ވެކްސިންގެ ހަމަހަމަކަން ނެތްހާ ހިނދަކު ކޮވިޑް-19 އިން އަރައިނުގަނެވޭނެކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އދގެ އާއްމު މަޖިލީހުގެ ޖަލްސާތައް މިއަހަރަށް ފެށުމަށް ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ކޮވިޑް-19އާ ދެކޮޅަށް އަދިވެސް އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރަން ކުރަން ޖެހޭކަމަށެވެ.
ކޮވިޑް-19 ޕެންޑެމިކަށް ނިމުމެއް ގެނައުމަށް އޮތް އެންމެ މުޖައްރިބު މަގަކީ އެންމެންނަށް ވެކްސިން ކަށަވަރުކޮށްދިނުންކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިން ލިބުމުގެ ތަފާތުކަން އޮންނަހާ ހިނދަކު މި ބަލިމަޑުކަން ނިމުމަކަށް ނުގެނެވޭނެކަމަށެވެ.
ޝާހިދު ވިދާޅުވީ އާ ވޭރިއެންޓުތައް ދުނިޔޭގައި ފެންމަތިވަމުންދާނެކަމަށާއި، ބައެއް ވޭރިއެންޓުތައް ވަރަށް ނުރައްކާވެ ނުވަތަ ވެކްސިންތަކަށް ނުކަތާވަރު ވެދާނެކަމަށެވެ.
"މީގެ ސަބަބުން އަޅުގަނޑުމެން މިހާތަނަށް ކޮވިޑް-19 އާ ދެކޮޅަށް ކުރި ހުރިހާ މަސައްކަތެއް ފެނަށް ދިޔުމުގެ ބިރު އެބައޮތް. މިކަމުން ސަލާމަތް ވެވެން އޮތީ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ވަގުތުން ވެކްސިން ލިބޭގޮތް ހަމަޖައްސައިގެން،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ވެކްސިން އުފެއްދުމާއި ބެހުމުގެ ދުވެލި ބާރުކޮށް، ރޯލްއައުޓް ކުރުމަށް ދިމާވާ ހުރަސްތައް ނައްތާލައި، ވެކްސިންގެ ހަމަހަމަކަން ގާއިމުކުރުމަށް ބައިނަލްއަގުވާމީ މުޖްތަމައުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަންޖެހޭކަމަށެވެ.
ދުނިޔޭގެ މުއްސަނދި ގައުމުތަކުގައި ގިނަ ބަޔަކު މިހާރު ވެކްސިން ފުރިހަމަކޮށް ބޫސްޓާ ޑޯޒް ވެސް ވަނީ ޖަހާފައެވެ. ނަމަވެސް ފަގީރު ގައުމުތަގައި ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާނެ ވެކްސިން ހޯދުމަށް ދަނީ އެހީތެރިކަމަށް އެދެމުންނެވެ.