ނޯ ކްލޭޝް ޗެނަލުން ... މީހުން އިސްލާމް ވާ ސަބަބުތައް

ކްލެއަރ ފޮރެސްޓިއަރ

ކްލެއަރ ފޮރެސްޓިއަރ އަކީ އިނގިރޭސި ވިލާތުގެ މީޑިއާ ޝަޚްޞިއްޔަތެކެވެ. ދިރާސާ ކުރައްވާ ބެއިފުޅެކެވެ. ބްރިޓިޝް ބްރޯޑްކާސްޓިންގ ކޯރޕޮރޭޝަން (ބީބީސީ) އާއި އެހެނިހެން ބައެއް މީޑިއާ އިދާރާތަކުގައި އޭނާ އެތައް އަހަރަކު މަސައްކަތް ކުރެއްވިއެވެ. ރިޕޯޓަރެއްގެ ގޮތުންނާއި، ޓީވީ ހުށައެޅުންތެރިއެއްގެ ގޮތުންނާއި، އަދި ޓީވީ ޕްރޮގްރާމުތައް އުފައްދާ ޕްރޮޑިޔުސަރެއްގެ ގޮތުން މަސައްކަތް ކުރެއްވިއެވެ. މިހާރު އޭނާ ކުރައްވާ އެންމެ މުހިއްމު އެއް ކަމަކީ ޔޫޓިޔުބް ޗެނަލެއް ހިންގެވުމެވެ. އެ ޗެނަލުގެ ނަމަކީ "ދެއަރ އިޒް ނޯ ކްލެޝް" އެވެ. މަޤުޞަދަކީ އިސްލާމް ދީނާއި، ޢީސާ ޢަލައިހިއްސަލާމްގެ ދީނާއި، މޫސާ ޢަލައިހިއްސަލާމްގެ ދީނަކީ އެއް ދީން އަނެއް ދީނާ ޢަދާވާތްތެރި ދީންތަކެއް ނޫންކަން ބަޔާން ކުރެއްވުމެވެ. އެ ދީންތަކުގެ އަހުލުވެރީންގެ މެދުގައި ޢަދާވާތްތެރިކަމާއި ދެކޮޅުވެރިކަން އޮންނާކަށް ކޮންމެހެން ނުޖެހޭކަން ބަޔާން ކޮށްދެއްވުމެވެ. ދީނުގެ ނަމުގައި އެއް ބަޔަކު އަނެއް ބަޔަކާ ޢަދާވާތްތެރި ވުމާއި ޙަސަދަވެރިކަމާއި ނަފުރަތްތެރިކަން ފެތުރުމާ ދެކޮޅަށް މަސައްކަތް ކުރެއްވުމެވެ.

އިސްލާމް ދީނާއި ނަޞާރާ ދީނާއި ޔަހޫދީ ދީނާ ގުޅޭ މުހިއްމު މައުޟޫޢުތަކަކަށް ކްލެއަރގެ ޗެނަލުގައި ވާހަކަ ދައްކަވައިފައި ވެއެވެ. އެ ޗެނަލުގައި "ފޯރ އޯލް ހިޔުމަންސް" ގެ ނަމުގައި ޝާއިއު ކުރެވުނު ވީޑިއޯ ސިލްސިލާއެއްގެ ފަންސަވީސްވަނަ އެޕިސޯޑުގެ މައުޟޫޢަކީ "ފައިވް ރީޒަންސް ވައި ނިއު މުސްލިމްސް އެމްބްރޭސް އިސްލާމް" މިއެވެ. ދިވެހި ބަހުން ދަންނަވަންޏާ، "އަލަށް އިސްލާމް ވާ މީހުން އިސްލާމް ވުމަށް މެދުވެރި ވާ ފަސް ސަބަބު" މިއެވެ. މި ލިންކަށް ފިތައިލެއްވުމުން އެ އެޕިސޯޑު ބައްލަވައިލެއްވޭނެއެވެ.

ހުޅަނގުގެ ޤައުމުތަކުގައި ވަރަށް ހަލުވިކޮށް އިސްލާމް ދީން ދަނީ ފެތުރެމުންނެވެ. ކްލެއަރ ފޮރެސްޓިއަރގެ ވީޑިއޯގައި ޙަވާލާ ދެއްވައިފައި ވާ "ދި އިކޮނޮމިސްޓް" މަޖައްލާގެ މަޒުމޫނެއްގައި ވާ ގޮތުން، އިނގިރޭސި ވިލާތުގައި އެކަނި ވެސް އަހަރަކު 5200 މީހުން އިސްލާމް ވެއެވެ. އެއީ ނިސްބަތުން ދުވާލަކު ސާދައަށް ވުރެ ގިނަ މީހުންނެވެ. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ މުސްލިމް އާބާދީގެ ކޮންމެ ހަތަރު މީހުން ކުރެ އެކަކީ، ނުވަތަ 25 އިންސައްތަ އަކީ، އަލަށް އިސްލާމް ވި މީހެކެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖެ ފަދަ "އިސްލާމީ" ޤައުމުތަކުގައި، އައު ޖީލުތައް ދީނާ ދުރުހެލި ވަމުން، އިސްލާމް ދީނަކީ ބޭކާރު އަދި ފީކަޅާ އެއްޗެއް ކަމުގެ ބާޠިލު ވިސްނުމަށް އަޅުވެތި ވަމުން ދާ އިރު، ހުޅަނގުގެ ޤައުމުތަކުގައި އިސްލާމް ދީނުގެ އަލިކަން ދަނީ އިތުރަށް ފެތުރެމުންނެވެ. "ހުޅަނގުން އިރު އަރަމުން" އަންނަ ކަހަލަ މަންޒަރެއް ދަނީ ސިފަ ވަމުންނެވެ.

ދެން މި ދަންނަވައިލަނީ ހުޅަނގުގެ ޤައުމުތަކުގެ ގިނަ ޢަދަދެއްގެ މީހުން އިސްލާމް ވާ މައިގަނޑު ސަބަބުތަކުގެ ގޮތުގައި ފޮރެސްޓިއަރ ފާހަގަ ކުރައްވައިފައި ވާ ކަންތައްތަކާއި، އެ ކަންތައްތަކާ ބެހޭގޮތުން އަޅުގަނޑު ދަންނަވައިލާ ބައެއް ވާހަކަތަކެވެ. މި ނުކުތާތައް ހުށައަޅައިދީފައި ވާނީ ފޮރެސްޓިއަރގެ ޢިބާރާތަކުން ނޫނެވެ. އޭނާގެ ވާހަކަތަކުގެ މައްޗަށް ބިނާ ކޮށް، އިތުރު ބައެއް މަޢުލޫމާތު ވެސް ހިމަނައިގެން ލިޔާ ބަޔާންތަކެއްގެ ގޮތުގައެވެ.

އިސްލާމީ ޘަޤާފަތް

ހުޅަނގުގެ ޤައުމުތަކުގައި ގިނަ ބަޔަކު އިސްލާމް ވާ މައިގަނޑު ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ އިސްލާމީ ޘަޤާފަތުގެ ކޮންމެވެސް ކަމެއް ތަޖުރިބާ ކުރެވި، އެއިން ކުރުވާ އަސަރެވެ.

އިސްލާމީ ޘަޤާފަތަކީ އެހެން ކޮންމެ ޘަޤާފަތެކޭ އެއްފަދައިން ވަރަށް ފުޅާ ދާއިރާއެއްގައި އޮންނަ އަދި ހިނގާ އެއްޗެކެވެ. ދިރިއުޅުމުގެ ހުރިހައި ދާއިރާއަކުން ފެންނަ އެއްޗެކެވެ. މުސްލިމުންގެ ހެދުން އެޅުމުން ފެށިގެން ގޮސް، މުސްލިމުންގެ ކެއުމުގެ ވައްޓަފާޅި އާއި އުސްލޫބާއި، އިސްލާމީ މިޢުމާރިއްޔަތު ނުވަތަ "އާރކިޓެކްޗަރ" އާއި، އިސްލާމީ ފަންނުލް ޚައްޠާއި، ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޢީދުމީލާދު ފާހަގަ ކުރުމާއި، މުސްލިމުންގެ ދެ ޢީދުގެ އުފަލުގައި އެކި ކަހަލަ ކުޅިވަރުތައް ކުޅެ އިޖުތިމާޢީ ގުޅުންތައް ވަރުގަދަ ކުރުމުގެ ރަސްމުތައް ބޭއްވުމާއި، މިހެން ގޮސް އެތައް ކަމެއް ހިމެނޭ އެއްޗެކެވެ. އަޅުގަނޑުމެން ދިވެހީންގެ ތެރެއިން ގިނަ ބަޔަކަށް "އިސްލާމީ ޘަޤާފަތޭ" ބުނުމުން، އެއިން މާކަ ބޮޑު މާނައެއް ފަހަރުގައި ދޭހަ ނުވެދާނެއެވެ. އެއީ، އަޅުގަނޑުމެންގެ ތެރެޔަށް ހުޅަނގާއި ދެންވެސް ޣައިރުމުސްލިމް ޤައުމުތަކުގެ ޘަޤާފަތާއި ވައްޓަފާޅިތައް ތަޢާރަފު ވެ ޢާއްމު ވެ، އިސްލާމީ ޘަޤާފަތަށް އަޅުގަނޑުމެން ބީރައްޓެހި ވެފައި ވާ ވަރުންނެވެ. ނަމަވެސް، ޙަޤީޤީ އިސްލާމީ މުޖުތަމަޢެއްގައި ނަމަ، އެ މުޖުތަމަޢަށް އިސްލާމީ ޝަޚްޞިއްޔަތު ގެނެސްދޭ އެންމެ މުހިއްމު އެއް ކަމަކީ އެ މުޖުތަމަޢެއްގެ އިސްލާމީ ޘަޤާފަތެވެ.

އިސްލާމީ ޘަޤާފަތުގެ ތެރޭގައި މުސްލިމުންގެ ދީނީ އަޅުކަމުގެ ބައެއް ކަންކަން ކުރުމުގެ އުސްލޫބު ވެސް ހިމެނެއެވެ. މިސާލަކީ މުސްލިމުންގެ މިސްކިތްތަކުން ވަކި ކަހަލަ މިޔުޒިކީ ހަމަތަކަކަށް ފައްތައިގެން، ރީތި ރާގުރާގަށް އަދި އަޑުމަޚްރަޖުގެ ވަކި ކަހަލަ އުސޫލުތަކަކަށް ތަބަޢަ ވެގެން، ބަންގި ގޮވާ ގޮވުމެވެ. ރީތިކޮށް ބަންގި ގޮވާ އަޑަކީ އިންސާނާގެ ހިތަށް ތަސައްލީ އާއި ހަމަޖެހުމާއި އުފާވެރިކަމުގެ އާދަޔާ ޚިލާފު ޝުޢޫރުތަކެއް ގެނެސްދޭ އެއްޗެއްކަން ޢާއްމުކޮށް ފާހަގަ ކުރެވެއެވެ. ހޮލީވުޑްގެ މަޝްހޫރު މުމައްސިލު ލިއަމް ނީސަނަކީ އެކަން ފާހަގަ ކޮށް ވާހަކަ ދައްކައިފައި ވާ އެތައް ލައްކަ ނުވަތަ އެތައް މިލިޔަން މީހުންގެ ތެރެއިން އެކެކެވެ. ތުރުކީ ވިލާތުގައި ހޮލީވުޑް ފިލްމެއްގެ މަންޒަރުތައް ނެގުމުގެ މަސައްކަތުގައި ދުވަސްކޮޅެއް ހޭދަ ކުރުމަށް ފަހު، ދިން ބަސްދީގަތުމެއްގައި އޭނާ ބުނެފައި ވަނީ "ބަންގި އަކީ މީހާގެ ރޫޙާ ހަމަޔަށް ވާޞިލު ވާ އެންމެ މަތިވެރި ސޯނާ ކޯލު" ކަމުގައެވެ. "ސޯނާ ކޯލޭ" މި ދެންނެވީ އިނގިރޭސި ބަހުން ކިޔާ "ވޭކް-އަޕް ކޯލް" ގެ ބަދަލުގައެވެ.

ބަންގީގެ އަޑުގެ ޖާޒުބީ ރީތިކަމާއި އެއިން ކުރުވާ އަސަރުގެ ސަބަބުން މީހުން އިސްލާމީ ހިދާޔަތުގެ މަގަށް އައުމަކީ މަދަކުން ހިނގާ ކަމެއް ނޫނެވެ. އެފަދަ އެއް މުސްލިމަކީ ސްކޮޓްލެންޑުގެ ރައްޔިތެއް ކަމަށް ވާ އެލަން ރޫނީއެވެ. އޭނާ އިސްލާމް ވި ގޮތުގެ ވާހަކަ 2016 ވަނަ އަހަރުގެ ތެރޭގައި އޭނާ ވަނީ އިނގިރޭސި ވިލާތުގެ "ދި އިންޑިޕެންޑެންޓް" ނޫހަށް ލިޔުނު މަޒުމޫނެއްގައި ކިޔައިދީފައެވެ. އޭނާ ބުނެފައި ވާ ގޮތުން، އެއްވެސް މުސްލިމަކާ ޙަޤީޤީ ބައްދަލުވުމަކުން ބައްދަލު ނުވެ އޭނާގެ ހިތުގައި އިސްލާމް ދީނަށް ޝައުޤުވެރިކަން އުފެދުމުގެ ސަބަބަކީ ބަންގިއެވެ. ތުރުކީ ވިލާތަށް ކުރި ޗުއްޓީ ދަތުރެއްގައި ބަންގީގެ އަޑު އިވުމެވެ. އޭނާ ބުނެފައި ބަންގީގެ ހިތްގައިމު އަޑު އޭނާގެ "ނަފުސުގައި ޣަފްލަތާއި ނިދީގައި ވާ އެއްޗެއް ހެއި ލައްވައިލި" ކަމަށާއި އޭގެ ސަބަބުން "ރޫޙާނިއްޔަތުގެ މަގުގައި ދަތުރު ފެށުމަށް ހިތްވަރު ލިބުނު" ކަމަށެވެ. އެނބުރި ސްކޮޓްލެންޑަށް އައުމަށް ފަހު އޭނާ އިންވަރނެސްގެ ފޮތްފިހާރައަކުން ކީރިތި ޤުރްއާން ގަނެގެން ކިޔައި ދިރާސާ ކުރާން ފެށީއެވެ. ނަތީޖާއަކީ އޭނާއަށް އިސްލާމް ދީނުގެ ހިދާޔަތުގެ ނޫރާނީ އަލިކަމާ ހަމަޔަށް ވާޞިލު ވެވުމެވެ.

ރޫޙާނީ ތަންވީރު

"ރޫޙާނީ ތަންވީރު" މި ޢިބާރާތުން މާނަ ކުރެވެނީ، މީހަކަށް ރޫޙާނީ ޙަޤީޤަތްތައް ދެނެގަނެވުމެވެ. ރޫޙާނީ ޙަޤީޤަތާއި ޙައްޤުގެ އަލިކަމުން މީހާގެ ހިތާއި ސިކުނޑި އާއި ނަފުސު އަލި ވެ އުޖާލާ ވެގެން ދިޔުމެވެ. އިނގިރޭސި ޢިބާރާތަކުން ދަންނަވާ ނަމަ، "ސްޕިރިޗުއަލް އެންލައިޓްންމަންޓް" އެވެ.

އަޅުގަނޑުމެން ޤަބޫލު ކުރާން ޖެހޭ ޙަޤީޤަތަކީ، އިންސާނާ އަކީ ހަމައެކަނި މާއްދީ މައުޖޫދެއް ނޫންކަމެވެ. ހަމައެކަނި ހަށިގަނޑެއް ނޫންކަމެވެ. ހަށިގަނޑެކޭ އެއްފަދައިން ރޫޙަކީ ވެސް އިންސާނާގެ އަސާސީ ބައެކެވެ. އަދި ކީއްތޯއެވެ! ހަށިގަނޑަށް ވުރެ މުހިއްމު ބަޔަކީ ރޫޙެވެ. ހަށިގަނޑަކީ ދާދި ކުރު ދުނިޔަވީ ޙަޔާތަކަށް ފަހު ފަނާ ވެދާ އެއްޗެކެވެ. ކުނި ވެގެން ފުޅަ އަޅައިގެން ބިމުގެ ފަނިފަކުސައިގެ ކާނާއަކަށް ވެގެންދާ އެއްޗެކެވެ. ނަމަވެސް ރޫޙަކީ ވުޖޫދު ވުމުގައި ހަށިގަނޑަށް ވުރެ އިސް ވެގެން ވާ، އަދި ހަށިގަނޑު ފަނާ ވުމަށް ފަހު ވެސް ދެމިހުންނަ އެއްޗެކެވެ. ދާއިމީ ޙަޔާތުގެ ގޮވައްޗަށް ދަނީ އިންސާނާގެ ރޫޙެވެ. ވީމާ ރޫޙުގެ މުހިއްމުކަން ހަށިގަނޑުގެ މުހިއްމުކަމަށް ވުރެ ބޮޑުކަމާ މެދަކު ޝައްކެއް ވެސް ނެތެވެ.

އިންސާނާގެ މާއްދީ ހަށިގަނޑު ފުރިހަމަ ޞިއްޙަތުގައި ހުރުމަށް ޓަކައި ކާނާ އާއި ބޯހިޔާވަހިކަމާއި ފޭރާމާއި އެހެނިހެން މާއްދީ ޟަރޫރަތްތަކާއި ޙާޖަތުތަކުގެ ބޭނުން ޖެހޭ ފަދައިން، އޭނާގެ ރޫޙާނީ ޞިއްޙަތު ސަލާމަތުން ހުރުމަށް ޓަކައި ބޭނުން ވާ ކަންތައްތަކެއް ވެސް ހުރެއެވެ. ރޫޙާނީ ޟަރޫރިއްޔާތުތަކަކާއި ޙާޖިއްޔާތުތަކަކާއި ތަޙްސީނިއްޔާތުތަކެއް ވެސް ހުރެއެވެ. އެއްވެސް އިންސާނަކު "އަހަރެންނަކީ ކާކުހެއްޔޭ" މި އަސާސީ ސުވާލާ މެދުގައި ވިސްނައި ފިކުރު ކޮށްލައިފިއްޔާ، އެ މީހަކަށް މި ޙަޤީޤަތް ފުރިހަމަ ޔަޤީންކަމާއި ކަށަވަރުކަމާ އެކު ހޯދޭނެއެވެ. ރޫޙާނީ ގޮތުން ފުރިހަމަ ޙާލަތަށް މީހާ އަންނަނީ، އޭނާގެ ރޫޙުގެ ވެރިފަރާތް އަދި އެ ރޫޙުގެ އަސާސު ކަމަށް ވާ މަތިވެރިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއާ އޭނާއާ ފުރިހަމަ ގޮތުގައި ގުޅިގެން ދިޔުމުންނެވެ. ދުނިޔޭގެ ދީންތަކާއި، ދީނަކަށް ނުވާ ބައެއް މުމާރަސާތަކުގައި ވެސް ރޫޙާނިއްޔަތުގެ ބައިތައް ހިމެނެއެވެ. ބައެއް މީހުންގެ ނަޒަރުގައި، މިއީ ރޫޙާނިއްޔަތަކީ އިސްލާމް ދީނަށް ޚާއްޞަ އެއްޗެއް ނޫން ކަމުގެ ދަލީލެކެވެ. ފިހާރައިގައި ތަފާތު ބުރޭންޑުތަކުގެ ދަތް އުނގުޅާ ބޭސް ނުވަތަ ކައްކާ ތެޔޮ ނުވަތަ ހިކިކިރު ހުންނަ ފަދައިން، ރޫޙާނިއްޔަތުގައި ވެސް ތިމާ ބޭނުން އެއްޗެއް އިޚްތިޔާރު ކުރުމަށް ޓަކައި ތަފާތު ބުރޭންޑުތައް، ނުވަތަ "ޑިފަރެންޓް ޓްރުތްސް" ހުންނަކަމުގެ ހެއްކެކެވެ. ނަމަވެސް އެއީ ވަރަށް ވެސް ކުށް ވިސްނުމެކެވެ. ޙަޤީޤީ ރޫޙާނިއްޔަތަކީ އާދަމް ޢަލައިހިއްސަލާމާ ހަމައިން ފެށިގެން، މަތިވެރިވަންތަ ﷲ ތަޢާލާ އެކަލާނގެ ރަސޫލުން މެދުވެރި ކުރައްވައި އިންސާނާއަށް ދެއްވި އެއްޗެކެވެ. އެހެންކަމުން ޙަޤީޤީ ރޫޙާނިއްޔަތު އޮތީ ރަސޫލު ބެއިކަލުންގެ ތަޢުލީމާތުގައެވެ. މުޙައްމަދީ ރިސާލަތަށް ފަހު، ޙަޤީޤީ ރޫޙާނިއްޔަތު އޭގެ އެންމެ ސާފު ގޮތުގައި އޮންނާނީ މުޙައްމަދިއްޔަ އިސްލާމް ދީނުގައެވެ. ބާޠިލު ދީންތަކާއި މަންސޫޚު ކުރެވިފައި ވާ ދީންތަކުގައި އޮތީ ކުރީގެ ރަސޫލުންނަށް ދެއްވުނު ރޫޙާނީ ތަޢުލީމާތުން ކޮޕީ ކުރެވުނު ކަންކަމާއި، އެ ތަޢުލީމާތަށް އެކިއެކި މިންވަރަށް ބަދަލު ގެނެވިގެން ފާސިދު ކުރެވިފައި ވާ ރޫޙާނިއްޔަތެކެވެ. ވަރަށް ރީތި އެއް މިސާލަކީ، ރޫޙާނިއްޔަތުގެ ނަމުގައި ނަޞާރާ ދީނުގައި ރާހިބުން އަދި ރާހިބާއިން މީހުނާ އިނުމާއި ކައިވަނީގެ ގުޅުމުން މަޙުރޫމު ވެގެން ތިބޭ ތިބުމެވެ. މިއީ ރޫޙާނިއްޔަތުގެ ނަމުގައި ކުރެވޭ އިންސާނީ ފިޠުރަތާއި ޠަބީޢަތާ ޚިލާފު ކަމެއް ކަމަށް މެނުވީ ނުބުނެވޭނެއެވެ. އާދޭހެވެ! އިސްލާމް ދީން ފިޔަވައި އެހެން ދީންތަކުގައި ރޫޙާނިއްޔަތުގެ އުންސުރުތަކެއް ހުރި ކަމުގައި ވިޔަސް، ޙަޤީޤީ އަދި ޞައްޙަ ރޫޙާނިއްޔަތު އޮތީ މާތް ވެގެން ވާ އިސްލާމް ދީނުގެ އެންމެ ފަހުގެ ނަބިއްޔާގެ މަންހަޖުގައެވެ.

ވަރަށް ގިނަ މުސްލިމުންނަށް ވެސް މި ޙަޤީޤަތާ ހަމަޔަށް ވިސްނުމެއް ނުފޯރުވެއެވެ. އަޅުގަނޑުމެންގެ ރާއްޖެއަށް ބައްލަވައިލެއްވުމުން ވެސް ކަން އޮތީ މިހެންކަން ސާފު ވާނެއެވެ. އަޅުގަނޑުމެންނަކީ ރޫޙާނިއްޔަތެއް ނެތް، ދިރުމެއް ނެތް، ބޭރުފުށުގެ އިސްލާމެއްގައި ހިފައިގެން، ބޭރުފުށުގެ ކަންތައްތަކާ ޒުވާބު ކޮށްލަކޮށްލައި ތިބޭ ބަޔަކަށް ވާ އެއް ސަބަބަކީ މިއެވެ. ބޭރުފުށުން މީހާގެ އިސްލާމްކަން ބޮޑު ވެގެން ގޮސް ޞަޙާބީންނަށް ވުރެ މަތީ ދަރަޖައަކަށް ދާ އިރު ވެސް، މީހާގެ ނަފުސުގެ ޠާހިރުކަމާއި އަޚްލާޤާއި އެހެން މީހުންނާ މެދު މުޢާމަލާތު ކުރާ ކުރުމަށް އެއްވެސް ބަދަލެއް ނާންނަ ސަބަބަކީ ވެސް މިއެވެ. ހުޅަނގުގެ ދުނިޔޭގައި އޮތް ޢިލްމީ ހެއިލުންތެރިކަމާ އެކު، އެއުރެންގެ ތެރޭގައި ދީނުގެ ރޫޙާނިއްޔަތަށް ފޯކަސް ކުރުން ބޮޑެވެ. ހުޅަނގުގެ ޤައުމުތަކުގައި ގިނަ ބަޔަކު ރޫޙާނީ ސަބަބުތަކަށް ޓަކައި އިސްލާމް ދީނަށް ލޯބި ޖެހި މި ދީނަށް ވަންނާން މެދުވެރި ވާ ސަބަބު ގުޅިފައި ވަނީ މި ކަމާއެވެ.

