އެކްޓިވް ކޭސްގެ އަދަދު 14،636އަށް، މުޅި ރާއްޖެއިން އިތުރު 2484 ޕޮޒިޓިވް

މާލޭ ސަރަހައްދުން ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ފަޔާޒް މޫސާ

ފާއިތުވީ 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ނެގި 7،536 ސާމްޕަލްގެ ތެރެއިން 2484 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މީގެ ތެރޭގައި މާލެ އިން މިއަދު އަލަށް ޕޮޒިޓިވްވީ 1268 މީހުންނެވެ.

އޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުން 728 މީހުން އަލަށް ޕޮޒިޓިވް ވެފައިވާއިރު ރިސޯޓުތަކުން 81 މީހަކު ޕޮޒިޓިވްއެވެ.

ސަފާރީތަކުން މިއަދު ޕޮޒިޓިވްވީ ތިން މީހުންނެވެ.

މިއަދާ ހަމައަށް ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 117،461އަށް އަރާފައެވެ.

ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން މިވަގުތު ފަރުވާ ދެމުން އަންނަ މީހުންގެ އަދަދަކީ 47އެވެ.

ކޮވިޑް ޖެހިގެން މިއަދު އުމުރުން 42 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާއިރު، މި ބަލީގައި މިހާތަނަށް ދުނިޔެ ދޫކޮށްފައިވަނީ 270 މީހުންނެވެ.

އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލީގެ ހާލަތު މިހާރު ގޯސްވެފައިވާ މިންވަރުން އަރައިގަތުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ކޮވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުން ކަމަށެވެ.

އަފްޒަލް ވިދާޅުވީ މިހާލަތުގައި އެންމެ މުހިއްމު އެއްކަމަކީ އެ މީހެއްގެ ކޮނޑުގައި އެޅިފައި އޮތް ފަރުދީ ޒިންމާ އަދާ ކުރުމުގެ އިތުރަށް އަނގައާއި ނޭފަތް ރަނގަޅަށް ނިވާވާ ގޮތަށް މާސްކު އެޅުން ކަމަށެވެ.

comment ކޮމެންޓް