ސަމާލުވޭ! ފާނަބަސަނދު ފެތުރެނީ

ފާނަބަސަނދު ޖެހިފައިވާ ކުއްޖެއް: މި ދުވަސްވަރު އެ ބަލި ރާއްޖޭގައި ޖެހޭލެއް އިތުރު--

ފާނަބަސަނދު ނުވަތަ ޗިކަން ޕޮކްސް ޖެހޭ މީހުންގެ އަދަދު މިދުވަސްވަރު އިތުރުވާން ފަށާފައިވާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

އެޗްޕީއޭގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އާއްމު ދުވަސްވަރަކާ އަޅާބަލާއިރު މިހާރު ފާނަބަސަނދު ޖެހިގެން ފަރުވާ ހޯދާ މީހުން އިތުރުވަމުން އަންނަ ކަމަށެވެ.

ބަލި އިތުރުވި މިންވަރުގެ ތަފާސްހިސާބު އަދި އެޗްޕީއޭއިން ހިއްސާ ނުކުރެއެވެ.

ފާނަބަސަނދު އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް ސަރުކާރުގެ ބައެއް ބޮޑެތި ކުންފުނިތަކުން ވަނީ މުވައްޒަފުންނަށް އަންގަން ފަށައިފައެވެ.

މިއީ ކޮން ބައްޔެއް؟

ފާނަބަސަނދަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެކެވެ. މިއީ ހުން އައުމާ އެކު ގައިން ފޮޅުނަގާ، އަދި ކޮންމެ އުމުރެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ.

ފާނަބަސަނދު ޖެހިފައިވާ މީހެއްގެ ގައިގައި އުފެދިފައިވާ ފޮޅުތަކުން ބޭރުވި ދިޔައިގައި ބީހުމުން، ނުވަތަ އަތްލެވުމުން، ސަލާމަތުން ހުރި މީހާގެ އަތް ބަލި ޖައްސާ ޖަރާސީމާއި ތަޣައްޔަރު ވުމަށް ފަހު، އެއަތް ނުދޮވެ، އަނގަ، ލޯ، ނޭފަތުގައި ޖައްސައި ނުވަތަ އަތްލައި ހަދައިފިނަމަ އެމީހަކަށް ފާނަ ބަސަނދު ޖެހިދާނެއެވެ. އަދި ބަލިޖެހިފައިވާ މީހާ ކެއްސާ ކިނބިހި އެޅުމުގެ ތެރޭގައި ބޭރުވެގެންދާ ވައިރަސްތައް ވައިގެ ޒަރީއާއިން ސަލާމަތުން ހުރިމީހާގެ ހަށިގަނޑަށް ވާސިލް ވެއްޖެނަމަ ވެސް އެމީހަކަށް ފާނަ ބަސަނދު ޖެހިދާނެއެވެ.

މީގެ އިތުރުން މާބަނޑު ދުވަސްވަރު ފާނަ ބަސަނދު ޖެހިއްޖެނަމަ ބަނޑުގައިވާ ދަރިފުޅަށް ވެސް ފާނަ ބަސަނދު ޖެހުމުގެ ފުރުސަތު އޮވެއެވެ. ފާނަ ބަސަނދުގެ ވައިރަސް ހަށިގަނޑަށް ވާސިލްވުމަށް ފަހު އެއްވެސް އަލާމާތެއް ނުފެންނަ ހާލަތުގައި ވެސް އެމީހެއްގެ ފުށުން އެހެން މީހުންނަށް ބަލި ފަތުރުވައިފާނެއެވެ.

މިބަލި އެންމެ ބޮޑަށް ގައިން ގަޔަށް އަރަނީ، ބައްޔާއި ގުޅިގެން ނަގާ ފޮޅުތައް ނަގަން ފެށުމުގެ 3-2 ދުވަސް ކުރިން ފެށިގެން ގޮސް، ފޮޅުތައް ފެޅި އެފޮޅުތައް އެއްކޮށް ރަނގަޅު ވުމާއި ދެމެދު އޮންނަ މުއްދަތުގެ ތެރޭގައެވެ.

