މޯލްޑިވްސް ހައިޑްރޮގްރަަފިކް ސާވިސަސްގެ ނަމުގައި އިދާރާއެއް އުފައްދައިފި

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

"މޯލްޑިވްސް ހައިޑްރޮގްރަަފިކް ސާވިސަސް"ގެ ނަމުގައި އައު އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުފައްދަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ މިއީ ގާނޫނު އަސާސީގެ 116ވަނަ މާއްދާއިން ރައީސަށް ލިބޭ އިހްތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެއް ކަމަށެވެ. މި އިދާރާ ހިންގުމަށް ހަމަޖެހިފައި ވަނީ ޑިފެންސް މިނިސްޓްރީގެ ދަށުންނެވެ.

ހައިޑްރޮގްރަފީ އަކީ ކަނޑާއި، އައްސޭރިފަށުގެ މިންތައް ނަގާ ޗާޓު ކުރެހުމާއި، އެހެނިހެން ދިރާސާތައް ކުރުމުގެ މަަސައްކަތެވެ. މި އިދާރާގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

1. ދިވެހިރާއްޖޭގެ ސަރަޙައްދުތަކުގެ ހައިޑްރޯގްރަފިކް ސާވޭތައްކޮށް، މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން.
2. ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ކުރާ ހައިޑްރޯގްރަފިކް ސާވޭތަކުގެ މަޢުލޫމާތު ހޯދައި، މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން.
3. ސަރުކާރުގެ އިދާރާތަކުން ކުރިއަށްގެންދާ މަސައްކަތްތަކަށް ބޭނުންވާ ހައިޑްރޯގްރަފިކް މަޢުލޫމާތު ފޯރުކޮށްދިނުމާއި، އެ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން.
4. ދިވެހިރާއްޖޭގެ ސަރަޙައްދުތަކުގެ ނިޔަމިކަމުގެ ޗާޓުތައް ކުރަހައި އަދާހަމަކޮށް ޢާންމުކުރުމާއި، ނޯޓިކަލް ޕަބްލިކޭޝަންތައް ޝާއިޢުކޮށް އަދާހަމަކުރުން.
5. ދިވެހިރާއްޖޭގެ ސަރަޙައްދުތަކުގައި ކަނޑު ދަތުރުފަތުރު ކުރުމަށް ބޭނުންވާ ނިޔަމިކަމުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެފަދަ މަޢުލޫމާތު ޢާންމުކުރުން.
6. ދިވެހިރާއްޖޭގެ ކަނޑުތަކުގެ އޮއިވަރާއި ދިޔަވަރަށް އަންނަ ބަދަލުތަކާއި، ރަށްތަކަށާއި ގިރިފަރުތަކާއި ކަނޑުފަޅުތަކަށް އަންނަ ބަދަލުތައް ދެނެގަތުން.
7. ހައިޑްރޯގްރަފީގެ ދާއިރާގެ ބައިނަލްއަޤުވާމީ އޯގަނައިޒޭޝަންތަކާއި ޖަމްޢިއްޔާތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލްކުރުމާއި، ހައިޑްރޯގްރަފީގެ ދާއިރާއިން ރާއްޖެއާއި، ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
8. ރާއްޖޭގައި ހައިޑްރޯގްރަފީގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަޤްވާމީ އެހީހޯދައި، ވަސީލަތްތައް އިތުރުކުރުމަށް މަސައްކަތްކުރުން.
9. ހައިޑްރޯގްރަފީގެ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި، އެ ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.

ސަރުކާރުން މި ނަމުގައި އިދާރާއެއް އުފައްދައިފައިވާއިރު ހައިޑްރޯގްރަފީ އެންޑް އޯޝަން އިކޮނޮމީ އެއްބަސްވުމެއްގައި އިންޑިއާއާއެކު މީގެ ކުރިން ވަނީ ސޮއިކޮށްފައެވެ.

comment ކޮމެންޓް