ޙައްޤަކާ ނުލައި މީހަކު މެރުން

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަފްސާއި، ފުރާނައަށް އިސްލާމް ދީން ވަނީ ވަރަށް ބޮޑު އަހައްމިއްޔަތުކަން ދެއްވާފައެވެ. އެހެންކަމުން، ޝަރުޢު ކުރެވުނު ޙުކުމްތަކުގައި ނަފްސާއި، ފުރާނަ ރައްކާތެރިކުރުމުގެ މަޞްލަޙަތުތައް ލެއްވެވިއެވެ. އަދި ނަފްސު ފާސިދު ކުރަނިވި ކަންކަން މަނާ ކުރެއްވިއެވެ. ކަމަކާނުލާ ނަފްސެއް ޤަތުލުކޮށް ހަލާކު ކޮށްލުމަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުކަންކުރާ އަޅަކު ނެތިކޮށްލުން ކަމަށް ވާތީއެވެ. އަަދި އެއީ އޭގެ ސަބަބުން ދީން ނެތިގެން ހިގައިދާނެ ކަމެކެވެ.

ޝަރުޢުގައި އެ ނަފްސަކަށް ޢިނާޔަތް ދެވިފައިވާ ނަފްސޭ ބުނުމުން އެއިން މާނަކުރެވެނީ، އިސްލާމް ދީން ޤަބޫލުކޮށް އެދީނުގެ ރައްކަލުގައި ހުރި ނުވަތަ ޖިޒްޔަ ދީގެން ހުންނަ މީހެއް ނުވަތަ އެފަދަ ދައުލަތެއްގެ ރައްކާތެރިކަމާއި، ސަލާމަތްތެރިކަން ލިބިގެންވާ މީހެއްގެ ނަފްސެވެ. މިއާޚިލާފަށް އިސްލާމީ ދައުލަތަކަށް ނުވަތަ އިސްލާމް ދީނާއި ދެކޮޅަށް ފާޅުގައި ހަނގުރާމަކޮށް ޢަދާވަތްތެރި ވެގެންއުޅޭ މީހުންގެ ނަފްސަށް އިސްލާމީ ޝަރީޢަތުގައި ރައްކާތެރިކަން ދެވިފައި ނުވެއެވެ. ނުވަތަ ޝަރުޢުގައި ރައްކާތެރިވުމަށް އަހައްމިއްޔަތުކަން ދީފައިވާ ނަފްސު ތަކުގެ ތެރޭގައި އެފަދަ ނަފްސު ނުހިމެނެއެވެ. އަދި ޤިޞާޞް ހިފުމަށް ނުވަތަ ރަޖަމް ކުރުމަށް ޝަރުޢުގައިވާ ގޮތުގެމަތީން ޙުކުމް ކުރެވިފައިވާ ނަފްސު ވެސް މިމާނައިގައި ނުހިމެނެއެވެ. އެއީ، ޢާއްމު މަޞްލަޙަތު ދެމެހެއްޓުމަށްޓަކައި ކަނޑައެޅިފައިވާ އުޞޫލެކެވެ.

ނަފްސު ރައްކާތެރިކުރުމަށް އިސްލާމީ ޝަރީޢަތުގައި ވަރަށްގިނަ އަދި އެކަށީގެންވާ އާލަތްތަކާއި ވަސީލަތްތައް ލައްވާފައި ވެއެވެ. އެވަސީލަތްތަކުގެ ތެރޭގައި، ބަޔާންކުރާ ކަންކަން ހިމެނެއެވެ. އަދި އެކަންތައްތަކަށް ވަކިވަކީން މިލިޔުމުގައި އަލިއަޅުވާލެވިފައި ވާނެއެވެ.

ޙައްޤަކާއި ނުލައި ނަފްސަށް ގެއްލުން ދިނުމާއި، ގެއްލުން ލިބިގަތުން ޙަރާމްވުން

ކީރިތި ޤުރުއާނާއި، ސުންނަތުގެ އަލީގައި ޙައްޤަކާނުލައި ނަފްސަކަށް ގެއްލުން ދިނުން އެއީ ބޮޑު ފާފައެއްކަން ވަނީ ކަށަވަރު ކުރައްވާފައެވެ. އެހެނީ، ﷲ އަށް ޝިރުކު ކުރުން ފިޔަވައި، މީހަކު މެރުމަށްވުރެ ބޮޑު ފާފައެއް ނުވެއެވެ. އަދި ﷲ ވަނީ ޙައްޤަކާ ނުލައި މީހުންމަރާ މީހުންނަށް ގަދަފަދަ ޢިޤާބާއި ޢަޛާބު ޤިޔާމަތްދުވަހުން ދެއްވަވާނެކަން ކަށަވަރު ކުރައްވާފައެވެ. މިކަން އަންގަވާ ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّـهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا) (ސޫރަތުއްނިސާއު: 93). މާނައީ: "އަދި، قصد ގައި مؤمن އަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކައެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި، اللَّه، އެމީހާގެ މައްޗަށް ކޯފާލައްވައި لعنة ލެއްވިއެވެ. އަދި، ބޮޑުވެގެންވާ عذاب އެމީހާއަށް ތައްޔާރު ކުރެއްވިއެވެ."

ޝަރުޢީ އެއްވެސް ޙުއްޖަތެއް ނުވަތަ ސަބަބެއް ނެތި ޤަޞްދުގައި މީހުން މެރުން ވަނީ ޙަރާމް ކުރައްވާ، އެކަން ބޮޑު ފާފައިގެ ތެރޭގައި ހިމަނުއްވާފައެވެ. މާތްﷲ ވަޙީކުރައްވާފައި ވެއެވެ. (مِنْ أَجْلِ ذَلِكَ كَتَبْنَا عَلَى بَنِي إِسْرَائِيلَ أَنَّهُ مَنْ قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الأرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا) (ސޫރަތުލް މާއިދާ:32). މާނައީ: "ޙައްޤަކާނުލައި މީހަކު ޤަތުލުކުޅަ ކަމަށްޓަކައި ބަނޫ އިސްރާއީލުންގެ މައްޗަށް، ތިމަންއިލާހު ކަނޑައެޅުއްވީމެވެ. އެއްވެސް މީހަކު މަރަށް މަރު ހިފުމުގެ ގޮތުން، ނުވަތަ ބިމުގައިފަސާދަކުރާ މީހާގެ މައްޗަށް ޤާއިމުކުރެވޭ ޙައްދެއްގެ ގޮތުން ނޫންގޮތަކަށް، މީހަކު މަރައިފި މީހާ، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި މީހަކު މަރުން ސަލާމަތްކޮށްފި މީހާ އެންމެހާ މީސްތަކުން ދިރުވިފަދައެވެ."

އިތުރު އެކަލޭގެފާނުން ޙަދީޘް ކުރެއްވިއެވެ. (لَا يَحِلُّ دَمُ امْرِئٍ مُسْلِمٍ يَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنِّي رَسُولُ اللَّهِ إِلَّا بِإِحْدَى ثَلَاثٍ الثَّيِّبُ الزَّانِي وَالنَّفْسُ بِالنَّفْسِ وَالتَّارِكُ لِدِينِهِ الْمُفَارِقُ لِلْجَمَاعَةِ) މާނައީ: "ﷲ މެނުވީ އެހެން އިލާހަކު ނުވާކަމަށާއި، ހަމަކަށަވަރުން ތިމަންކަލޭގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވާ މުސްލިމެއްގެ ލޭ އޮހޮރުވުން، ތިންކަމަކުން ކުރެ ކަމެއް ކުރުމުން މެނުވީ، ހުއްދައެއް ނުވާނެއެވެ. އެއީ ޞައްޙަ ކާވެންޏެއް ކޮށްފައި ހުރި މީހަކު ޒިނޭކުރުމުންނާއި، ޙައްޤަކާނުލައި މީހަކު މެރުމުންނާއި، ދީނުން ބޭރުވެ މުރުތައްދުވެ، ޖަމާޢަތާއި ވަކިވުމުންނެވެ."

މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން، އަލްބުޚާރީ އާއި، މުސްލިމް ރިވާކުރެއްވި ޙާދީޘެއްގައި ވެއެވެ. ސަލާމާއި ޞަލަވާތް ލެއްވި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. (اجْتَنِبُوا السَّبْعَ الْمُوبِقَاتِ قِيلَ يَا رَسُولَ اللَّهِ وَمَا هُنَّ قَالَ الشِّرْكُ بِاللَّهِ وَالسِّحْرُ وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَأَكْلُ مَالِ الْيَتِيمِ وَأَكْلُ الرِّبَا وَالتَّوَلِّي يَوْمَ الزَّحْفِ وَقَذْفُ الْمُحْصِنَاتِ الْغَافِلَاتِ الْمُؤْمِنَاتِ) މާނައީ:"ތިޔަބައިމީހުން، ބޮޑުވެގެންވާ ހަތް ފާފައިން ދުރުހެލިވާށެވެ! ދެންނެވުނެވެ. އޭ ރަސޫލުﷲ ގެ ފާނެވެ! އެ ބޮޑު ހަތް ފާފަޔަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އެއީ، ﷲ އަށް ޝިރްކު ކުރުމާއި، ސިޙްރު ހެދުމާއި، ޙައްޤަކާ ނުލައި މާތްﷲ ޙަރާމް ކުރައްވާފައިވާ ނަފްސެއް ޤަތުލު ކުރުމާއި، ޔަތީމުންގެ މުދާ ކެއުމާއި، ރިބާ ކެއުމާއި، ހަނގުރާމައިގެ މައިދާނުން ފިލައިގެން ދިޔުމާއި، ޢިއްފަތްތެރި މުއުމިން އަންހެނުންނަށް ޒިނޭގެ ތުހުމަތު އަޅުވައި ޤަޛްފު ކުރުމެވެ."

ނަފްސެއް ޙައްޤަކާނުލައި ޤަތުލުކުރުމާއި ގެއްލުންދިނުން ޙަރާމް ކުރެއްވި ދަލީލު ތަކަށް ބަލައި އެކަމުގައި އެކުލެވިގެންވާ ގަދަފަދަ ޢަޒާބަށް ބިރުވެތިވެ، ތެދުވެރި ބުއްދިވެރި މުސްލިމަކު އެކަމުން ދުރުހެލިވާނެއެވެ. އެއީ އަންނަނިވި ސަބަބު ތަކަށްޓަކައެވެ. ޝަރުޢީ ދަލީލްތަކަށް ޙުރުމަތް ތެރިކޮށް ހިތުމަށްޓަކައެވެ. ﷲ ގެ އަމުރުފުޅަށް ތަބަޢަ ވުމަށްޓަކައެވެ. ﷲ ޙަރާމްކުރެއްވި ކަމަކުން ދުރުހެލި ވުމަށްޓަކައެވެ. އެކަލާނގެ ނަހީކުރެއްވި ކަމަކުން ދުރުހެލިވެ، އެކަލާނގެ އަމްރުފުޅާއި ޚިލާފްނުވުމަށެވެ. އެހެނީ ﷲ އެކަމަކަށް އަމުރުކުރައްވާ ކަނޑައަޅުއްވާފައިވާ ކަމެއްގައި ނުވަތަ އެކަމެއްގައި އިންތަކެއް ލެއްވުމުން މުސްލިމާއަށް އޮތީ އެކަމުގައި ތަބަޢަވެ އަމުރަށް ކިޔަމަން ގަތުމެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. (وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّـهُ وَرَ‌سُولُهُ أَمْرً‌ا أَن يَكُونَ لَهُمُ الْخِيَرَ‌ةُ مِنْ أَمْرِ‌هِمْ ۗ وَمَن يَعْصِ اللَّـهَ وَرَ‌سُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا) (ސޫރަތުލް ޢަޙްޒާބު: 36) މާނައީ: "އަދި اللَّه އާއި، އެކަލާނގެ رسول އާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި مؤمن އަންހެނަަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ."

ނަފްސު ހަލާކުގެ ތެރެއަށް ވެއްޓިދާނެ އެންމެހައި ކަންކަމުން ދުރުހެލި ކުރުން

އިސްލާމީ ޝަރީޢަތް ނަފްސު ހަލާކުގެ ތެރެއަށް ވެއްޓިދާ ފަދަ އެންމެހައި ކަންކަމަށް އިނާޔަތްެތެރިވެ، އެފަދަ އެންމެހައި ކަންކަން ޙަރާމްކުރެއްވިއެވެ. ނަފްސަށް ޢަދާވަތްތެރިވުމަށް ކަނޑި އުފުލުން މުސްލިމުންގެ މައްޗަށް ޙަރާމްކުރައްވާ ރަސޫލުﷲގެ ފާނުން ޙަދީޘް ކުރެއްވިއެވެ. (مَنْ حَمَلَ عَلَيْنَا السِّلَاحَ فَلَيْسَ مِنَّا) މާނައީ: "އަހަރުމެންގެ މައްޗަށް ހަތިޔާރު އުފުލައިފި މީހަކީ އަހަރުމެންގެ ތެރެއިންވާ މީހެއްނޫނެވެ."

އަދިވެސް އެކަލޭގެފާނުން ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ކަނޑި ހިފައިގެން އެކަކު އަނެކަކަށް ޤަތުލުކުރުމަށް ކުރިމަތިލައިފިނަމަ، އޭގެ ތެރެއިން ޤާތިލް އާއި ޤަތުލުވި މީހާއާއި ދެމީހުން ވަންނާނީ ނަރަކައަށެވެ. ޞަޙާބީން ދެންނެވިއެވެ. ރަސޫލުﷲ ގެ ފާނެވެ. ޤާތިލް ނަރަކައަށް ވަނުމުގައި ސުވާލެއް ނެތެވެ. ނަމަވެސް ޤަތުލުވި މީހާގެ މައްސަލައަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން، އޭނާގެ ޞާހިބު މީހާ މެރުމަށް އޭނަހުރީ ފާރަވެރި ވެގެންނެވެ." އަދި ކިއެއްތަ! މިއަށްވުރެ މާ ކުދި ކަންކަންވެސް ވަނީ ޙަރާމް ކުރެވިގެންނެވެ. އެއީ އެކަމުގެ ސަބަބުން ޢަދާވަތްތެރިވެ، ލޭ އޮހޮރުވުމަކަށް ހިނގައިދާނެތީއެވެ. އެހެންކަމުން އެކަމެއްގެ ސަބަބުން ޙައްޤަކާއިނުލައި މީހަކު މަރުވެދާނެ އެންމެހައި ކަންކަން ވާނީ ޙަރާމް ކަންކަމަށެވެ.

ޤިޞާޞް ހިފުން

ހުރިހާ ޙާލަތެއްގައިވެސް އިސްލާމް ދީން، ބާރު އަޅާފައިވަނީ، އަދި އޮށް އިންދައިފައި ވަނީ، މަތިވެރި ނަމޫނާ ދެއްކުމަށެވެ. ނަފްސު ތަކުގައި މަތިވެރި އަޚްލާޤު އަށަގެންނެވުމަށް ތަރުބިއްޔަތު ދިނުމަށެވެ. މިއާއި އިދިކޮޅު އެންމެހައި ސިފަތަކުން ދުރުހެލިވުމަށްވަނީ، ގޮވައިލާ އިންޒާރު ކުރައްވާފައެވެ.

އެންމެފަހުން މެނުވީ އުޤޫބާތަށް އެބުރި އިސްލާމް ދީނުގައި ނުދެއެވެ. އެއީ މުޖްތަމަޢުގެ އިންތިޒާމްތައް ރައްކާތެރިކޮށް ފަސާދަކުރަނިވި ކަންކަމުން ދުރުކުރުމަށްޓަކައެވެ. މިސާލަކަށް، މީހަކު މެރުމަށް ބަލާއިރު، އިސްލާމް ދީނުގައި އެކަމުގެ ހިތިކަމާއި، ވޭނާއި ޢަޛާބުގެ މައްޗަށް އިންޒާރު ކުރައްވައެވެ. އަދި ދުނިޔޭގައި އެކަމުން ހުރި ދެރަޔާއި ހިތާމަ، އާދަމްގެ ފާނުންގެ ދެ ދަރިކަލުންގެ ވާހަކައިން އެނގޭފަދައިން އަންގަވައެވެ. އެހެންކަމުން މުސްލިމުން މިކަންކަމުން ޢިބުރަތް ލިބިގަންނަން ޖެހެއެވެ.

އެހެންކަމުން ދުނިޔެ މަތީގައި އެއްވެސް ސަބަބަކާނުލައި އަދި އެއްވެސް ޙައްޤަކާނުލައި މީހެއްގެ ލޭ އޮހޮރުވައިފި މީހަކަށް ދުނިޔެ މަތީގައި އެމީހަކަށް ދިނުމަށް ވަރުގަދަ އުޤޫބާތެއް ﷲ ވަނީ ޝަރުޢު ކުރައްވާފައެވެ. އާދެ! އެއީ ޤީޞާޞެވެ. (يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ۖ الْحُرُّ‌ بِالْحُرِّ‌ وَالْعَبْدُ بِالْعَبْدِ وَالْأُنثَىٰ بِالْأُنثَىٰ ۚ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُ‌وفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّ‌بِّكُمْ وَرَ‌حْمَةٌ ۗ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ ﴿﴾ وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ) (ސޫރަތުލްބަޤަރާ: 178- 179) މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! قتل ކުރެވޭ މީހުންނާމެދު قصاص ހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) أخ އާގެ ފަރާތުން قصاص ގެ ބައެއް މާފުކުރެވުނު މީހާ ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި إحسان ތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި رحمة އެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ عداوة ތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި عذاب ހުށްޓެވެ. އަދި قصاص ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ."

އަދި ޤީޞާޞަކީ ކުރިންވެސް ޝަރުޢުކުރައްވާފައިވާ ކަމެއްކަން ބަޔާންކޮށް އެކަލާނގެ ވަޙީކުރެއްވިއެވެ. (يَا أَيُّهَا الَّذِينَ آمَنُوا مَن يَرْ‌تَدَّ مِنكُمْ عَن دِينِهِ فَسَوْفَ يَأْتِي اللَّـهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِ‌ينَ يُجَاهِدُونَ فِي سَبِيلِ اللَّـهِ وَلَا يَخَافُونَ لَوْمَةَ لَائِمٍ ۚ ذَٰلِكَ فَضْلُ اللَّـهِ يُؤْتِيهِ مَن يَشَاءُ ۚ وَاللَّـهُ وَاسِعٌ عَلِيمٌ) (ސޫރަތުލްމާއިދާ: 54) މާނައީ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ دين ދޫކޮށް مرتد ވާމީހާ (ދަންނާށެވެ!) ފަހެ، (އެއުރެންގެ ބަދަލުގައި) އެބަޔަކަށް އެކަލާނގެ ލޯބިވެވޮޑިގެންވާ، އަދި އެބަޔަކު އެކަލާނގެދެކެ ލޯބިވާ ބަޔަކު اللَّه ގެންނަވާނެތެވެ. އެއީ مؤمن ންގެ މައްޗަށް އޯގާވެރި، މަޑުމައިތިރި ބަޔެކެވެ. كافر ންގެ މައްޗަށް ގަދަފަދަ عزّة ތެރި ބަޔެކެވެ. اللَّه ގެ މަގުގައި އެއުރެން جهاد ކުރާނެތެވެ. އަދި މަލާމާތްކުރާ މީހެއްގެ މަލާމާތަކަށް އެއުރެން ބިރެއް ނުގަންނާނެތެވެ. އެއީ اللَّه ގެ فضل ވަންތަކަމެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެކަން ދެއްވަތެވެ. اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

އިސްލާމް ދީނުގެ އަލިކަން ފާޅުވުމުގެ ކުރީން މީހަކު މަރާލާ މީހެއްގެ ޢުޤޫބާތަކީ ކޮބައިތޯ ބަލައިލުމުން ފެނިގެންދަނީ އެފަދަ މީހެއްގެ ޢުޤޫބާތް ވަރަށް ތަފާތުވެގެން ގޮސްފައިވާ ތަނެވެ. މިސާލަކަށް، ޔަހޫދީން ހިފަނީ ޤިޞާޞެވެ. ނަމަވެސް ނަޞާރާއިން ނަގަނީ ދިޔައެވެ. އަދި ޢަރަބީން ޖާހިލީ ޒަމާނުގައި ބަދަލުހިފުމުގެ ރޫޙުގައި އެއްވެސް ކުށެއްނެތް ބަރީޢަ މީހުން މަރައި ހެދޫއެވެ. ބައެއްފަހަރަށް ޤަބީލާގެ ރައީސް ޤަތުލުކުރަނީއެވެ. އަނެއްބައި ފަހަރަށް އެކަކަށްވުރެ ގިނަ ފަރާތްތައް އެކެއްގެ މަރުގެ ބަދަލުގައިވެސް މަރަނީއެވެ. އެކަކަށް ދިހަ މީހުން ނުވަތަ އަންހެނަކަށް ފިރިހެނަކު ނުވަތަ އަޅަކަށް މިނިވަނަކު މަރައިހެދިއެވެ. މިދެންނެވިފަދަ ޙާލަތެއްގައިވަނިކޮށް، ހަމަހަމަކާމާއި ޢަދުވެރިކަމާއި އިންޞާފުވެރިކަން ގެނައުމަށް އިސްލާމް ދީން ޤިޞާޞް ކަނޑައެޅުއްވިއެވެ.

އާދެ! ޤިޞާޞްގެ ސަބަބުން މުޖްތަމަޢުގެ އަމާންކަމާއި ސަލާމަތްތެރިކަން ޤާއިމްވެއެވެ. ނަފްސުތައް ޙިމާޔަތްވެ ޢަދާވަތްތެރިކަމުން ޙިމާޔަތްކުރެވިގެން ދެއެވެ. މިކަން ބަޔާންވެގެންދަނީ، ﷲ ސުބުޙާނަހޫ ވަތަޢާލާ، ޤިޞާޞް އެއީ ދިރުމެއްކަމުގައި ބަޔާންކޮށް ޚަބަރު ކުރައްވާތީއެވެ. މިކަން ކަށަވަރުވަނީ އަންނަނިވި ސަބަބު ތަކާހުރެއެވެ. ޤާތިލަށް އޭނާ މީހަކު މަރައިފިނަމަ، އޭގެ ޖަޒާއެއްގެ ގޮތުން އޭނާ މަރާލާނެކަން އެނގޭތީ، އެކަމުން ދުރުހެލި ވެދެއެވެ. އަދި ޤާތިލުންނަށް އެ ޖަޒާދީ ޤީޞާޞް ހިފުމުން މުޖުތަމަޢުގެ ދިރިއުޅުމަށް ދިރުން ގެނެސްދެއެވެ. އަދި ޤިޞާޞްގައި ހަމައެކަނި ޤަތުލުކުރެވެނީ، ޤާތިލެވެ. ޖާހިލީ ޒަމާނުގައި މިނޫން މީހުންވެސް ޤަތުލު ކުރެވުނު ކަމުގައިވިޔަސް އިސްލާމް ދީން ވަނީ އެކަން މަނާ ކުރައްވާފައެވެ. އެހެންކަމުން މިކަމުންވެސް ޙައްޤުނޫން މީހުން މެރުން ދުރުކޮށް ދިރުން ގެނެސްދެއެވެ.

އެއްވެސް ޝައްކެއްނެތް މިންވަރަށް ހެކި ހޯދުމަށް ލާޒިމު ކުރެއްވުން

ޖިނާއީ ކުށެއް ސާބިތު ކުރުމަށް ބޭނުންވާ މިންގަނޑަކީ، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތު ކުރުމެވެ. ނަމަވެސް އިސްލާމީ ޝަރީޢަތުގައި، ނަފްސު ރައްކާތެރި ކުރުމަށްޓަކައި، އެއްވެސް ނަފްސެއްގެ މައްޗަށް ޤަތުލުކުރުމުގެ ޙުކުމް ޤާއިމް ކުރާނަމަ، އެއްވެސް ޝައްކެއްނެތް މިންވަރަށް އެކަމެއް ސާބިތުކުރުމަށް ހެކި ހުށަހަޅަންވަނީ ލާޒިމު ކުރައްވަވާފައެވެ. އެއްގޮތަކީ، ކުއްކުރިފަރާތުން ކުށަށް އިޢުތިރާފްވެ އެއްބަސް ވުމެވެ. ނުވަތަ އެކުށެއް ސާބިތުވުމަށް ބޭނުންވާ މިންވަރަށް އަދުލުވެރި ހެކިން ހެކިބަސް ދިނުމެވެ. މިސާލަކަށް ރަޖަމްކޮށް މީހަކު މަރާލެވޭނީ، އެކުށް ސާބިތުކުރުމަށް ހަތަރު މީހުންގެ ހެކިބަސް ލިބިގެންނެވެ. އަދި އެހެން ކުއްތައް ސާބިތުވާނީ، ޢަދުލުވެރި ދެހެކިންގެ ހެކިބަހުންނެވެ. އިބްނު ޤުދާމާ ވިދާޅުވެފައި ވެއެވެ. "ޒިނޭ ހަތަރު މީހުންގެ ހެކިބަހުން މެނުވީ ސާބިތު ނުވާނެކަމަށް މުސްލިމުންގެ އިޖްމާޢުން ވަނީ ނިންމަވާފައެވެ." އަދިވެސް އެކަލޭގެފާނުން ވިދާޅުވެފައިވެއެވެ. "ޢުޤޫބާތްތަކުގެ ތެރެއިން ޙައްދުތަކާއި އަދި ޤީޞާޞް ހިފުން ދެ ފިރިހެނުންގެ ހެކިބަހުންމެނުވީ، ޤަބޫލެއް ނުކުރެވޭނެއެވެ."

ނަފްސު ރައްކާތެރިކުރުން ކަށަވަރުކުރުން

ނަފްސު ރައްކާތެރިކޮށް ޙިމާޔަތް ކުރެއްވުމަށް އިސްލާމްދީން އަހައްމިޔަތުކަންދީ އެކަން ނަފްސު ރައްކާތެރިކުރުން ކަށަވަރުކުރުމަށްޓަކައި، ޤިޞާޞް ހިފުމުގެ ޙައްޤު މަރާލެވުނު މީހާގެ ވާރުތަވެރީން ޤިޞާޞް ހިފުމަށް ބޭނުންވެފައި ތިއްބާ މަޢާފެއް ނުކުރެވެއެވެ. އެހެންކަމުން އެކަމަށް ޝަރުތުތުތައް ފުރިހަމަވާން ޖެހެއެވެ. އަދި އެބައިމީހުން މަޢާފް ދީފިނަމަ، ނުވަތަ ޝަރުތުތައް ފުރިހަމަ ނުވެއްޖެނަމަ، ދޭންޖެހޭނީ ޢަމްދުން މީހަކު މެރުމުގެ ދިޔައެވެ.

މީހަކު މެރުމުގައި މީހާގެ ނިޔަތުގެ މައްޗަށް ބަލައި، ޙުކުމްތައް ތަފާތު ކުރެވިގެން ވެއެވެ. މިސާލަކަށް، މީހަކު ޢަމްދުން މެރުން، ޢަމްދާއި ވައްތަރުގޮތެއްގައި މެރުން ނުވަތަ ޤަޞްދަކާއި ނުލައި މެރުމުގެ ޙާލަތްތަކުގައި ޙުކުމްތައް ތަފާތެވެ.

މެރުމުގެ ޙުކުމް ތަންފީޒު ކުރުން ބައެއް ޙާލަތްތަކުގައި ފަސްކުރުން

ނަފްސުތައް ޙައްޤަކާއި ނުލައި މެރުމުން ދުރުހެލިކުރުމަށް ޝަރީޢަތުގައި ލައްވަވާފައިވާ ކަންތައްތަކުގެ ތެރެއިން މިއީވެސް އެއްކަމެވެ. އެހެނީ، ބަލިވެ އިން އަންހެނާ، އޭނާ ވިހައި އެދަރިފުޅަށް ކިރުދޭނޭ މީހަކު ނެތްނަމަ، ކިރުދިނުމުގެ މުއްދަތު ނިމުމުން މެނުވީ، އެކަނބުލޭގެ މައްޗަށް ޤާއިމްކުރުމަށް ޙައްދެއް ނުވަތަ ޤީޞާޞް ހިފުމެއް ޤާއިމެއް ނުކުރެވެއެވެ. މިނޫން ގޮތަކަށް އެކަނބުލޭގެ މަރައިފިނަމަ، ނުވަތަ ޙައްދު ޤާއިމްކޮށްގެން އަދިފުޅަށް ލިބިދާނެ އެންމެހައި ގެއްލުމާއި ހަލާކުން އެކުއްޖާ ދުރުކުރުމަށްޓަކައި މިފަދަ ޚާއްޞަ ޙާލަތްތަކުގައި ލުއިކުރުމަށް ނުވަތަ ފަސްކުރުމަށް އިސްލާމް ދީން ވަނީ ބާރުއަޅާފައެވެ.

ޤިޞާޞް ހިފުން ޢަފޫކުރެއްވުން ޝަރުޢު ކުރެއްވުން

ސޫރަތުލް ބަޤާރާގެ 178 އަދި ސޫރަތުލް މާއިދާގެ 45 ވަނަ އާޔަތުގައި އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ۖ الْحُرُّ‌ بِالْحُرِّ‌ وَالْعَبْدُ بِالْعَبْدِ وَالْأُنثَىٰ بِالْأُنثَىٰ ۚ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُ‌وفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّ‌بِّكُمْ وَرَ‌حْمَةٌ ۗ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ) މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! قتل ކުރެވޭ މީހުންނާމެދު قصاص ހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) أخ އާގެ ފަރާތުން قصاص ގެ ބައެއް މާފުކުރެވުނު މީހާ ދަންނާށެވެ! ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް ވާރުތަވެރިޔާ އެދުން ހުށްޓެވެ. އަދި إحسان ތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި رحمة އެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ عداوة ތެރިވެއްޖެ މީހާ ދަންނާށެވެ! ފަހެ، އެމީހާއަށް ވޭންދެނިވި عذاب ހުށްޓެވެ."

އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. (وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالْأَنفَ بِالْأَنفِ وَالْأُذُنَ بِالْأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُ‌وحَ قِصَاصٌ ۚ فَمَن تَصَدَّقَ بِهِ فَهُوَ كَفَّارَ‌ةٌ لَّهُ ۚ وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ فَأُولَـٰئِكَ هُمُ الظَّالِمُونَ) (އަލްމާއިދާ:45). މާނައީ: "އެ توراة ގައި އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ قصاص ގެ أصول ކަނޑައެޅުއްވީމެވެ. ހަމަކަށަވަރުން، نفس އަކަށް نفس އެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. زخم ތަކަކީ قصاص ހުރި ކަމެކެވެ. ފަހެ، އެކަން މާފުކޮށްފި މީހާޔަށް އެއީ كفّارة އެކެވެ. އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ. އެހެންކަމުން، މިކަމަކީ ނުވަތަ ޢަފޫކުރުމަކީ އިސްލާމްދީން އެކަމަށް ބާރުއަޅާ ކަމެއްކަން އެގެއެވެ. އަދި މިގޮތުންވެސް ނަފްސުތައް ރައްކާތެރިވެގެންދެއެވެ."

ޙަރާމް ކުރެވިފައިވާ ކަމެއް ނަފްސު ރައްކާތެރި ކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ މިންވަރަށް ހުއްދަވުން

ނަފްސުތައް ރައްކާތެރިކުރުމުގެ އަނެއް ވަސީލަތަކީ، ޙަރާމްކުރެއްވި ތަކެތި ނަފްސެއް ސަލާމަތް ކުރުމަށް ބޭނުންވާ މިންވަރަށް ކޮންމެހެން ބޭނުންކުރަންޖެހޭ ޙާލަތުގައި ހުއްދަ ކުރެއްވުމެވެ. ސޫރަތުލް ބަޤާރާގެ 183 ވަނަ އާޔަތާއި، ސޫރަތުލް މާއިދާގެ 3 ވަނަ އާޔަތް އަދި ސޫރަތުލް އަންޢާމް ގެ 119 ވަނަ އާޔަތުގައި މިކަން ބަޔާން ކުރައްވާފައި ވެއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. (إِنَّمَا حَرَّ‌مَ عَلَيْكُمُ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنزِيرِ‌ وَمَا أُهِلَّ بِهِ لِغَيْرِ‌ اللَّـهِ ۖ فَمَنِ اضْطُرَّ‌ غَيْرَ‌ بَاغٍ وَلَا عَادٍ فَلَا إِثْمَ عَلَيْهِ ۚ إِنَّ اللَّـهَ غَفُورٌ‌ رَّ‌حِيمٌ) މާނައީ: "ތިޔަބައިމީހުންނަށް އެކަލާނގެ حرام ކުރައްވާފައިވާކަން ކަށަވަރީ، މުޅަ ތަކެއްޗާއި، ލެޔާއި، އޫރުމަހާއި، اللَّه ފިޔަވައި އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗެވެ. ފަހެ، مجبور ވެއްޖެމީހާ ނުކިޔަމަންތެރިކަމެއް އަދި ހައްދުފަހަނަޅައި ދިޔުމެއްނެތި (އެތަކެތިން ކެއުމުގައި) އެމީހާގެ މައްޗަކަށް ފާފައެއް ނެތެވެ. ހަމަކަށަވަރުން اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ."

ނިންމުން

ދިވެހިރާއްޖޭގައި މިއަދު މިދަނީ ތަފާތު ކުށްތަކަށް އަރައިގަތުމުގެ ޘަޤާފަތެއް ފެތުރެމުންނެވެ. ޚާއްޞަކޮށް ވަޅިން ހަމަލާދީ ލާއިންސާނީ ސިފަތަކަށް މަރާލެވޭ މީހުން މަރާލުމުގައި ޒުވާނުން ބައިވެރިވާކަމީ ހިތާމަކޮށް، އެކަމާއި ކަންބޮޑުވާންޖެހޭ ކަމެކެވެ. ގޭންގު ތަކުގެ މެދުގައިވާ އަރާރުމުގެ މައްސަލަތަކުގެ އިތުރުން، މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތައް މެދުވެރިވުމުން އެކަންކަން ޙައްލުނުވެ ރުޅިވެރިކަން ބަދަލުވަނީ ލާއިންސާނީ ލޭ އޮހޮރުވާލުމަކަށެވެ. މީގެ އިތުރުން ދުވަސް ވެފައިތިބި މީހުންގެ އަތުގައި ހުންނަ ފައިސާ ކޮޅުކޮޅު ވަގަށް ނެގުމާއި، ފޭރުމުގެ އަވާގައިވެސް ޒުވާނުންވަނީ މީހުންމެރުމުގެ ސިލްސިލާއެއް ފަށާފައެވެ.

މިފަދަ ކުށްތަކަށް އަރައިގަތުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ދީނުގެ ޙުކުމްތަކަށް ތަބަޢަ ނުވުމެވެ. ޢަޤީދާ ބަލިކަށިވުމެވެ. އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ނުވުމާއި، މީހުންގެ އީމާންތެރިކަން ކުޑަވުންވެސް މެއެވެ. އަދި މީގެ އިތުރުން އެކި ތަފާތު ސަބަބުތަކާހުރެ، މިފަދަ މައްސަލަތައް ސާބިތުނުވުމާއި، ޙުކުމްތައް ތަންފީޒު ނުވުމެވެ. ނަމަވެސް ނަފްސެއް އެއްވެސް ޙައްޤަކާނުލައި މެރުން ޙަރާމްކުރައްވާ، އެގޮތަށް މަރާލެވޭ މީހުންގެ ވަލީވެރީންނަށް ﷲ ވަނީ ޤިޞާޞް ހިފުމުގެ ބާރު ދެއްވާފައެވެ. މާތް ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. (لا يحل دم امرئ مسلم يشهد أن لا إله إلا الله وأن محمدا رسول الله إلا بإحدى ثلاث النفس بالنفس والزاني المحصن والتارك لدينه المفارق للجماعة) މާނައީ: "ﷲ ގެ ކަށަކުޅަދުން ވަންތަކަން ގަބޫލުކުރާ އަދި މުޙައްމަދުގެފާނަކީ ﷲގެ ޙައްޤު ރަސޫލާކަމަށް ގަބޫލުކުރާ މީހާ ތިން ސަބަބަކާހުރެ މެނުވީ މެރުން ހުއްދަ ވެގެން ނުވެއެވެ. އެއީ މީހަކުމަރާލި މިހާ (ގަސްތުގައި، ޢަދާވާތްތެރިކަމާއެކީ މީހަކު މަރާލި މީހާ) އާއި ޝަރުޢީ ކާވެންޏެއް ކޮށްފައިވާ މީހުންގެ ތެރެއިން ޒިނޭކުރި މީހާ (ރަޖަމް ކުރެވޭމީހާ) އާއި މުސްލިމުންގެ ޖަމާޢަތާ ވަކިވެ މުރުތައްދުވާ މީހުންނެވެ."

މަރާލެވޭ މީހާގެ ސަބަބުން މުޖުތަމަޢަށް އަންނަ ބިރުވެރިކަމުން މުޖުތަމަޢު ސަލާމަތް ކުރުމުގެ އިތުރުން އަޅުތަކުންގެ ނަފްސު ސަލާމަތް ކުރުމަށާއި އަދި މަރާލެވުނު މީހާގެ ވާރުތަވެރިންނާއި ޢާއިލާގެ މެންބަރުންގެ ޙައްޤުގައި ޤާތިލަށް ކަނޑަ އެޅިގެންވާ އަދަބު ދިނުމަކީ މުޖުތަމަޢަށް ހަމަޖެހުމާއި، ދިރުން ގެނެސްދޭ ކަމެކެވެ. މިކަމަކީ ބުއްދީގެ އަހުލުވެރިންނަށް މެނުވީ ވިސްނޭނެ ކަންކަމެއް ނޫނެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. (وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الألْبَابِ لَعَلَّكُمْ تَتَّقُونَ) (އަލްބަޤަރާ:179) މާނައީ: "އޭ ބުއްދިވެރީންނޭވެ! ޤިޞާޞް ޝަރުޢު ކުރެއްވުމުގައި، ތިޔަބައިމީހުނަށް ރައްކާތެރިކަމަކާއި ދިރުމެއް ވެއެވެ. އެއީ ތިޔަބައިމީހުން ޤަތުލު ކުރުމުންނާއި ޤަތުލުވުމުން ރައްކާތެރި ވުމަށްޓަކައެވެ."

ޤިޞާޞް ހިފުމަކީ ނުވަތަ މަރަށް މަރުހިފުމަކީ، ވަރަށް ސާފުކޮށް ކީރިތި ޤުރުއާނުގައި ﷲ ބަޔާން ކުރައްވާފައިވާ މަތިވެރި ޙުކުމްފުޅެކެވެ. ވީމާ، މިކަމާ އިންކާރު ކުރުމަކީ ހެޔޮ ޢަޤީދާއެއްގެ މަތީގައިވާ މުސްލިމަކާ އެކަށީގެންވާ ސިފައެއް ނޫނެވެ. ޤަބޫލުކުރަންވީ ޙައްޤަކާނުލައި މީހަކު މެރުމަކީ، ﷲ ޙަރާމް ކުރައްވާފައިވާ ކަމެއް ކަމާއި، އެކަން ރައްކާތެރިކޮށް ދިނުމަށާއި، އެ ރައްކާތެރިކަމުން މުޖުތަމަޢަށް ދިރުން ގެނެސްދޭ ކަމަކަށްވާތީ، ޤިޞާޞް ހިފުން ޝަރުޢު ކުރެވިގެން ވާކަމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް