ދާންދުއާއި ކަމަދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއަށް

ބ. ކަމަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރަނީ --- ފޮޓޯ/ އެމްޓީސީސީ

ގއ. ދާންދޫއާއި ބ. ކަމަދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ.

ކަމަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 21،239 ކޮޑިމީޓަރުގެ ބަނދަރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 4،397 ކޮޑިމީޓަރުގެ ނެރު ފުންކުރުމާއި، 180 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 346 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 628 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖަހައި، 1،730 އަކަމީޓަރުގެ ސަރަހައްދެއްގައި ދުވާރު ވެސް ހަދާނެއެވެ.

ސާޅީސް މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 400 ދުވަހުގެ ތެރޭގައެވެ.

ކަމަދޫގައި މިހާރު އޮންނަ ބަނދަރަކީ އަމިއްލަ ފަރާތަކުން ފަޅުކޮނެދިނުމުން އެ ރަށު ރައްޔިތުން އަމިއްލައަށް ތޮށިލައިގެން ހަދާފައިވާ ބަނދަރެކެވެ.

ބ. ކަމަދޫގައި މިހާރު އޮންނަ ބަނދަރުގެ ސެޓެލައިޓް ފޮޓޯ --- ފޮޓޯ/ ގޫގުލް އާތް

މީގެ ފަންސަވީހަކަށް އަހަރު ކުރިން ހެދި އެ ބަނދަރަކީ މިހާރު ބޭނުން ކުރުމަށް ނުހަނު އުނދަގޫ ބަނދަރެއް ކަމަށް އެ ރަށު ކައުންސިލުގެ ރައީސް ހަސަން ޒަރީރު "ސަން"އަށް ވިދާޅުވިއެވެ.

"ހަމަ ކޮންމެ އިރުވައެއްގައި ތިން ހަތަރު ދޯނި ތޮށިމައްޗަށް ނަގާ ޖަހާނެ،" ޒަރީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އާ ބަނދަރާއެކު މި މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށެވެ. އެގޮތުން ކަޑިންމަ އެހެން ދިމާލަކަށް ބަދަލުކޮށް ރަނގަޅު ބޭރުތޮއްޓެއް ލެވުމަކީ މިހާރު ހުރި ގިނަ މައްސަލަތަކެއްގެ ހައްލު ކަމަށް ވެސް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ގއ. ދާންދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 52،099 ކޮޑިމީޓަރުގެ ބަނދަރު ފުންކުރުމަށާއި، 4،953 ކޮޑިމީޓަރުގެ ނެރު ފުންކުރުމަށާއި، 30 މީޓަރުގެ ގްރޮއިންސް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި، 333 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމަށާއި، 529 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމަށާއި، 170 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމަށް ވެސް ހަމަޖެހިފައިވެއެވެ.

ގއ. ދާންދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރަނީ --- ފޮޓޯ/ އެމްޓީސީސީ

މިއީ 70 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 485 ދުވަހުގެ ތެރޭގައެވެ.

ދާންދޫގައި ހަދާ އާ ބަނދަރު ހެދުމަށް ހަމަޖެހިފައިވަނީ މިހާރު އޮންނަ ބަނދަރާ ވަކިން އޭގެ އުތުރުގައެވެ. މި ބަނދަރާއެކު ޖާގައިގެ ދަތިކަން ހައްލުވާނެ ކަމަށް އެރަށު ކައުންސިލުގެ ނާއިބު ރައީސް އިބްރާހިމް މުހައްމަދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެދިފަ ހުރި ހުރިހާ ގޮތަކަށް ބަދަލުކޮށްގެން މި މަޝްރޫއު މި ހިންގެނީ، އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހިގެން މިތިބީ،" އޭނާ ވިދާޅުވިއެވެ.

ބ. ކަމަދޫގައި މިހާރު އޮންނަ ބަނދަރުގެ ސެޓެލައިޓް ފޮޓޯ: އާ ބަނދަރު ހަދަނީ އުތުރުން ފުންކުރެވިފައިވާ ސަރަހައްދުގައި --- ފޮޓޯ/ ގޫގުލް އާތް

ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ދާންދޫގައި 2007 ވަނަ އަހަރު ހެދި ބަނދަރަށް ފަހު، ބަނދަރުގެ މަޝްރޫއެއް ހިންގީ 2010 ވަނަ އަހަރުއެވެ. މި ބަނދަރަކީ މަސްވެރި ގިނަ އޮޑިފަހަރާއި، މާލެ ދަތުރުކުރާ ބޮޑެތި ބޯޓުފަހަރު ވަންނަ ބަނދަރަކަށް ވާތީ، ޖާގައިގެ ދަތިކަން އިންތިހާއަށް ވަނީ ކުރިމަތިވެފައެވެ.

comment ކޮމެންޓް