ކޮވިޑުން އަރައިގަތުމަށް ރާއްޖެއަށް އިންޑިއާގެ އެހީ އަބަދުވެސް ލިބޭނެ: މޯދީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު --

ކޮވިޑް-19ގެ އާލަމީވަބާއިން އަރައިގަތުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި އިންޑިއާގެ އެހީ އަބަދުވެސް ލިބޭނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، އެމަނިކުފާނަށް ހެޔޮ ދުއާ ފޮނުވައި ކުރެއްވި ޓްވީޓުގައި މޯދީ ވިދާޅުވީ ކޮވިޑާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކުން ކާމިޔާބުކަމާއެކު އަރައިގަތުމުގައި، އިންޑިއާގެ ހެޔޮއެދުންތައް ވަނީ ރާއްޖޭގެ ރައްޔިތުންނާ އެކުގައި ކަމަށެވެ.

ހަމައެހެންމެ މި މަސައްކަތުގައި ކުރިއަށް އޮތް ތަނުގައި ވެސް އިންޑިއާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީން ކަން މޯދީ ދެއްވެވިއެވެ.

ރާއްޖެއިން ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އެންމެ ގިނަ އެހީތެރިކަން ފޯރުކޮށްދިން އެއް ގައުމަކީ އިންޑިއާއެވެ. އެގޮތުން އިންޑިއާއިން ވަނީ ރާއްޖެއަށް ކޮވިޑް-19 ވެކްސިން ވެސް ފޯރުކޮށްދީފައެވެ. ރާއްޖޭގައި ވެކްސިން ޖަހަން ފެށީ އިންޑިއާ ސަރުކާރުން ހަދިޔާކުރި ކޮވިޝީލްޑުގެ 100،000 ޑޯޒުންނެވެ.

ރައީސް ސޯލިހު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ރޭ ނެންގެވި ސާމްޕަލްއަކުންނެވެ.

އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތޮޅުތެރެއަށް ދަތުރުކުރުމަށް ރޭ ހެދި ޕީސީއާރުން، ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިހާރު ގޭގައި އެކަހެރިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

"މާތް ﷲގެ ރަޙްމަތްފުޅުން ޙާލު ރަނގަޅު. މިވަގުތު މިހިރީ ގޭގައި އެކަހެރިވެގެން،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެމަނިކުފާނު ވަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ގެ ދެ ޑޯޒު ވެސް ފުރިހަމަކުރައްވައިފައެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިތާ ދެ އަހަރުވާން ގާތް ވެފައިވާއިރު، މިއީ ރައީސް ސޯލިހަށް ކޮވިޑް ޖެހުނު ފުރަތަމަ ފަހަރެވެ.

މީގެކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ނައިބު ރައީސް ފައިިސަލް ނަސީމް ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވިއެވެ.

comment ކޮމެންޓް