މަސައްކަތުގައި ވެސް ބައިވެރިވުން ކަމުގައި ވިދާޅުވިއެވެ.

comment ކޮމެންޓް