ފާރުތަކުގައި "އިންޑިއާ އައުޓް" ޖެހުމަކީ ދައުލަތާ ބެހޭ ކަމެއް ނޫން: ރައީސް ޔާމީން

ޕީޕީއެމުން ށ. ފުނަދޫގައި މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން މިއަދު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ޕީޕީއެމް

ފާރުތަކުގައި އިންޑިއާ އައުޓް ޖެހުމަކީ ދައުލަތާ ބެހޭ ކަމެއް ނޫން ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

"މިނިވަންކަމުގެ ދިފާއުގައި ދިވެހީން"ގެ ނަމުގައި ރ. ދުވާފަރުގައި މިއަދު ހަވީރު ބޭއްވި އެއްވުމުގެ ތެރެއިން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ, ދިވަހި ފަސްގަނޑުގައި އިންޑިއާ ސިފައިން ތިބުމާ ދިވެހިން ދެކޮޅުކަން އަމަލާ ބަހުން ދައްކަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ މެހެމާންދާރީއެއް އިންޑިއާ ސިފައިންނަކަށް ދިވެހި ފަސްގަނޑަކުން ނެތް. އެހެންވީމަ މެހެމާންދާރީ ނެތް ތަނެއްގައި ތިބުމަކީ އެއްވެސް ކަހަލަ އުސޫލީ ގޮތް ގޮތުން ވިސްނާއިރު މިއީ އަޅުގަނޑުމެންގެ ތާއީދުއޮތް ކަމެއް ނޫން،" ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް ބުރުއަރާ ކޮންމެ ފަހަރަކު ދިވެހިންގެ ތެރެއިން ބަޔަކު ނިކުމެ އެކަމާ ކުރިމަތިލާކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ, އެފަދަ ގިނަ ހާދިސާތަކެއް ދިމާވެފައިވާ ކަމަށެވެ.

"ހުރިހާ ފަހަރަކު ވެސް އަޅުގަނޑުމެންގެ ރާއްޖެއާ ތޮޅެން މި އަންނަނީ އިންޑިއާގެ އައްސޭރިފަށުން ނުކުމުގެން އަންނަ ފަރާތްތައް. މިފަހަރު ވެސް ތަފާތެއް ނެތް،" ޔާމީން ވިދާޅުވިއެވެ.

އެހެން ފަހަރުތަކާއި މިފަހަރާ ހުރި ތަފާތަކީ ރާއްޖޭގެ ނަމުގައި ދިވެހި ރައްޔިތުން އުފަންކުރި ބަޔަކު ދިވެހި ސަރުކާރަށާ ދިވެހި ރައްޔިތުންނަށް ހިޔާނާތްތެރިވެ މަދު ބަޔެއްގެ އަމިއްލަ އެދުމަށް އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބުމަކީ ދިވެހިން އެދޭ އެދުމެއްކަމަށް ބުނުން ކަމަށެވެ.

"އަޅުގަނޑުމެންގެ ގޭގޭގެ ފާރުގައި އިންޑިއާ އައުޓް ޖެހޭމީ އުދަނގޫވާ ބަޔަކު އެބަ އުޅޭ. އެކަމު އެއީ އަޅުގަނޑުމެންގެ ހިތުގެ ޝުއޫރު. އަޅުގަނޑުމެންގެ ފާރުއެއީ. އެއީ ދައުލަތަކާ ބެހޭ ކަމެއް ނޫން," ރައީސް ޔާމީން ވިދާޅުވިއެވެ.

އެކަމަކީ އަހްލާގީ ގޮތުން ދަށު ދަރަޖައިގެ އަމަލެއް ކަމަށް ސަރުކާރުން ރައްޔިތުންނަށް ދައްކަން އުޅުނު ނަމަވެސް އިންޑިއާ އައުޓް ކެމްޕެއިން ހުއްޓާލަން ޖެހޭ މަގުބޫލް ސަބަބެއް ދެއްކިފައި ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެކަން ނުކުރެވޭނެ ކަން ހަރު އަޑުން ރައީސް ޔާމީން ވިދާޅުވިއެވެ.

"އަހްލާގީ ގޮތުން ދަށްފެންވަރަކަށް މިދަނީ ދިވެހި ލޭ ހިނގާ ބަޔަކު ރާއްޖޭގެ ކާބަފައިން ގެނައިސް ދިން މިނިވަންކަމުގެ ހިޔަލުގައި ތިބިގެން ބޮޑެތިވިބަޔަކު ނިކުމެ ދިވަހިރާއްޖެއަށް ގައްދާރުވަމުންދާތީ," ރައީސް ޔާމީން ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖޭން ދާން ގޮވާލައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެހުންނަވައިގެން ކުރިއަށް ގެންދާ ކެމްޕެއިންގެ ތެރެއިން ފާރުތަކުގައި "އިންޑިއާ އައުޓް" ލިޔަން ވަނީ ފަށައިފައެވެ.

ގޭގޭ ފާރުތަކުގައި އެގޮތަށް ލިޔުމަށް، ޔާމީން އެދިވަޑައިގަތް ދުވަސް ނޫން އަނެއް ދުވަހު ށ. ފުނަދޫ ސްކޫލް ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މައްސަލަ ވަނީ ފެންމަތިވެފައެވެ. އެއާއެކު ފުލުހުން ވަނީ އެކަން ބަލަން ފަށައިފައެވެ.

"އިންޑިއާ އައުޓް" ކެމްޕެއިން ސަރުކާރުން ސިފަ ކުރަނީ އަވަށްޓެރި ގައުމަކާ އޮންނަ ގުޅުން ގޯސް ކުރުމަށް ޔާމީން އިސްވެ ހުންނަވައިގެން ކުރައްވާ ކަމެއްގެ ގޮތުގައެވެ.

comment ކޮމެންޓް