ރަނގަޅު ރަހުމަތްތެރިން، ދެ ދުނިޔޭގެ ކާމިޔާބީއަށް މަގުފަހިކޮށްދޭނެ: ހުތުބާ

ހުކުރު މިސްކިތުގައި ހުކުރު ނަމާދު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަނގަޅު ރަހުމަތްތެރިން ދެ ދުނިޔޭގެ ކާމިޔާބުގެ މަގަށް މިސްރާބު ކޮށްދޭނެކަން ހަނދާންކޮށްދެމުން، މިއަދުގެ ހުކުރު ހުތުބާ ހެޔޮލަފާ ރަހުމަތްތެރިން އިހްތިޔާރު ކުރުމަށް ހާއްސަކޮށްފިއެވެ.

ހުތުބާގައި ބުނީ، ޔައުގޫބުގެފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގަތް ހިނދު މުއްސަނދިކަމާއި ތަނަވަސްކަން ގެއްލި ދިއުމުން، އެކަލޭގެފާނަށް ޒިޔާރަށް ކުރަމުން ދިޔަ މީހުންނާއި އެކަލޭގެފާނުގެ މަޖިލީހަށް ޒިޔާރަތް ކުރަމުން ދިޔަ މީހުންގެ ތެރެއިން ގިނަ ބަޔަކު އެކަލޭގެފާނު ދޫކޮށް ދުރަށް ދިޔަ ކަމަށެވެ.

"ރަހުމަތްތެރިންނަކީ ޖަމާއަތެއްގެ ކުރިއެރުމާއި، ފަހަތަށް ޖެހުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ބައެެއް. ހިތްހަމަ ޖެހުމާއި ނުތަނަވަސްކަން ގެނެސްދިނުމުގައި އެމީހުންގެ އަސަރު ވަރަށް ބޮޑު. މީހުންގެ ހަޔާތާއި ވިސްނުމާއި، ފިކުރަށް ވެސް ރަހުމަތްތެރިންގެ އަސަރު ވަރަށް ވެސް ބޮޑު،" ހުތުބާގައި ބުންޏެވެ.

ރަހުމަތްތެރިން އިހުތިޔާރު ކުރުމުގައި، އިސްލާމް ދީނުގައި ވަނީ އިރުޝާދުތަކެއް ދެއްވާފައި ކަމަށް ހުތުބާގައި ބުންޏެވެ. އެގޮތުން ރަހުމަތްތެރިކަން އުފެދި ބޮޑުވަނީ އިހުލާސްތެރިކަމާއި މަތިވެރި މަގުސަދެއްގައި ކަމުގައި ވާނަމަ، އެ ގުޅުމެއްގައި މާތް ﷲ ބަރަކާތް ލައްވާނެ ކަމަށް ހުތުބާގައި ބުންޏެވެ.

އީމާންކަމާއި އިހުލާސްތެރިކަމާއެކު އުފެދޭ ރަހުމަތްތެރިކަމަކީ، މާތް ﷲ ދެކެ ލޯބިވުމުގެ ގިއުގަނޑުގެ ތެރޭގައި އޮންނާނެ ގުޅުމެއްކަން ހުތުބާގައި ވަނީ ހަނދާން ކޮޮށްދީފައެވެ.

އެފަދަ ރަހުމަތްތެރިން، މުސީބާތާއި ބޭނުން ޖެހޭ ވަގުތުތަކުގައި އެހީތެރި ވާނެކަމަށް ހުތުބާގައި ބުންޏެވެ.

ތެދުވެރި ސާފު ރަހުމަތްތެރި ކަމަކީ އިސްލާމް ދީން އެކަމަށް ގޮވައިލާ އެކަމަށް ބާރުއަޅާ ކަމެއް ކަމަށާއި، މާތް ﷲ ގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު ޢަރުޝީގެ ހިޔާވަހިކަން ލިބޭ ހަތް ބައިގެ ތެރޭގައި، މާތް ﷲ އަށް ޓަކައި ލޯބިވާ މީހުން ހިމެނޭ ކަމަށް ހުތުބާގައި ހަނދާން ކޮށްދިނެވެ.

ރަހުމަތްތެރިންގެ އަސަރާއި ނުފޫޒު ވަރުގަދަ ވުމުން، ރަހުމަތްތެރިން އިހުތިޔާރު ކުރާއިރު ވަރަށް ރަނގަޅަށް ބަލަން ޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ، އަހިވަކާ ޖެހި އަހިވައް ފާވާ އުސޫލުން، ނުރަނގަޅު ރަހުމަތްތެރިންގެ ސަބަބުން މީހާ ގޯސްމަގަށް ހުށަހެޅޭ ކަމަށެވެ. ސިނގިރޭޓު ބުއިމާއި، މަސްތުވާ ތަކެތި ބޭނުން ކުރުމާއި ފާހިޝް އަމަލުތައް، ތިމާގެ ނުބައި ރައްޓެހިންގެ ކިބައިން ދަސްވާ ކަމަށެވެ.

އެހެންކަމުން ރަނގަޅު ރަހުމަތްތެރިން އިހުތިޔާރު ކުރުމަށް ރަސޫލާ އަންގަވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.

comment ކޮމެންޓް