އިދިކޮޅުން އުޅެނީ އިންޑިއާއިން ގެނެސްދޭ ތަރައްގީ ހުއްޓުވަން: މާރިޔާ

މާރިޔާ އަހުމަދު ދީދީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ޕީޕީއެމް، ޕީއެންސީން މަސައްކަތްކުރަނީ އަވައްޓެރި އިންޑިއާއިން ރާއްޖެއަށް ގެނެސްދޭ ތަރައްގީ ހުއްޓުވަން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އިންޑިއާ އަކީ އަބުދުވެސް ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދޭ ގައުމެއް ކަމަށެވެ.

މާރިޔާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެހުންނަވައި ހިންގާވާ އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖެއަށް އަންނަ ތަރައްގީ ހުއްޓުވަން ހިންގަވާ ހަރަކާތެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެހީތެރިވޭ މި ތަރައްގީއަށް އަޅުގަނޑުމެންގެ އަވަށްޓެރި އިންޑިއާއިން. އެކަމަކު އެތަރައްގީ ވެސް ގެނެސްދޭތީ އަދި މިކަމުގައި އިންޑިއާ އަޅުގަނޑުމެންނަށް އެހީވާތީ އިންޑިއާ އައުޓް ޖަހައިގެން ރާއްޖޭގެ ރައްޔިތުންނަށް މި ގެނެސްދޭ ތަރައްގީ ހުއްޓުވުމަށްޓަަކައި މަސައްކަތް ކުރޭ،" މާރިޔާ ވިދާޅުވިއެވެ.

އެމްޑީޕީއަކީ ހަމައެކަނި ވައުވާ ޕާޓިއެއް ނޫންކަމަށް ކަމަށާއި ރައްޔިތުންނަށް ނަފާވާނެހެން މިހާރު ވެސް މަޝްރޫއެއް ހިންގާފައިވަނީ އެމްޑީޕީގެ ސަރުކާރުންކަމަށް އޭނާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ރާއްޖެއަށް އެމްޑީޕީން ތާއާރަފް ކުރި އާސަންދައިގެ ނިޒާމަކީ މިއަދު ހުރިހާ ދިވެހީންނަށް އެކަމުގެ ފައިދާ ކުރާނެ ކަމެއް ކަމަށެވެ.

"އާސަންދައިގެ ހިދުމަތް ފަށައިގަތުމުގެ ކުރިން ތީމުގޭ ދޮރުމަތީގައި އެ މީހުން 200 ޑޮލަރަށް ދެކޮޅަށް ޓިކެޓް ލިބޭތޯ ތިބި ހަނދާނެއް މިހާރަކު ނުހުންނާނެ،" މާރިޔާ ވިދާޅުވިއެވެ.

އުމުރުން ދުވަސްވީ ބޭފުޅުން އުޅެމުންދާ ދަތި ހާލުގެ ސަބަބުން އެ ބޭފުޅުންނަށް ޕެންޝަނެއް ލިބޭނެ ގޮތެއްވެސް ހޯދައިދިންކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ސްކޫލުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ބޭނުންވާނެ ތަކެތި ދައުލަތުގެ ހަރުދުގައި ހޯދައިދިނީވެސް ރައްޔިތުންނަށް ޓަކައި ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ފޯރި އެ ދާއިރާގައި އަންނަނީ ގަދަވަމުންނެވެ. އެ ކެމްޕޭނަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މިއަދު ފޯކައިދޫއަށް ވަޑައިގެންފައެވެ.

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް އެ ރަށަށް ވަޑައިގަތުމަށް ނިންމެވިއެވެ. ނަމަވެސް އެެރަށަށް ވަޑައިގަތުމުގެ ކުރިން ނެންގެވި ކޮވިޑްގެ ސާމްޕަލް ޕޮޒިޓިވްވުމާ ގުޅިގެން އެ ދަތުރަގައި ބައިވެރިވެވޭ ގޮތްވަނީ ނުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޮމަނޑޫ ދައިރާ ތަމްސީލުކުރާ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު މި މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. ހުސައިން މަޖިލީހުގައި ހުންނެވީ އެމްޑީޕީގެ ޓިކެޓުގައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ ފޯކައިދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރާޝިދެވެ. އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީ އާދަމެވެ. އަދި އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ ކުރީގެ ޓީޗަރެއް ކަމުގައިވާ އަބްދުލް ހައްނާނު އިދުރީސްއެވެ.

comment ކޮމެންޓް