ތުރުކީން އަފްޣާނިސްތާނަށް އެހީ ފޮނުވަނީ

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން -- ފޮޓޯ: އޭއެފްޕީ

އިންސާނީ އެހީތެރިކަމަށް ޖެހިފައިވާ އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތުރުކީން ނިންމައިފިއެވެ.

ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވީ އެގައުމުން އަފްޣާނިސްތާނަށް އެމަޖެންސީ ސާމާނުތަކާއި 700 ޓަނުގެ ކާނާ އަަދި އަންނައުނު އެހީގެ ގޮތުގައި ފޮނުވާނެ ކަމަށެވެ.

މި އެހީތެރިކަން އަފްޣާނިސްތާނަށް ފޯރުވާނީ ތުރުކީގެ 10 މަދަނީ ޖަމިއްޔާގެ އެހީތެރިކަމާއެކު އެ ގައުމުގެ ޑިޒާސްޓާ އޭޖެންސީ މެދުވެރިކޮށެވެ.

މި އަހަރު އަފްޣާނިސްތާނަށް އެހީގެ ގޮތުގައި ފަސް ބިލިއަން ޑޮލަރު ބޭނުންވާކަމަށް އދ. އިން ވަނީ ބުނެފައެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ އަފްޣާނިސްތާނުގެ ރައްޔިތުން ތިބީ މަރުގެ ތުންފަތްމަތީގައި ކަމަށް ވިދާޅުވެފައެވެ. އަދި ހުޅަނގުގެ ގައުމުތަކުން ހިފަހައްޓާފައިވާ، އެ ގައުމުގެ ބޭންކިން އެސެޓުތައް އަނބުރައި ދޫކުރުމަށް އޭނާ ވަނީ ހުޅަނގަށް ގޮވާލައްވާފައެވެ.

އދ.ގެ ހިއުމަނިޓޭރިއަން ކޯޑިނޭޝަން އޮފީހުން ލަފާކުރާ ގޮތުގައި އަފްޣާނިސްތާނުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ދަނީ ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންނެވެ. އަދި ނުވަ މިލިއަނަށް ވުރެ ގިނަ މީހުން ވަންނާނެ ބޯހިޔަލެއް ނެތިފައިވާއިރު، މިލިއަނަށްވުރެ ގިނަ ކުޑަކުދިން އަސާސީ ތައުލީމުގެ ހައްގުން މަހުރޫމުވެފައިވާ ކަމަށް އެ އޮފީހުން ލަފާކުރެއެވެ.

comment ކޮމެންޓް