ރަށުން ބޭރު މީހުންނަށް ގޯތި ދެނީ މުޅި އަތޮޅުގެ މަންފާއަށްޓަކައި: ތިނަދޫ ކައުންސިލް

ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ --- ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް

ގދ. ތިނަދުއިން ރަށުން ބޭރު މީހުންނަށް ގޯތި ދޭން ނިންމީ މުޅި އަތޮޅުގެ ކުރިއެރުން ވިސްނުމުގައި ބަހައްޓައިގެން ކަމަށް ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ ވިދާޅުވެއްޖެއެވެ.

ސައުދު "ސަން" އަށް ވިދާޅުވީ އެރަށުގެ އާބާދީ އިތުރުވުމުން އޭގެ މަންފާ ތިނަދުއަށާއި އަދި މުޅި ގދ. އަތޮޅަށްވެސް ކުރާނެ ކަމަށެވެ.

"ތިނަދޫ ތަރައްގީ ކުރުމުގެ އެންމެ ބޮޑު ވިސްނުމަކީ ތިނަދޫގެ އާބާދީއާ ގުޅިފައިވާ ކަމަކަށް ވާތީ, ރަށުގެ އާބާދީ ބޮޑު ކުރުން އެއީ އަޅުގަނޑުމެންގެ ވިސްނުން. އަދި ތިނަދޫގެ ތަރައްގީ މި ގުޅެނީ މުޅި ގދ. އަތޮޅާ،" ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ އާބާދީ އިތުރު ވުމަކީ ރަށެއްގެ ތަރައްގީއަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން ރަށަކަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ރަށަށް ގެނައުމަށާއި އަމިއްލަ ވިޔަފާރިތައް ކުރިއެރުމަށް އެކަމުގެ ސަބަބުން މަގުފަހިވާ ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.

"ތިނަދޫ އަކީ މި އަތޮޅުގެ މެއިން ހަބް. އެހެންވީމަ ތިނަދުއަށް މިކަހަލަ ކުރިއެރުމެއް ލިބުމަކީ އެއީ ހަމަ މުޅި އަތޮޅަށް ސީދާ އޭގެ ފައިދާ ކުރާނެ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ތިނަދޫ ސިޓީ އަކަށް ބަދަލުކުރުމުގެ ތަސައްވުރެއް ކައުންސިލުން ގެންގުޅޭތޯ ސުވާލުކުރުމުން ސައުދު ވިދާޅުވީ ކައުންސިލުގެ ސިޔާސަތުތައް އަމާޒުވަނީ ވަކި ހާއްސަ ކަމެއް ހާސިލުކުރުމަކަށް ނޫން ކަމަށެވެ. އެކަމަކު ޖުމްލަކޮށް ތިނަދޫގެ ރައްޔިތުންނާއި، އެރަށަށް ޒިޔާރަތް ކުރާ މީހުންގެ މަސްލަހަތު ވިސްނުމުގައި ބަހައްޓާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކައުންސިލުގެ މަސްއޫލިއްޔަތަކަށް މިއޮންނަނީ ވީހާވެސް ރަނގަޅު ހިދުމަތްތަކެއް ދީ، ރަށާމެދު މީހުންގެ އޮންނަ ތަސައްވުރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުން," ސައުދު ވިދާޅުވިއެވެ.

ގދ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ތިނަދޫ އަކީ އެ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިނގަމުން އަންނަ ތިނަދޫ އަކީ 2018ވަނަ އަހަރު އިތުރަށް ބިން ހިއްކާފައި އޮތް ބިން ބޮޑު ރަށެކެވެ.

ތިނަދޫގެ އިތުރުން ދާދިފަހުން ގއ. ކޮނޑޭ ކައުންސިލުން ވެސް ވަނީ ރަށުން ބޭރު މީހުންނަށް ގޯތި ދޭން ނިންމާފައެވެ.

އެ ކައުންސިލްތަކުން އެގޮތަށް ނިންމާފައި ވަނީ ރަށުން ބޭރު މީހުންނަށް ގޯތި ދިނުމުގެ ވިސްނުން ގެންގުޅުމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ގޮވާލައްވާފައި ވަނިކޮށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް