ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ދެ މީހަކަށް މައާފްދީފި

ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ދެ މީހަކަށް މައާފްދީފިއެވެ.

ޖެންޑާ މިނިސްޓްރީން އިއްޔެ އަޕްޑޭޓްކޮށް އާންމުކުރި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މީހުންގެ ވަނަވަރު ހިމެނޭ ދަފްތަރުގައި ދެ މިހަކަށް މައާފް ދީފައިވާކަމަށް ބުނެފައިވެެއެވެ.

ދަފްތަރުގައި ބުނެފައިވާގޮތުން ކްލެމެންސީ ބޯޑުގެ ނިންމުމާ އެއްގޮތަށް މައާފް ދީފައިވަނީ ހދ. މާވައިދޫ، ބޮލިޖެހިގެ، އަފްރަހް ހުސައިން،31، އާއި ނ. މަގުދޫ، ޖަހާމުގުރިގެ، މުހައްމަދު ޖަލީލު،28،އެވެ.

ކުޑަކުއްޖަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ދައުވާ އަފްރާހްގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމްކޮށްފައި ވަނީ މާޗް 24، 2013 ގައެވެ. އޭނާއަށް އިއްވާފައި ވަނީ 14 އަހަރުގެ ޖަލު ހުކުމެކެވެ.

އެ ދައުވާ ސާބިތުވެ ޖަލީލު 10 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ ޑިސެމްބަރު 27، 2012 ގައެވެ.

ކްލެމެންސީ ބޯޑަކީ މާއާފްކޮށްދިނުމަށް އެދި ނުވަތަ އަދަބު ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން އެ ހުށަހެޅުން ދިރާސާކޮށް އެ ހުށަހެޅުމާ މެދު އަމަލުކުރަންވީ ގޮތުގެ ލަފާދިނުމަށް އުފައްދާފައިވާ ބޯޑެކެވެ.

އެ ގާނޫނުގެ ދަށުން ހުކުމްކޮށްފައިވާ މީހުންގެ ތެރެއިން ރައީސް އޮފީހުގެ ކުރީގެ އަންޑާ ސެކްރެޓަރީ އިބްރާހިމް ރަޝީދު (ހޯރައިއްބެ) ވެސް ވަނީ މީގެކުރިން މިނިވަންކޮށްފައެވެ. އޭނާ ދޫކޮށްލުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲވެސް ހިމެނިވަޑައިގަންނަވައެވެ.

ހޯރަ އިއްބެގެ މައްޗަށް ކުށް ސާބިތުވެ 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ޑިސެމްބަރު 1، 2013 ވަނަ ދުވަހުއެވެ.

comment ކޮމެންޓް