ކޮރަޕްޝަނުގެ ތުހުމަތުގައި ސައޫދީ ބައެއް މަސްއޫލުވެރިން ހައްޔަރުކޮށްފި

ސައުދީގެ ނަޒާހާއިން ބޭއްވި ފެއާއެއްގެ ތެރެއިން: ކޮރަޕްޝަންގެ ތުހުމަތުގައި އެ ގައުމުން 250 މީހުން ވަނީ ހައްޔަރު ކޮށްފައި--- ފޮޓޯ: އަރަބްނިއުސް

ރިޔާޒް (20 ޖަނަވަރީ 2022) : ކޮރަޕްޝަނުގެ ތުހުމަތުގައި ސައޫދީ ބައެއް މަސްއޫލުވެރިން ހައްޔަރުކުރިކަން އެގައުމުން ހާމަކޮށްފިއެވެ.

ސައޫދީ އަރަބިޔާގެ އޯވާސައިޓް އެންޑް އެންޓި ކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ) އިން ނެރުނު ބަޔާނެއް ބުނާގޮތުން ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އަދުލު އިންސާފާބެހޭ ވުޒާރާއާއި ސިއްހަތާބެހޭ ވުޒާރާއާއި ހައްޖާއި އުމުރާއާބެހޭ ވުޒާރާއާއި ދިފާއީ ވުޒާރާއާ އަދި އެޓާނީ ޖެނެރަލްގެ އޮފީހަށް ނިސްބަވާ ބައެއް މުވައްޒަފުންނާ އަދި މަސްއޫލުވެރިންނެވެ. މިތަންތަނުގެ މުވައްޒަރުންނާއި މަސްއޫލުވެރިންގެ ތެރެއިން ކޮރަޕްޝަނުގެ ތުހުމަތުގައި 250 މީހުން ހައްޔަރުކޮށްފައިވާކަން އެބަޔާން ބުނެއެވެ.

ސައޫދީ އަރަބިޔާގެ އޯވާސައިޓް އެންޑް އެންޓި ކޮރަޕްޝަން އޮތޯރިޓީން މިދިޔަ ޑިސެންބަރު މަހު ވަނީ ސަރުކާރުގެ 650 މުވައްޒަފެއްގެ މައްޗަށް ކޮރަޕްޝަނުގެ ތަހުގީގު ކުރިޔަށްގެންދާކަން ހާމަކޮށްފައެވެ. މި 650 މުވައްޒަފުންގެ ތެރޭގައި ދާޚިލީ ވުޒާރާގެ މުވައްޒަފުންނާއި ތައުލީމާބެހޭ ވުޒާރާގެ މުވައްޒަފުންނާއި ހައުސިންގް އާބެހޭ ވުޒާރާގެ މުވައްޒަފުންނާ އަދި މުނިސިޕަލް އެންޑް ރޫރަލް އެފެއާޒްއާބެހޭ އިދާރާގެ މުވައްޒަފުން ހިމެނެއެވެ.

މިފަރާތްތަކުގެ މައްޗަށް ހިންގާ ތަހުގީގްތަކުގެ ތެރޭގައި ދައުލަތުގެ ފައިސާގައި ސީދާ ގޮތުގައާއި ނުސީދާ ގޮތުގައި ޖެހުމާއި އަމިއްލަ ފައިދާއަށާއި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތައް ކުރުމާއި ވަޒީފާގެ ބޭނުން ނަހަމަގޮތުގައި ކުރުމާއި ރިޝްވަތު ގަބޫލުކުރުންފަދަ ކަންކަން ހިމެނެއެވެ.

ސައޫދީއަކީ ކޮރަޕްޝަނުގެ އަމަލުތައް ގިނަ އަދި އެއަމަލުތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ދަތި ގައުމެއްގެ ގޮތުގައި ބައިނަލްއަގްވާމީ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ގައުމެކެވެ. ސައޫދީގައި ކޮރަޕްޝަން ބޮޑީ މަތީ ފެންވަރުގެ އިސް މަސްއޫލުވެރިންގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނާއިރު ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅުއަޅަންވެސް އެންމެ ދަތިވަނީ އެފަރާތްތަކާ ދެކޮޅަށްކަން އެރިޕޯޓްތަކުގައި ފާހަގަކޮށްފައިއެވެ.

comment ކޮމެންޓް