ސައްތައިންސައްތަ ސޯލާ ހަކަތައާއެކު ގަން އެއާޕޯޓަށް ފެހިކަން

ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ސައްތައިންސައްތަ ސޯލާ ހަކަތަ ބޭނުންކުރާ އެއާޕޯޓަކަށް ވުމަށްޓަކައި ކުރިއަށްދާ މަޝްރޫއެއްގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަނާއި ފިއުޗަ ސިނާޖީސް ލިމިޓެޑުން މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ.

ފެނަކައިން ބުނީ މިއީ ޕަވާ ޕާޗޭސް އެގްރީމެންޓެއް (ޕީޕީއޭ)ގެ ދަށުން ކުރާ މަސައްކަތެއް ކަމަށެވެ. ޕީޕީއޭ އަކީ ހިދުމަތް ހޯދާ ފަރާތުގެ ބިމެއްގައި ތިންވަނަ ފަރާތަކުން ތަރައްގީކޮށް ހިންގާ ހަކަތައިގެ ނިޒާމަކުން އުފައްދާ ހުރިހާ ހަކަތައެއް ވަކި މުއްދަތަކަށް ގަތުމަށް ވެވޭ އެއްބަސްވުމެކެވެ.

މިއީ މާލެ ފިޔަވާ އެހެން ސަރަހައްދެއްގައި މިފަދަ އެއްބަސްވުމެއްގެ ދަށުން އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއެއް ހިންގާ ފުރަތަމަ ފަހަރެވެ.

މި މަޝްރޫއުގެ ދަށުން ގަން އެއާޕޯޓުގައި 2.5 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމެއް ހަރުކުރުމަށް ހަމަޖެހިފައިވާކަމަށް ފެނަކައިން ބުނެއެވެ. މި ނިޒާމުން އެ އެއާޕޯޓަށް ބޭނުންވާ ހަކަތައިގެ 100 އިންސައްތަ އުފައްދާނެއެވެ.

އެއާއެކު އައްޑޫ ހުޅުމީދޫގައި ދެ މެގަވޮޓުގެ ސޯލާ ޕީވީ ބެޓެރީ ސްޓޯރޭޖް ގާއިމުކުރާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި ނިޒާމުން ކައިރި ރިސޯޓްތަކަށް ވެސް އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށް ވެސް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ މި މަޝްރޫއުގެ ސަބަބުން ދުވާލަކު 2.1 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށާއި އަދި، އަހަރަކު ޖައްވަށް ބޭރުވާ ކާބަންޑައި އޮކްސައިޑުގެ 5،500 ޓަނު މަދުކުރެވޭނެކަމަށެވެ.

މި މަޝްރޫއު ނިމުމާއެކު ގަން އިންޓަނޭޝަނަލް އެއާޕޯޓު ވާނީ ސައްތައިންސައްތަ އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ރާއްޖޭގެ ފުރަތަމަ އެއާޕޯޓަށެވެ.

comment ކޮމެންޓް