ބަލި ފަސޭހަވެ ރަނގަޅުވަންދެން ވެސް ބައެއް ފަހަރު މިއުނދަގޫތައް ދެމިހުރެދާނެއެވެ. މި އަލާމާތްތައް ފެންނަތާ 48-24 ގަޑިއިރުގެ ތެރޭގައި ހަށިގަނޑުގެ މެދުބައިން (ބުރަކަށި އަދި ބަނޑާއި މޭމަތި ހިމެނޭ ހިސާބު) ފާނަ ބަސަނދު އާއި ގުޅިގެން ނަގާ ހާއްސަ ބިހިތަކާއި، ފޮޅުތައް ނަގަން ފަށާނެއެވެ. އެއަށްފަހު ޖެހިގެން އަންނަ 10-7 ދުވަހާއި ދެމެދުގެ މުއްދަތު ތެރޭގައި ފޮޅުތައް ބޮލާއި އަތްފަޔަށް ފެތުރިގެންދެއެވެ. މިބިހިތަކާއި ފޮޅުތަކުގައި ވަރަށް ބޮޑަށް ކަހައި ހިރުވުމަކީ ވެދާނެ ގޮތެކެވެ. ފުރަތަމަ ނަގާ ބިހިތަކުގައި ފެންހެދި ފެންފޮޅަކަށް ބަދަލުވެ، އެއަށްފަހު ފެންފޮޅުތަކަށް ދޮސްއެރި ދޮސްފޮޅު ތަކަކަށް ބަދަލުވެއެވެ. އެއަށްފަހު ދޮސްފޮޅު ފެޅި، އެތަން ހިކި، ތޮށިލައި ކުރަމަގާލި ލައި ނެއްޓިގެން ދެއެވެ. ބައްޔާއި ގުޅިގެން ނަގާ ބިހިތަކާ ކުޅެ، ފޮޅުތައް ތުއްވައި ހެދުމަކީ ރަނގަޅު ކަމެއް ނޫނެވެ.

ފާނަ ބަސަނދު ޖެހުމާ ގުޅިގެން ކުރިމަތިވެދާނެ ނުރައްކާތަކުގެ ތެރޭގައި ހަމުގައި ޖަރާސީމު އެޅުން، ފުއްޕާމޭގައި ޖަރާސީމު އެޅުން، ނާރުތަކަށް ގެއްލުންވުން، ކަންފަތުގައި ޖަރާސީމު އެޅުން، އޮށާއި އުރަވަޅި ދުޅަވުން، މޭގަނޑާއި ގުރުދާއަށް ގެއްލުންވުން، ހިތުގެ މަސްގަނޑު ދުޅަވުން، ޗިސްމޭ ދުޅަވުން، އަދި ލޮލުގެ އެކިބައިތައް ދުޅަވެ ލޮލަށް ގެއްލުންވުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން މާބަނޑު ދުވަސްވަރު މައިމީހާއަށް ފާނަބަސަނދު ޖެހިއްޖެނަމަ ބަނޑުގައިވާ ތުއްތު ދަރިފުޅަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރުމަކީ ވެދާނެ ގޮތެކެވެ.

ފާނަ ބަސަނދުން ރައްކާތެރިވުމަށް ކުރެވޭ އެންމެ މުހިއްމު އެއްކަމަކީ ވެކްސިން ޖެހުމެވެ. ދިވެހިރާއްޖޭގެ ވެކްސިން ޝެޑިއުލްގައި އަދި ހިމެނިފައި ނުވި ނަމަވެސް މިއީ ތުއްތު ދަރިފުޅަށް ސިއްހީ އެހީތެރިއެއްގެ އިރުޝާދާއެކު ދެވިދާނެ ވެކްސިނެކެވެ. ވެކްސިން ދޭންޖެހޭނީ ކަނޑައެޅިފައިވާ އުސޫލްތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

ފާނަ ބަސަނދުން ރައްކާތެރިވުމަށް އެޅިދާނެ އެހެން ފިޔަވަޅުތަކުގެ ތެރޭގައި ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން، ގިނަގިނައިން އަތްދޮވުން، ބަލިޖެހިފައިވާ މީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅުން، ބަލިޖެހިފައިވާ ކުދިން އެހެން މީހުންނާއި ވަކިން ގެންގުޅުން، އަދި ބަލިމީހާ ގެންގުޅޭ ތަކެތީގައި ވީވަރަކުން އަތްނުލުމާއި އެތަކެތި ރަނގަޅަށް ދޮވެ ސާފުކުރުން، ފަދަ ކަންތައްތައް ހިމެނެއެވެ. ފާނަ ބަސަނދު ޖެހި ރަނގަޅުވުމަށް ފަހު ދެވަނަ ފަހަރަށް ފާނަ ބަސަނދު ޖެހުމަކީ ވަރަށް ދުރު އަދި ނާދިރު ކަމެކެވެ.

މިދުވަސްވަރު ފާނަބަސަނދު އިތުރު ވަމުން ދާއިރު ބޭރަށް ހިންގުމުގެ ރޯގާގެ އިތުރުން ކޮވިޑް ވެސް ވަރަށް ބާރަށް ފެތުރެމުން އެބަދެއެވެ.

comment ކޮމެންޓް