ކްލެއަރ ފޮރެސްޓިއަރ ވިދާޅުވާ ގޮތުން، ހުޅަނގުގައި އިސްލާމް ދީނަށް ވަންނަ އެތައް ބަޔަކަށް އިސްލާމް ދީނުން ފެންނަ އެންމެ ބޮޑު ޚާއްޞިއްޔަތަކީ، އެ ދީނަކީ ތިމާއާ ރޫޙާނީ ޙަޤީޤަތާ ގުޅުވައިދޭ ދީނަކަށް ވުމެވެ. ދިރިއުޅުމާއި ދުނިޔަވީ ޙަޔާތަށް މާނަ ގެނެސްދޭ ދީނަކަށް ވުމެވެ. ނަފުސަށް ހަމަޖެހުމާއި ޤަރާރުކަމާއި ސުކޫން ހޯދައިދިނުމުގެ ބާރު އެ ދީނުގައި ހުރުމެވެ. ރޫޙާނީ ތަންވީރެއްގެ ތެރެޔަށް މީހާ ގެންގޮސްދިނުމުގެ ބާރު އެ ދީނުގައި ހުރުމެވެ. އިސްލާމް ދީނަށް ވަންނަ އެތައް ބަޔަކަށް ޤަބޫލު ކުރެވޭ ގޮތުގައި، އެ ދީން އެމީހުންގެ އިންފިރާދީ އަދި އިޖުތިމާޢީ ޙަޔާތުގައި އޮންނަ ބޮޑު ހުސްކަމެއް ފުރައިދެއެވެ. ބޮޑު ހުސް ޖާގައަކަށް ދިރުން ގެނެސްދެއެވެ. ބޮޑު ފަޅުކަމެއް ފިލުވައިދެއެވެ. އެއީ އެހެން އެއްވެސް ދީނަކުން އަދި ފަލްސަފާއަކުން ވާ ކަމެއް ނޫނެވެ. މިއީ ޙައިރާން ވާން ޖެހޭ ކަމެއް ނޫނެވެ. ﷲ ތަޢާލާއާ ސާފު ރޫޙާނީ ގުޅުމަކުން ގުޅުމުން، މީހާއަށް ޙަޤީޤީ އުފަލާއި ރިޟާޔަތާއި ހަމަޖެހުމާއި ސުކޫން ނުލިބިނުދާނެ ނޫންތޯއެވެ!

"ޕިއު ރިސާރޗް ސެންޓަރ" ގެ ދިރާސާއަކުން ދައްކާ ގޮތުގައި ވެސް، ހުޅަނގުގައި އެންމެ ގިނަ ބަޔަކު އިސްލާމް ވާ ސަބަބަކީ އިސްލާމް ދީން އިންސާނީ ޙަޔާތަކީ މާނަވެރި އެއްޗަކަށް ހަދައިދޭދިނުމެވެ. ޙަޔާތަކީ މާނަ އާއި މަޤްޞަދެއް އޮތް އެއްޗެއް ކަމަށް ހަދައިދޭދިނުމެވެ. މި ކަންކަމަކީ ދީނުގެ ރޫޙާނިއްޔަތުގެ ތެރެއިން އަންނަ ކަންކަން ކަމަށް ވާތީ، މިއީ އިސްލާމް ދީނުގެ ރޫޙާނީ ބާރު ކަމަށް ބުނެވިދާނެއެވެ. މި މައުޟޫޢާ މެދު އެމެރިކާގެ "ހަފިންގޓަން ޕޯސްޓް" ގައި ޝާއިޢު ކުރެވުނު ލިޔުމެއްގައި އޮތް ގޮތުން، ހުޅަނގުގެ ޤައުމުތަކުން "އިސްލާމް ވާ މީހުންނަކީ ރޫޙާނީ ޙަޤީޤަތާއި ރޫޙާނީ އުފަލާއި ރިޟާޔަތު ހޯދުމުގެ މަގުގައި ހިނގާ ބައެކެވެ. އެމީހުންގެ ދިރިއުޅުމުން މާނައެއް ފެނޭތޯ ހޯދާ ބައެކެވެ. ކަލާނގެ ރަސްކަންފުޅާ ތިމާމެންނާ ގުޅުވައިދޭނޭ ރަނގަޅު ގޮތްތަކެއް ހޯދާ ބައެކެވެ." އެމީހުން ހޯދަމުން ދާ ޒަޚީރާ އިސްލާމް ދީނުން ފެނުމުން، އެ ދީން ޤަބޫލު ކުރަނީއެވެ. އިސްލާމީ ރޫޙާނިއްޔަތަކީ އެމީހުންނަށް ޓަކައި ހިތާއި ނަފުސުގެ އުފާވެރިކަމާއި، ނަފުސުގެ ބާއްޖަވެރިކަމާއި، ބަރަކާތުގެ ހުސް ވުމެއް ނެތް ޚަޒާނާއެކެވެ.

ޢިބާދާތުގެ ރަސްމުތައް

ޢިބާދާތުގެ ރަސްމުތަކޭ މި ދަންނަވަނީ އިސްލާމް ދީނުގެ އަޅުކަމުގެ އެކިއެކި ކަންތައްތަކަށެވެ. ނަމާދާއި، ރޯދަ އާއި، ޙައްޖާއި، ކަލާނގެ ރަސްކަންފުޅު ހަނދުމަ ކުރުމުގެ ގޮތުން ޛިކުރު ކުރުން ފަދަ އަޅުކަންތަކަށެވެ. ޙަޤީޤަތުގައި މި ކަންތައްތަކަކީ އިސްލާމީ ރޫޙާނިއްޔަތުގެ ވެސް އަސާސެވެ. އެހެންކަމުން، ރޫޙާނިއްޔަތާ ބެހޭގޮތުން ކުރީން ދެންނެވި ވާހަކަތަކާ ގުޅިގެން ވެސް އަޅުކަމުގެ ރަސްމުތަކުގެ ވާހަކަ ދެއްކިދާނެއެވެ. ނަމަވެސް އިސްލާމީ އަޅުކަމުގެ ނުވަތަ ޢިބާދާތުގެ ރަސްމުތަކަކީ ހަމައެކަނި ރޫޙާނީ ކަމެއް ނޫނެވެ. އެއަށްވުރެ ފުޅާ ދާއިރާއަކަށް ހިނގާ ކަންތައްތަކެކެވެ. ރޫޙާނީ ގޮތުން އިންސާނާގެ ނަފުސު އަލި ކޮށްދީ، ނަފްސުގެ އަޚްލާޤާއި ސުލޫކު ފުރިހަމަ ކުރުމުން ފެށިގެން ގޮސް، ހަށިގަނޑުގެ ޞިއްޙަތާއި ދިރިއުޅުމަށް ޓަކައި ކުރާ މަސައްކަތާއި އިޖުތިމާޢީ ހަޔާތުގެ ހުރިހައި ދިމާޔަކަށް ވެސް އޭގެ ސަބަބުން ފައިދާ ލިބިދޭ ކަންތައްތަކެކެވެ.

ފޮރެސްޓިއަރ ފާހަގަ ކުރައްވާ ގޮތުގައި، އިސްލާމް ދީނުގެ ރިވެތި، ފުރިހަމަ، އަދި ޝާމިލު ޢިބާދާތީ ރަސްމުތަކަކީ އެތައް ބަޔަކު އިސްލާމް ދީނަށް ހިތް ޖެހޭ ސަބަބެކެވެ. ރޯދަ ފަދަ އަޅުކަންތަކަކީ އިންސާނާގެ މިނިވަންކަން މަޙްދޫދު ކުރުމުގެ ބަދަލުގައި، އިންސާނާއަށް އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށް ބާރު ފޯރުވައި، އަމިއްލަ ނަފުސުގެ މައްޗަށް ވެރިކަން ކުރުމުގެ ޤާބިލިއްޔަތު ހޯދައިދޭ ކަންތައްތަކެއް ކަމަށް އަލަށް އިސްލާމް ވާ މީހުން ދެކެއެވެ.

އިސްލާމީ ޢިބާދާތުގެ ރަސްމުތަކުގެ ސަބަބުން މީހާގެ މުޅި ނަފުސު ހެޔޮކަމުގެ މަގަށް އަނބުރައިލާކަން ވެސް އެތައް ބަޔަކު ފާހަގަ ކުރެއެވެ. 2018 ވަނަ އަހަރު އިސްލާމް ވި ބެލްޖިއަމްގެ ރައްޔިތެއް ކަމަށް ވާ ޔެންތުލް ބުނެފައި ވާ ގޮތުން، ރަމަޟާން މަހު އޭނާއަށް މާތްރަސްކަލާނގެއާ ނުހަނު ބޮޑަށް ކުއްތަން ވެވޭ ކަމުގެ އިޙްސާސް ކުރެވެއެވެ. ދިރިއުޅުން މުޅީން އައު އަދި ހެޔޮ ފެށުމަކުން ފެށޭކަމުގެ އިޙްސާސް ކުރެވެއެވެ. ހުރިހައި ފާފަތަކެއް ފުހެވި ނަފުސު ޠާހިރު ވެގެންދާކަމުގެ އިޙްސާސް ކުރެވެއެވެ. އެމްޓީވީ އާއި އެންބީސީގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު އިސްލާމް ވި މަޝްހޫރު ޝަޚްޞިއްޔަތު ކްރިސްޓިއާން ބެކަރ ވެސް ހަމަ މި ވާހަކަ ބުނެފައި އޮވެއެވެ. އޭނާގެ ބަހުގައި ރަމަޟާން މަހަކީ މީހާގެ އިރާދާ އާއި ޢަޒުމުގެ ބާރުގެ އިމްތިޙާނެކެވެ. ރަމަޟާން މަހާއި އެ މަހުގެ ރޯދަ އަކީ މާއްދީ ގޮތުންނާއި ރޫޙާނީ ގޮތުން މީހާ ޠާހިރު ކުރާ ކަންތައްތަކެއް ކަމަށާއި، ރަމަޟާން މަހުގައި ކަލާނގެ ރަސްކަންފުޅާ ވަރަށް ގާތް ވެވޭކަމުގެ އިޙްސާސް ކުރެވޭ ކަމަށާއި، ރަމަޟާން މަހުގެ ތިރީސް ރޯދަ ހިފައި ފުރިހަމަ ވުމުން، ބުނެދޭން ނޭނގޭ ކަހަލަ އުފާވެރިކަމަކާއި ބާއްޖަވެރިކަމެއްގެ ޝުޢޫރުތައް ނަފުސު ފުރައިލާ ކަމަށް ވެސް ކްރިސްޓިއާން ބުނެއެވެ.

ސާރާ އެގަރ އަކީ އިނގިރޭސި ވިލާތުގެ އަންހެން އައު މުސްލިމެކެވެ. ނަޞާރާ ދީން ދޫކޮށް އިސްލާމް ވުމަށް ފަހު، އިސްލާމް ދީނާ ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނެފައި ވަނީ އިސްލާމް ދީން މުސްލިމުންގެ ދިރިއުޅުމަށް ޢަމަލީ ގޮތުން ގެނެސްދޭ ބަދަލު އޭނާއަށް އެންމެ ބޮޑަށް އިޙުސާސް ކުރެވެނީ ރަމަޟާން މަހު ރޯދައަށް ހުންނަ އިރު ކަމުގައެވެ. ނަމާދާ ބެހޭގޮތުން ވާހަކަ ދައްކަމުން ސާރާ ބުނި ގޮތުގައި، ނަމާދަކީ ހަމައެކަނި ހިތުން ކޮށްލާ ދުޢާއެއް ފަދަ އެއްޗެއް ކަމަށް ނުވެފައި، އެއީ ހިތާއި ހަށިގަނޑު އެއް ގޮތެއްގައި ޝާމިލު ވެގެން، ނިޔަތާއި ޢަމަލު ގުޅިގެން ދާ އަޅުކަމަކަށް ވުމަކީ އެ އަޅުކަމުގެ އެންމެ މުހިއްމު އެއް ޚާއްޞިއްޔަތެވެ.

އެހެން ދީންތަކަށް ބަލައިލާ އިރު، ޢިބާދާތުގެ ކަންކަން އޮންނަނީ ބަލިކަށިކޮށެވެ. މިސާލަކަށް ނަޞާރާ ދީނަށް ބަލައިލާ އިރު، އެންމެ ފުރަތަމަ ކަމަކަށް، ޢީސާ ޢަލައިހިއްސަލާމް ޢިބާދާތު ކުރެއްވި ގޮތަށް ނަޞާރާއިން ޢިބާދާތުގެ ކަންތައް ޙަޤީޤަތުގައި ނުކުރެއެވެ. ނަޞާރާ ބައިބަލުގައި އޮންނަ ގޮތުން، ޢީސާ ޢަލައިހިއްސަލާމް މާތްރަސްކަލާނގެއަށް އަޅުކަން ކުރެއްވުމުގައި ބިމުގައި ނިތްކުރިފުޅު ޖައްސަވައެވެ. ތިޔަ ހީފުޅު ކުރެއްވީ ރަނގަޅަށެވެ! މުޙައްމަދިއްޔަ އުއްމަތުގެ މީހުން ނަމާދުގައި ސަޖިދަ ކުރާ ގޮތަށެވެ. ބައިބަލުގައި މި ވާހަކަ ބަޔާން ކުރާ އާޔަތްތަކުގެ ތެރެއިން އެއް އާޔަތަކީ، މެތިއު ފޮތުގެ 26 ވަނަ ބާބުގެ 39 ވަނަ އާޔަތެވެ. މިއަދު ނަޞާރާއިންގެ އެއްވެސް މަޒްހަބެއްގެ އެއްވެސް ބަޔަކު، އަޅުކަމުގައި ސަޖިދައެއް ނުކުރެއެވެ. ޢީސާ ޢަލައިހިއްސަލާމް ކުރެއްވި ގޮތަށް އަޅުކަމުގައި ސަޖިދަ ކުރަނީ، ނަމާދުގައި މުސްލިމުންނެވެ. ނަޞާރާ ދީނުގެ އަޅުކަމުގެ ރަސްމުތަކުގެ ތެރޭގައި ހިމެނެނީ ކަލާނގެ ރަސްކަންފުޅަށް މަދަޙަ ކިޔުމުގެ ގޮތުން ލަވަ ކިޔުމާއި، ދުޢާ ކުރުމާއި، އާދީއްތަ ދުވަހު ފައްޅީގައި ދީނީ ނަޞޭޙަތް ދިނުމާއި، ޔޫކެރިސްޓް ފަދަ ދީނީ ބައެއް ރަސްމިއްޔާތުތައް ފާހަގަ ކުރުމެވެ. މި ކަންކަމުގެ އެންމެ ބޮޑު އުނިކަމަކީ، ދުޢާ ކުރުން ފިޔަވައި ދެން މީގެ ތެރޭގައި ހިމެނޭ އެއްވެސް ކަމެއް ބިނާ ވެފައި ވަނީ އަޅުކަމުގެ ގޮތުގައި ޢީސާ ޢަލައިހިއްސަލާމް ކުރެއްވި ޢަމަލުފުޅެއްގެ ނުވަތަ އެކަލޭގެފާނުގެ އިރުޝާދެއްގެ މައްޗަށް ކަމަށް ނުވުމެވެ. މި ކަންކަން ތަޢާރަފު ވެފައި ވަނީ މާ ފަހުން، ފައްޅީގެ ބޮޑުން އެކިއެކި ބައްދަލުވުންތަކާއި ޖަލްސާތަކުގައި އީޖާދު ކުރި ކަންތައްތަކެއްގެ ގޮތުގައި ކަމަށް ވުމެވެ. ހަމައެހެންމެ، މި އަޅުކަންތަކުގައި އިސްލާމީ އަޅުކަމުގެ ރަސްމުތަކުގައި ހުންނަ ފަދަ ޝާމިލުކަމެއް ނުހުންނަކަން ވެސް ފާހަގަ ކުރެވެއެވެ. މިސާލަކަށް، މުސްލިމުންގެ ރަމަޟާން މަހުގެ ރޯދަ އާއި، ނަޞާރާއިންގެ ރޯދަ ހިފުމުގެ ކަންކަން އަޅައިކިޔައިލައްވާށެވެ! ރަމަޟާން މަހު އިސްލާމީ މުޖުތަމަޢުތަކަށް އަންނަ ބަދަލާއި، މުޅި މުޖުތަމަޢަށް ރޫޙާނިއްޔަތާއި ލޯތްބާއި އުޚުއްވަތާއި ﷲ ތަޢާލާއަށް ކިޔަމަންތެރި ވެ އަޅުކަން ކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުމުގެ ޙިއްސު ގެނުވާ ގޮތަށް ވިސްނަވާށެވެ! އޭގެ ބަދަލުގައި ނަޞާރާއިންގެ ރޯދައަކީ އެފަދަ އެއްވެސް "ދިރުމެއް" ނެތި، މީހެއްގެ އަމިއްލަ ދިރިއުޅުމުގެ ކަމެއްގެ ގޮތުގައި ހިނގާ ކަމެކެވެ.

މަންޠިޤީ އަދި ޢިލްމީ ޖަވާބުތަކެއް

ފޮރެސްޓިއަރ ވިދާޅުވާ ގޮތުން، ހުޅަނގުގެ އެތައް ހާސް ބަޔަކު އިސްލާމް ވަމުން ދާ މައިގަނޑު އެއް ސަބަބަކީ އިސްލާމް ދީނުގެ ޢަޤްލީ މާގައެވެ. ޢިލްމީ މަންހަޖެވެ. ވަރަށް ގިނަ އައު މުސްލިމުން ބުނާ ގޮތުގައި، އެމީހުންނަށް އިސްލާމް ދީނަކީ މާތްރަސްކަލާނގެ ބާވައިލެއްވި ޙައްޤު ދީން ކަން، އަދި އިންސާނީ ޙަޔާތް ކާމިޔާބާއި ފަލާޙުގެ މަގަށް ގެންގޮސްދޭނޭ ތެދުވެރި ދީން ކަން ޔަޤީން ވާ މައިގަނޑު އެއް ސަބަބަކީ، ކަލާނގެ ޒާތުފުޅާއި ޣައިބުގެ ޙަޤީޤަތްތަކާ ބެހޭ ސުވާލުތަކަށާއި، އިންސާނާގެ ދުނިޔަވީ ޙަޔާތާ ބެހޭ ސުވާލުތަކަށް ހެޔޮ ބުއްދީގެ އަސާސުގައި، މަންޠިޤީ އަދި ޢަޤުލީ ގޮތުން ހަރުދަނާ އަދި ތެދުވެރި ޖަވާބުތަކެއް އެ ދީނުގައި ދީފައި އޮންނައޮތުމެވެ. އެ ސުވާލުތަކަށް ޢިލްމީ ގޮތުން ފުރިހަމަ ޖަވާބުތަކެއް ދޭ ދީނަކަށް އިސްލާމް ދީން ވުމެވެ.

މި ނުކުތާއާ ބެހޭގޮތުން، ސްވިޓްޒަރލޭންޑަށް އުފަން އަދި ނަޞާރާ ފައްޅީގެ ދީނީ ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރި ވަމުން ދިޔަ ނަޓާލިއާ ޑާރވިޗް އިސްލާމް ވުމަށް ފަހު ބުނެފައި ވަނީ، އޭނާގެ ހިތުގައި އުފެދިފައި ހުރި އެތައް ސުވާލުތަކަކަށް ކީރިތި ޤުރްއާނުން މަންޠިޤީ އަދި ޢަޤުލީ ޖަވާބުތަކެއް ލިބުނު ކަމަށެވެ. އޭނާ އިސްލާމް ދީން ސިފަ ކޮށްފައި ވަނީ "ޢީސާއީ ދީނަށް ވުރެ ފުރިހަމަ ޢީސާއީ ދީނެއް" ގެ ގޮތުގައެވެ.

ތެރީސާ ކޯރބިން އަކީ 11 ސެޕްޓެންބަރު 2001 ގެ މަޝްހޫރު ނިރުބަވެރި ހަމަލާގެ ދެ މަސް ފަހުން އިސްލާމް ވި އެމެރިކާގެ އަންހެނެކެވެ. ފެމިނިސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު، ޢުމުރުން 21 އަހަރުގައި އޭނާ އިސްލާމް ވިއެވެ. އޭނާގެ ބަހުން ނަމަ، ނަޞާރާ ދީނުގެ ފާދިރީންނާއި މުދައްރިސުންގެ ފަރާތުން އޭނާގެ އެތައް ސުވާލަކަށް ލިބުނު ހަމައެކަނި ޖަވާބަކީ "ދަރިފުޅުގެ ޅަ ސިކުނޑި ތިޔަ ސުވާލުތަކާ މެދު ވިސްނައިގެން ހަލާކު ކުރާން ނުއުޅޭށޭ" މިއެވެ. އޮޅުންބޮޅުމެއްގެ ތެރޭގައި އޭނާ އެތައް އަހަރެއް ހޭދަ ކުރި ފަހުން، ކަލާނގެ ރަސްކަންފުޅާއި ދީނާއި ޙަޔާތުގެ އަސާސީ އެތައް ސުވާލަކާ ގުޅޭގޮތުން އޭނާގެ ހިތާއި ސިކުނޑީގައި ވިކަމުން ކޮށަމުން ކޮއް ޖަހަމުން ދިޔަ އެތައް ސުވާލުތަކަކަށް ފުރިހަމަ އަދި ވަށައިޖެހޭ ޖަވާބުތަކެއް ލިބުނީ ކީރިތި ޤުރްއާނުންނެވެ. އިސްލާމް ދީނުންނެވެ. ތެރީސާއަށް އިސްލާމް ދީން "ރީތި ވި" އެންމެ މުހިއްމު އެއް ސަބަބަކީ، އިސްލާމް ދީނުގައި ބުއްދި އާއި ފިކުރު ކުރުމަށް ދެއްވައިފައި ވާ މަތިވެރި މަޤާމެވެ. އެކަމަށް ގޮވައިލައްވައި ބާރު އަޅުއްވައިފައި ވާ ގޮތާއި މިންވަރެވެ. އިސްލާމީ އުއްމަތުގެ ޢިލްމީ މައިދާނުގައި ސައެންސާއި ޒިހުނިއްޔަތު އަދި ޢަޤުލިއްޔަތަށް އޮތް މަތިވެރި ދަރަޖައެވެ. އިސްލާމީ ޢިލްމުވެރީން މި ކަންކަމަށް ދެއްވި އަހައްމިއްޔަތާއި ޤަދަރެވެ. އަލްޖިބްރާގެ ޢިލްމުގެ ބިންގާ އެޅުއްވި އަލްޚުވާރިޒްމީ އާއި، ލިއޮނާރޑޯ ޑަ ވިންޗީއަށް ވުރެ މާ ކުރީން ވައިގެ އުޅަނދުފަހަރު އުދުއްސުމުގެ އަސާސީ ސައެންސުގެ ބިންގާ އެޅުއްވި ޢައްބާސް ބިން ފިރްނާސް އާއި، ޞިއްޙީ ފަރުވާގައި ހަށިގަނޑު ފަޅައި އޮޕަރޭޝަން ކުރުމުގެ ފަންނު ޢިލްމީ ގޮތެއްގައި ވުޖޫދަށް ގެންނެވި އައްޒަހްރާވީ ފަދަ ބެއިފުޅުން މުސްލިމުންގެ ތެރެއިން އުފެދުނީ އިސްލާމް ދީނުގެ މި މަންހަޖުގެ ސަބަބުން ކަމަށް އޭނާ ޤަބޫލު ކުރެއެވެ.

އިޖުތިމާޢިއްޔަތު

ހުޅަނގުގެ ދުނިޔޭގައި މާއްދިއްޔަތުގެ ފަލްސަފާތަކާއި ޘަޤާފަތު އާލާ ވެގެން ދިޔަދިޔުމުގެ ތެރޭގައި، އެބައިމީހުންގެ މުޖުތަމަޢަށް އައި އެންމެ ބޮޑު އެއް ބަދަލަކީ އިންފިރާދިއްޔަތު ނުވަތަ "އިންޑިވިޖުއަލިޒަމް" ފެތުރިގެން ދިޔުމެވެ. މަވަންތަކަމާއި މަވެތިކަމުގެ ފިކުރު ޢާއްމު ވުމެވެ. މި ފިކުރާ އެކު ހުޅަނގުގެ މުޖުތަމަޢުތަކުގައި ބައެއް ކަންކަން ރަނގަޅު ވި ނަމަވެސް، އޭގެ ނުރަނގަޅު ބައި މާ ބޮޑެވެ. އޭގެ ނުބައި ނަތީޖާތައް މާ ގިނައެވެ. ޢާއިލީ ގުޅުންތަކުގެ މުހިއްމުކަން ކުޑަ ވުމާއި، ޢާއިލާގެ މުޅި މަފްހޫމު ކަހަލަ ގޮތަކަށް ގެއްލިގެން ދިޔުމާއި، އިޖުތިމާޢީ ވަޙްދަތާއި އުޚުއްވަތުގެ މާނަ މުޅީންހެން ގެއްލިދިޔުން ފަދަ ނަތީޖާތަކެވެ. މިއީ މިއަދު ހުޅަނގުގެ މުޖުތަމަޢުތަކުގައި އެތައް މިލިއަން ބައެއްގެ ދިރިއުޅުން ވޭނަކަށް އަދި ނުއުފުލޭ ވަރުގެ ބަރަކަށް ވެފައި އޮތުމުގެ މައިގަނޑު އެއް ސަބަބެވެ. އެހެންކަމުން، ހުޅަނގުގެ ޤައުމުތަކުން އެތައް ބަޔަކު އިސްލާމް ވަމުން ދާ މައިގަނޑު އެއް ސަބަބަކީ، ޙަޤީޤީ މާނައިގައި މުޖުތަމަޢަކަށް ވާ މުޖުތަމަޢެއް ލިބިގަތުމުގެ އެދުމެވެ. އިސްލާމް ވެފައި ވާ އެތައް ބަޔަކު ފާހަގަ ކުރާ ގޮތުގައި، އިސްލާމް ދީނަށް ވަދެ އިސްލާމީ މުޖުތަމަޢުގެ މެންބަރަކަށް ވުމުން، ތިމާ އަކީ ޙަޤީޤަތުގައި ވެސް އެކަކު އަނެކަކު ދެކެ ލޯބި ވާ އަދި އެކަކު އަނެކަކާ އަޅައިލާ މުޖުތަމަޢެއްގެ ބައެއް ކަމުގެ މުހިއްމު އިޙުސާސް ކުރެވެއެވެ.

އިސްލާމް ދީނުގެ އަޅުކަންތައް ވެސް ބިނާ ކުރެވިފައި އޮންނަނީ އެ ކަންކަމުގައި ހިމެނޭ ރޫޙާނީ އަދި އަޚްލާޤީ ބަހާތަކުގެ އިތުރުން، އިޖުތިމާޢިއްޔަތުގެ ބަހާތައް ވެސް ޝާމިލު ވާ ގޮތަށެވެ. ޖަމާޢަތުގައި ނަމާދު ކުރުމާއި، އެކުގައި ރޯދަ ވީއްލުމާއި، ރަމަޟާން މަހު ޖަމާޢަތުގައި ތަރާވީޙް ނަމާދާއި، މުސްލިމުން އެކުގައި ކުރާ ޙައްޖު ފަދަ އަޅުކަންތައް އެގޮތުން ފާހަގަ ކުރެވެއެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ރަށްތަކުގައި އިހުއްސުރެ އޮތް ދިރިއުޅުމުން، މި ޙަޤީޤަތް ރަނގަޅަށް ދައްކުވައިދެއެވެ. އިހުގެ ދިވެހި ދިރިއުޅުމުގައި ނަމާދަކީ އިޖުތިމާޢީ ގުޅުންތަކުގެ ނާރެހެވެ. މިސްކިތަކީ ޤަވާޢިދުން މީހުން ބައްދަލު ވާ އެންމެ މުހިއްމު ތަނެވެ. ނަމާދުގެ ކުރީންނާއި ފަހުން، މިސްކިތުގެ ދާލައިގައި ތިބެގެން އަމިއްލަ ދިރިއުޅުމާއި އިޖުތިމާޢީ އެކިއެކި ކަންކަމާ މެދު ވާހަކަ ދައްކައި ޚިޔާލު ބަދަލު ކޮށްއުޅުމަކީ ދިވެހި ރަށު ދިރިއުޅުމުގެ އަސާސީ ބައެކެވެ. މީހަކު ނަމާދަށް މިސްކިތަށް ނައުމަކީ، އެ މީހަކު ބަލި ވުން ފަދަ ކަމެއް ދިމާ ވެއްޖެކަމުގެ ޢަލާމާތެކެވެ. އެހެން ވެއްޖެއްޔާ އެ މީހެއްގެ ޙާލު ބަލައި ވީ ގޮތެއް އޮޅުން ފިލުވައިވެސް ހަދާނެއެވެ.

އިސްލާމީ މުޖުތަމަޢު އޮންނާން ވީ ގޮތް ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ރިވެތި ސުންނަތުގައި ވަނީ ފުރިހަމަޔަށް ބަޔާން ކުރައްވައިފައެވެ. އިސްލާމް ދީނަކީ ޞައްޙަ އަދި ފުރިހަމަ ރޫޙާނިއްޔަތާއި، ހެޔޮކަމާއި، ރިވެތި އަޚްލާޤާއި، ލޯތްބާއި، އުޚުއްވަތާއި، ޢަދާލަތުގެ މުޖުތަމަޢެއް ބިނާ ކުރާން ގޮވައިލާ ދީނެކެވެ. އެފަދަ މުޖުތަމަޢަކަށް ބޭނުން ވާނޭ ހުރިހައި އަސާސުތަކެއް ދީނުގައި ހިމެނެއެވެ. އެފަދަ މުޖުތަމަޢެއް ބިނާ ކުރުމަށް ބޭނުން ވާނޭ ހުރިހައި އިރުޝާދުތަކެއް ޤުރްއާނާއި ސުންނަތުގައި ވެއެވެ. މިސާލަކަށް، "މުސްލިމުންނަކީ އެއް ހަށިގަނޑެއްގެ ތަފާތު ގުނަވަންތަކާއި ބައިތައް ފަދަ ބައެކޭ، ހަށިގަނޑެއްގެ ގުނަވަނެއްގައި ވޭން އަޅަންޏާ އެހެން ހުރިހައި ގުނަވަނަކަށް ވެސް އެ ވޭން އިޙުސާސް ކުރެވޭ ފަދައިން އެއް މުސްލިމަކަށް ދެރައެއް ނުވަތަ ހިތާމައެއް ލިބިއްޖެއްޔާ އެ ކަމުގެ ހިތާމަ އެހެން ހުރިހައި މުސްލިމުން ވެސް ކުރާނެޔޭ" އޮންނަ ޙަދީޘް ބަސްފުޅަށް ވިސްނަވާށެވެ! މިފަދަ ތަޢުލީމާތެއްގެ، މިފަދަ ރިވެތި އުޚުއްވަތެއްގެ މިސާލު އޮތީ އެހެން ކޮން ދީނެއްގައިތޯއެވެ؟

ދުނިޔޭގެ މަޝްހޫރު މަޖައްލާއެއް ކަމަށް ވާ "ދި އިކޮނޮމިސްޓް" ގައި ޝާއިޢު ކޮށްފައި ވާ މަޒުމޫނެއްގައި، މުޖުތަމަޢުގައި ބަދުއަޚްލާޤާއި ޣައިރުއަޚްލާޤު ފެތުރިފައި އޮތުމުގެ ނަތީޖާއެއްގެ ގޮތުން، އެ މުޖުތަމަޢުގެ މެންބަރުންގެ ކިބައިން އާޚިރުގައި އުފާވެރިކަން ނެތިގެން ގޮސް ފޫހިކަމާއި ހިތްހަމަނުޖެހުމާއި ހިތްދަތިކަމުގެ ތެރެޔަށް އެ މުޖުތަމަޢެއްގެ މެންބަރުން ވެއްޓިގެން ދާ ގޮތް ބަޔާން ކޮށްފައި ވެއެވެ. އިސްލާމް ދީނަކީ މުޖުތަމަޢުން މި ދެންނެވި ބާވަތުގެ ނުބައި ކަންކަން ފިލުވައިލައި، މުޖުތަމަޢު ޠާހިރު ކޮށް، ތަފާތު އެތައް ބަޔަކަށް ހެޔޮކަމުގެ މަތީގައި އުޚުއްވަތްތެރިކަމާ އެކު އުޅުމުގެ ފުރުޞަތު ތަނަވަސް ކޮށްދޭ ދީނެކެވެ. އިސްލާމް ދީނަކީ ރިވެތި އަޚްލާޤާއި، ޠާހިރު ދިރިއުޅުމާއި، ލަދުވެތިކަމާއި، ހެޔޮ އަދި ރިވެތި ގޮތުގައި ދިރިއުޅުން ވެއަތު ކުރުމުގެ މައްޗަށް ވަރުގަދަޔަކަށް ވަކާލާތު ކޮށް، އެކަމަށް ބޭނުން ވާ ތަޢުލީމާތާއިގެން އައިސްފައި ވާ ދީނެކެވެ. އަދި ކީއްތޯއެވެ؟ އިސްލާމް ދީނުގެ ތަޢުލީމާތުގައި މުޖުތަމަޢެއް ބިނާ ކުރާންވީ ރަނގަޅު ގޮތުގެ އިރުޝާދުތައް އައިސްފައި ވާ ގޮތުން، މުޅި މުޖުތަމަޢު ހެޔޮ އަދި ރަނގަޅު މަގަށް ގެނެސް އެ މަގުގައި ސާބިތު ކުރުމަށް ބޭނުން ވާ އިރުޝާދުތައް ޝާމިލު ގޮތެއްގައި ހިމެނޭ ހަމައެކަނި ދީނަކީ އިސްލާމް ދީން ކަމަށް އިއްތިފާޤު ވެވިފައި ވެއެވެ. އިސްލާމް ދީން ދެކެ ރުޅި އަރާ މީހުން، އެއީ އިސްލާމް ދީން އިންސާނީ ޙަޔާތުގެ ހުރިހައި ކަމަކާ "ބެހެނީއޭ" ބުނެތެވެ. ޙަޤީޤަތުގައި އެއީ އިސްލާމް ދީނުގެ ފުރިހަމަކަމެވެ.

އިސްލާމީ އިޖުތިމާޢީ ފަލްސަފާގެ މައްޗަށް ބިނާ ކުރެވޭ މުޖުތަމަޢަކީ، އެ މުޖުތަމަޢުގެ ކޮންމެ މެންބަރަކަށް ޓަކައި، ރޫޙާނީ، މާއްދީ، އަދި ނަފްސާނީ ހަމަޖެހުމާއި ރައްކައުތެރިކަމުގެ ވަރުގަދަ ކިއްލާއެކެވެ. އެ ކިއްލާ ރައްކައުތެރި ކުރެވެނީ ވަރުގަދަ އިސްލާމީ ވެރިކަމެއްގެ ބާރުގައެވެ. އިސްލާމް ދީނުގެ މަތިވެރި ޝަރީޢަތް ހިންގުމުގެ ވާސިޠާއިންނެވެ. ހެޔޮ ކަންކަމަށް އަމުރު ކުރުމާއި މުޖުތަމަޢު ފަސާދަ ކޮށް ހަލާކު ކޮށްފަނިވި ހުރިހައި މުންކަރާތްތަކެއް ހުއްޓުވުމުގެ ހަރުދަނާ މަންހަޖުގެ ތެރެއިންނެވެ. ބައެއް މީހުންނަށް އެއީ "މިނިވަންކަމަށް" ހުރަސް އެޅުން ކަމަށް ފެނުނަސް، އާދަމް ޢަލައިހިއްސަލާމާ ހަމައިން ފެށިގެން މިއަދާ ހަމަޔަށް، ހެޔޮ ވިސްނޭ އިންސާނުން ޤަބޫލު ކުރާ ގޮތުގައި އުފާވެރި ފަރުދީ އަދި އިޖުތިމާޢީ ދިރިއުޅުމެއްގެ މައިގަނޑު އެއް ތަރަހައަކީ އެއީއެވެ. އާދެ، މުޖުތަމަޢުގައި މުޖުތަމަޢުގައި ބަދުއަޚްލާޤާއި ޣައިރުއަޚްލާޤު ފެތުރުނަނުދީ، ޞައްޙަ އަދި ފުރިހަމަ ރޫޙާނިއްޔަތާއި، ހެޔޮކަމާއި، ރިވެތި އަޚްލާޤާއި، ލޯތްބާއި، އުޚުއްވަތާއި، ޢަދާލަތުގެ އަސާސުގައި މުޖުތަމަޢު ބިނާ ކުރުމެވެ.

މި ދެންނެވީ ކްލެއަރ ފޮރެސްޓިއަރ "ފޯރ ހިޔުމަންސް" ސިލްސިލާގެ ފަންސަވީސްވަނަ އެޕިސޯޑުގައި، ހުޅަނގުގެ ޤައުމުތަކުގައި ގިނަ ބަޔަކު އިސްލާމް ވަމުން ދާ އިރު އެކަމުގެ މައިގަނޑު ސަބަބުތަކުގެ ގޮތުގައި ފާހަގަ ކުރެއްވި ފަސް ކަންތައްތަކުގެ ވާހަކައެވެ. ވަރަށް ކުރު އަދި ޚުލާޞާ ގޮތެއްގައެވެ. އަޅުގަނޑުމެން ކޮންމެ މުސްލިމަކު ވެސް މި މައުޟޫޢުގެ މައްޗަށް އިތުރަށް ކިޔައި، ބަލައި، ދިރާސާ ކޮށް، އެހެން މީހުންނާ އެކު ވާހަކަ ދައްކައި ހަދާން ޖެހޭ ކަމަށް ދެކެމެވެ. އަޅުގަނޑުމެންގެ ޤައުމީ ޓީވީ އާއި ރޭޑިއޯ ފަދަ މަންސަތަކުގައި ކުރެވޭން ޖެހޭ ކަމަކީ މި ކަންކަމުގެ ވާހަކަތައް ޢިލްމުވެރީންނާއި ޢާއްމުން އެއް ގޮތެއްގައި ޝާމިލު ވެ ބައިވެރި ވެގެން ދައްކައިހެދުން ކަމަށް ވެސް ދެކެމެވެ. މާތް ވެގެންވާ އިސްލާމް ދީނަކީ އަޅުގަނޑުމެންނަށް ލިބިފައި ވާ އެންމެ ބޮޑު ނިޢުމަތް ކަމުގައި ވާ ހިނދު، އެ ނިޢުމަތް އަތުން ބީ ވެގެން ދިޔަނުދީ ރައްކައުތެރި ކުރުމަށް ކުރާން ޖެހޭ މަސައްކަތުގެ ތެރޭގައި މިއީ ވެސް ވަރަށް މުހިއްމު ކަމެއް ކަމަށް ޤަބޫލު ކުރެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް