އުފާވެރި ފަސޭހަ ދިރިއުޅުމެއް ލިބޭނެ ގޮތެއް

2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓްލުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހާ ކަމަކަށް މަގު ދައްކައިދޭ އެންމެ ފުރިހަމަ ދީނެވެ. މިދީނުގެ އަސާސީ ބައިތަކުގެތެރޭގައި ހިމެނޭ އެއްބަޔަކީ އަޚުލާގެވެ. ބައެއްގެ އަޚުލާގު ރަނގަޅުވެއްޖެނަމަ އެބައެއްގެ ދިރިއުޅުން ފަސޭހަވެފައި އުފާވެރިވާނެއެވެ. އަދި އަޚުލާގު ނުބައިވެއްޖެނަމަ ދިރިއުޅުން ދަތިވެ އުފާވެރިކަން ނެތިދާނެއެވެ. އަޚުލާގަކީ އިންސާނާގެ ކިބައި ހުންނަ ރަނގަޅު ސިފަތަކަށް ކިޔާ ނަމެކެވެ. އަޚުލާގު ރަނގަޅު މީހުންގެ ކިބައިން ފާޅުވާނެ ވަރަށް ގިނަ ސިފަތައް ގުރުއާނާއި ސުންނަތުގައި އައިސްފައިވެއެވެ. ރަނގަޅު އަޚުލާގުގެ ސަބަބުން ދިރިއުޅުން ފަސޭހަވެ އުފާވެރިވާގޮތުގެ ދެމިސާލަކަށް ބަލައިލަމާ ހިނގާށެވެ.

ހިދުމަތް ލިބިގަތުމާއި ކިޔުގައި ތިބުން: ކިޔޫއެއް ހަދަނީ މުހިންމު ބޭނުންތަކަކަށްޓަކައެވެ. އޭގެތެރޭގައި ހިދުމަތް ދިނުމަށް ފަސޭހަކުރުން ހިމެނެއެވެ. ކުރިން އަންނަމީހުންނަށް ކުރިން ހިދުމަތްދީ އަދުލުވެރިކަން ގާއިމުކުރުން ހިމެނެއެވެ. ހިދުމަތްދޭ ތަނަށް ވަދެ އެންމެ ފުރަތަމަވެސް އެތަނުގައި ކިޔޫއެއް އޮތްތޯ ބަލައިލާންވާނެއެވެ. ކިޔޫއެއް އޮތްނަމަ އެތަނުގައި ތިމާ ހުންނަންޖެހޭ ތަނުގައި މަޑުކުރާނީއެވެ. އެހެން ހުންނައިރު، ކުރިމައްޗާއި ފަހަތުގައި ހުންނަމީހާއަށް އުނދަގޫވާފަދަ ކަންތައްތައްކޮށްގެން ނުވާނެއެވެ. މިސާލަކަށް ފޯނު އަޑުގަދަކޮށްގެން ކޮންމެވެސް އެއްޗެއް ބެލުން ނުވަތަ އުނދަގޫވާގޮތަށް ވާހަކަދެއްކުން ފަދަ ކަންކަމެވެ.

ހިދުމަތްދޭ ތަނަކަށް ވަދެ އުޅޭއިރު އެތަނުގައި އެހެންމީހުންވެސް އެބައުޅޭކަން ހަނދާންކުރަންވާނެއެވެ. ފިހާރަފަދަ ތަންތަނުން އެއްޗެތި ހޯދަން އުޅޭއިރު އެހެންމީހުންގެ ގައިގައި ޖެހި އުނދަގޫވާނެހެން އުޅެގެންނުވާނެއެވެ. އެއްޗެތި ނަގަން އުޅޭ އެހެންމީހުންނަށް ފުރުސަތު ދޭންވާނެއެވެ.

ކިޔޫގައި ތިޔަ ހުރީ ފިހާރައެއްގައިނަމަ މިކަން ކޮށްލަބަލާށެވެ. ތިބާގެ ވަށިގަނޑުގައި ވަރަށް ގިނަ ސާމާނުވެއެވެ. ވިޔަފާރިކޮށްގެން އަވަހަށް ދާންޖެހޭ ޒަރޫރީ ހާލަތެއްނެތެވެ. އެހެންވެއްޖެނަމަ، ތިބާގެ ފަހަތުގައި ހުރި މީހާއަށް ނަޒަރު ހިންގައިލާށެވެ. އެއީ މަދު އެތިކޮޅެއް ހިފައިގެން ހުރި މީހެކެވެ. ނުވަތަ އެއީ އުމުރުން ދުވަސްވީ މީހެކެވެ. ނޫނީ މާބަނޑު މީހެކެވެ. އަވަހަށް އޭނާއަށް އިޝާރަތްކޮށްލާށެވެ. ފަހަތަށް ޖެހިލަން ތައްޔާރަށް ހުރިކަން އަންގާލާށެވެ. ކުރިއަށް އަންނަން ބޭނުންނަމަ އަވަހަށް އެފުރުސަތު އޭނާއަށް ދޭށެވެ.

މަގު ބަންދުވެގެން އުޅަނދު މަޑުކޮށްލަންޖެހުން: އެކި ސަބަބުތަކާހުރެ މަގު ބަންދުވެގެން އުޅަނދު މަޑުކޮށްލަންޖެހުމަކީ ވަރަށް އާންމު ކަމެކެވެ. ގިނަ ހާލަތްތަކުގައި، އުޅަނދުތައް ކުރިއަށް ނުގޮސްގެން އުޅެނީ ކީއްވެގެންކަމެއް، ތަންކޮޅެއް ފަހަތުގައި ތިބޭ މީހުންނަކަށް ނޭނގޭނެއެވެ. އެހެންނަމަވެސް "ކޮންމެ ސަބަބަކާ ހުރެވިޔަސް" ކުޑަ އިރުކޮޅަކަށްނަމަވެސް އުޅަނދު ހުއްޓާލަން ޖެހިއްޖެނަމަ... ކަންފަތަށް ނުކުޅަދާނަވާވަރަށް ބަރުގޮނު އަޅަން ފަށައެވެ. ބައެއްމީހުން ހަޅޭލަވައި، ހުތުރު ބަހުންވެސް އެއްޗެތި ކިޔާ ހަދައެވެ.

ހަގީގަތަށް ބަލާއިރު ވަރަށް ނާދިރު ހާލަތެއްގައިމެނުވީ، ކުރީގައި މަޑުކޮށްގެން އޮންނަ އުޅަނދުވެސް ވީ އެންމެ އަވަހަކަށް ދާން ބޭނުންވާނެއެވެ. އެހެން އުޅަނދުތަކަށް ޖާގަ ދޭން ބޭނުންވާނެއެވެ. އެހެންނަމަވެސް އެމީހުންވެސް އެ މަޑުކުރަނީ ކޮންމެވެސް މުހުތާދަކައިގެންނެވެ. މަޑުކޮށްގެން ގިނައިރުވުމުން، އެހެންމީހުންގެ ނަފުރަތާއި ލައުނަތް ލިބޭކަށް އެކަކުވެސް ނޭދޭނެއެވެ. އުޅަނދުގައި ހުރި މުދާކޮޅު ބާލަމުންދާއިރު، ފަހަތުގައި ތިބި މީހުން ރުޅިވެރިކަމުގެ ސިގުނަލުތައް ފޮނުވާނަމަ ހިތުގައި ނުތަނަވަސްކަން އުފެދޭނެއެވެ. ތިމާގެ ފުށުން އެހެންމީހުންނަށް އުނދަގޫވާކަމުގެ އިހުސާސް ކުރެވި ދެރަވާނެއެވެ. އެހެންނަމަވެސް... މަގުމަތީގައި ހިނގުމާއި ދުއްވުމާއި މަޑުކުރުމުގެ ހައްގު ތިބާއަށް ލިބިގެންވާފަދައިން އަނެކާއަށްވެސް އެ ހައްގު އޮންނާނެއެވެ. ތިބާގެ ހައްގުތަކުގެ ބޭނުން ހިފަން ގަދައަޅައި މަސައްކަތްކުރާގޮތަށް، އަނެކާއަށްވެސް އެ ފުރުސަތު ފަހިކޮށްދޭންވާނެއެވެ. ވީމާ ޓުރެފިކުގައި ޖެހިގެން ގިނައިރުވެ ލަސްވިޔަސް ތިބާވެސް ޖެހޭނީ ހަމަ މަޑުކުރާށެވެ. ކުރިމަތީގައި އޮތް އުޅަނދަށް މީހުން އަރަންދެނެވެ. ނުވަތަ ފައިބާ ފޮށިތަންމަތި ބާލަންދެނެވެ. އެކަން ޖެހޭނީ ހަމަ ތަހަންމަލު ކުރާށެވެ.

ހައްގު ތަކާއެކު، އުޅަނދު މަޑުކުރާ/މަޑުކުރުވާ ފަރާތުންވެސް ވިސާނަލަންޖެހޭނެއެވެ. ގިނަ މުދާތަކެއް އަރުވާ ބޭލުމަށްޓަކައި މަޑުކުރާނަމަ މަގުގެ ހާލަތަށް ރިއާޔަތް ކުރަންވާނެއެވެ. އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ހޯދަންޖެހޭނެއެވެ. މަގު ބެދޭނެހެން ގިނައިރު މަޑުކޮށްގެން ނޯވެ ވާނެގޮތްތައް ހޯދަންވާނެއެވެ.

އިސްވެ ދިޔަ ހާލަތްތައް ގުޅެނީ އިސްލާމީ ޝަރީޢަތުގައި އޮންނަ الإِيْثَارُ (altruism) ގެ މަބުދައު (ޕްރިންސިޕްލް) އާއެވެ. މިއީ ތިމާގެ ބޭނުންތައް ފަހަތަށް ޖައްސާލާފައިވިޔަސް އަނެކާއަށް އިސްކަން ދިނުމުގެ މަތިވެރި ސިފައެވެ. އަމިއްލަ އެދުމުގެ ކުރިމަތީގައި އަނެކާގެ މަސްލަހަތަށް އިސްކަން ދިނުމުގެ ސިފައެވެ. މިއީ އަޚުވަންތަ ކަމުގެ އެންމެ މަތީ ދަރަޖައެވެ.

އަނެކާއަށް އިސްކަން ދިނުމުގެ މަތިވެރިކަން އަންގަވައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "... އަދި އެއުރެންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް، އެއުރެންނަށް އިސްކަންދެތެވެ. އެއުރެންނަށް ބޭނުންތެރިކަން ބޮޑުވެފައި ވީނަމަވެސްމެއެވެ. އެމީހެއްގެ އަމިއްލަ ނަފުސުގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނެ މީހުންނެވެ."(ޙަސްރު: 9) މިއީ މައްކާއިން މަދީނާއަށް ހިޖުރަ ކުރި ފަރާތްތަކާމެދު މަދީނާގެ މުސްލިމުން ބެހެއްޓި އޯގާތެރިކަމާ ބެހޭގޮތުން އައިސްފައިވާ ބަސްފުޅެކެވެ. އެހެންނަމަވެސް، ދުނިޔެވީ ކޮންމެ ހެޔޮ ކަމެއްގައި، އަމިއްލަ އެދުން ފަސްކޮށްލައި އަނެކާއަށް އިސްކަންދީފިނަމަ އާޔަތުގައި އެވާ މީހުންގެތެރޭގައި ހިމެނޭނެއެވެ. ﷲ އަންގަވަނީ (فَأُولَٰئِكَ هُمُ الْمُفْلِحُونَ) އެފަދަމީހުންނަކީ ހަމަ ދިންނަވާނޭ މީހުންކަމުގައެވެ.

އަނެކާއަށް އިސްކަން ދިނުމުގެ ދަރަޖަ މަތިވެރިވުމުގެ އެންމެ ބޮޑު އެއްސަބަބަކީ އޭގައި ކެތްތެރިކަމުގެ ސިފަ އެކުލެވިގެން ވުމެވެ. ހިދުމަތް ހޯދައިގެން އަވަހަށް ދެވެން އޮވެމެ، ކިޔޫގައި ތިމާގެ ފަހަތުގައި ހުރި ހާޖަތްތެރިޔާއަށް އިސްކަންދިނީ ކެތްތެރިކަން ހުރީމައެވެ. އަވަހަށް ތަނަކަށް ދާންޖެހިފައި އޮތަސް، ކުރިމަތީގައި އޮތް ވެހިކަލުތައް ދަންދެން މަޑުކޮށްލައިގެން ބަރުގޮނު ނާޅައި ހަޅޭވެސްނުލަވައި ތިބީ ކެތްތެރިކަން ހުރީމައެވެ. ކެތްތެރީންނަށް ސުވަރުގޭގައި މަތިވެރި ޖަޒާ ތައްޔާރުކުރައްވާފައިވާކަމަށް އަންގަވާފައިވެއެވެ.(އިންސާން:12-14) އަދި ކެތްތެރީންނަށް ޖަޒާ ދެއްވާނީ ހިސާބެއްނެތި ކަމަށްވެސް އަންގަވާފައިވެއެވެ.(ޒުމަރު: 10)

ބުނެވުނު ކަންތައްތަކަށް ސަމާލުކަން ދިނުމުން ދިރިއުޅުން ފަސޭހަވެ އުފާވެރިވަނީ ކިހިނެއް؟

ކިޔޫގައި ހުރިމީހާ ކުރި ކަންތަކުގެ ނަތީޖާއަކަށްވާނީ ކުރިއަށް އަރަން ފުރުސަތު ލިބުނުމީހާ އުފާވުމެވެ. އެމަންޒަރު ފެންނަ މީހުންގެ މޫނުމަތިންވެސް ހިނިތުންވުން ފާޅުވުމެވެ. ފުރުސަތު ލިބުނުމީހާއާއި މަންޒަރު ފެނުނުމީހުންގެ ފަރާތުންވެސް ހެޔޮ ދުއާތައް ލިބުމެވެ. އެމީހުން ނިސްބަތްވާ މުޖުތަމައުގައި ހެޔޮލަފާ މީހުން އުޅޭކަމުގެ ހިތްހަމަޖެހުން ލިބުމެވެ. އެކަމުން ނަމޫނާ ލިބިގެން އަނެކާވެސް އެފަދައިން ކަންތައްކުރުމެވެ. މިކަން ފުޅާވެ އެންމެންނަކީވެސް އަނެކާއަށް ހެޔޮކޮށް ހިތާ ބަޔަކަށްވުމެވެ.

ކުރިމަތީގައި އޮތް އުޅަނދުން މީހުން ފައިބާ އެމީހުންގެ ތަކެތިވެސް ބާލަންދެން، ފަހަތުގައި އޮތް ދިގު ކިޔޫއިން އަޑެއްވެސް ލައްވައިނުލާ ތިބެއްޖެނަމަ... އުޅަނދުން ދަތުރުކުރި މީހުންނާއި ޑުރައިވަރުވެސް ވަރަށް އުފާވާނެއެވެ. އެމީހުންގެ ބޭނުން ނިމެންދެން އެންމެންވެސް ހިމޭނުން ތިބީމައެވެ. ތިމާއަށް އެހެންމީހުން ސަމާލުކަން ދޭކަން އެނގުނީމައެވެ. ބަދަލުގައި އެ އެންމެންގެ މައްޗަށް ހެޔޮ ދުއާ ކުރެވޭނެއެވެ. އަދި މާދަމާ، ތިމާވެސް އެގޮތަށް މަގުމަތީގައި ކެތްތެރިކަމާއެކު މަޑުކޮށްގެން އިންނާނެއެވެ. މީގެ ހެޔޮ އަސަރު މުޅި މުޖުތަމައަށް ކުރާނެއެވެ. ކޮންމެ މީހަކީވެސް އެމީހާގެ އެދުންތައް ފަސްކޮށްލައި އަނެކާއަށް އިސްކަންދޭ ފަރާތަކަށްވާނެއެވެ. އެކަކު އަނެކަކަށްޓަކައި ކެތްތެރިކަން އިސްކުރާ ބަޔަކަށް ވާނެއެވެ. މިފަދަ ރަނގަޅު އަޚުލާގު ގިނަވެ އާންމުވުމުން، އެންމެންގެ ދިރިއުޅުންވެސް ފަސޭހަވެފައި އުފާވެރިވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް