ސްޕެއިންގައި ބާއްވާ ފަތުރުވެރިކަމުގެ ފެއާއެއްގައި އެމްއެމްޕީއާރުސީން ބައިވެރިވަނީ

ފިތުރް 2022ގައި އެމްއެމްޕީއާރުސީ އިން ބައިވެރިވަނީ --- ފޮޓޯ/ އެމްއެމްޕީއާރުސީ

ސްޕެއިންގައި ބާއްވާ ފަތުރުވެރިކަމުގެ ފެއާއެއް ކަމަށްވާ ފިތުރް 2022 ގައި އެމްއެމްޕީއާރުސީ އިން ބައިވެރިވެއްޖެއެވެ.

މިއަދުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހާއި ހަމައަށް ސްޕެއިނުގެ މެޑްރިޑުގައި ކުރިއަށްދާ މި ފެއާގައި އެ ކުންފުނީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 13 ކުންފުންޏެއް ބައިވެރިވިއެވެ.

އެމްއެމްޕީއާރުސީ އިން ބުނި ގޮތުގައި މި ފެއާގައި ބައިވެރިވުމުގެ މަގުސަދަކީ ރާއްޖެއަކީ އެންމެ ރައްކާތެރި މަންޒިލުގެ ގޮތުގައި އިސްތިހާރުކުރުމެވެ. އަދި މި ފެއާގައި ބައިވެރިވީ ސްޕެއިންގެ މާކެޓަށް ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފިތުރް 2022ގައި އެމްއެމްޕީއާރުސީ އިން ބައިވެރިވަނީ --- ފޮޓޯ/އެމްއެމްޕީއާރުސީ

"މި ސްޓްރެޓެޖީ ބިނާވެފައިވަނީ ސްޕެއިން އަދި ދުނިޔޭގެ އެހެން ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމުގެ މައްޗަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށާއި، ފަތުރުވެރިންނަށް ފޯރުކޮށްދިނުމެވެ." އެމްއެމްޕީއާރުސީ އިން ބުންޏެވެ.

ފިތުރް 2022 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކަކުން ބައިވެރިވެއެވެ. އަދި 60،000ށް ވުރެ ގިނަ މީހުން މި ފެއާއަށް ޒިޔާރާތް ކުރާނެކަމަށް ލަފާކުރެވެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް ސްޕެއިނުން 37،186 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ވަކިވަކި ގައުމުތަކުގެ ތެރެއިން މިއީ ހަތްވަނައަށް އެންމެ ގިނަ އަދަދެވެ.

comment ކޮމެންޓް