އެހެން ސްކޫލުތަކަށް ވުރެ ފުރިހަމައަށް، ސެޓަލައިޓް ސްކޫލުތަކުގައި އައިޓީ ވަސީލަތްތައް ގާއިމު ކޮށްފައި ވާނެ: މިނިސްޓަރު

އެހެން ސްކޫލުތަކަށް ވުރެ ފުރިހަމައަށް، ސެޓަލައިޓް ނިޒާމުގެ ސްކޫލުތަކުގައި އައިޓީ ވަސީލަތްތައް ގާއިމު ކޮށްފައި ވާނެ ކަމަށާއި އިންޓަނެޓް ސްޕީޑްވެސް އެހެން ސްކޫލުތަކަށް ވުރެ އަވަސް ވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މިވަގުތު ނިޒާމީ ތައުލީމު ފޯރުކޮށް ދިނުމަށް ސަރުކާރުގެ ސްކޫލެއް ގާއިމު ވެފައި ނުވާ ރަށްތައް ކަމަށްވާ ބ. ފެހެންދޫ އަދި ވ. ތިނަދޫ އަދި ވ.ރަކީދޫގައި ސެޓެލައިޓް ސްކޫލް މަފްހޫމަށް ކިޔަވައިދޭން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުދި ރަށްރަށުގައި ވަކި މިންވަރަކަށް މީސްކޮޅު މަދުވުމުން ދެންތިބި މީހުންވެސް އެކި ސަބަބުތަކާ ގުޅިގެން ހިޖުރަ ކުރާ ކަމަށާއި، ނަތީޖާ އަކަށް ވަނީ ކުރިއަށްވުރެ ފުރުސަތުތައް ރަށަށް މަދުވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން އާބާދީ މަދު ތިން ރަށެއްގައި ސެޓެލައިޓް ސްކޫލިން ނިޒާމު ގާއިމު ކުރުމުން ފައިދާ ތަކެއް ލިބޭނެ ކަމަށާއި، މިއީ ބޭރު ގައުމުތަކުގައި ރަނގަޅު ނަތީޖާތަކެއް ހާސިލު ކޮށްފައިވާ އުސޫލެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ އިފްތިތާހު ކުރެވުނު ޕްރޮގްރާމްގެ ދަށުން ކިޔަވައިދޭން ފަށާފައިވާ ފެހެންދު އާއި ރަކީދޫ އަދި އެއަތޮޅު ތިނަދޫ ސްކޫލު ގުޅިގެން ދާނީ، މާލޭގެ އެންމެ ރަނގަޅު އެއް މަދަރުސާ ކަމަށްވާ ހުރަވީ ސްކޫލާއެވެ.

މި ނިޒާމުގެ ސަބަބުން ސެޓެލައިޓް ސްކޫލު ތަކުގައިވެސް ރާއްޖޭގެ އެހެން ސްކޫލުތަކާ އެއްސަފުގައި ވާދަކުރެވޭ ކުދިންތަކެއް އުފެދިގެން ދިއުމަކީ އުންމީދެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސެޓެލައިޓް ސްކޫލަށް ހަމަޖައްސާވައި ވާނީ ގާބިލު މުދައްރިސުންނާއި ލީޑިން ޓީޗަރެއް ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ސެޓެލައިޓް ނިޒާމުގައި ދަރިވަރުންނަށް ކިޔަވައިުދޭނީ އޮންލައިން ކޮށް ކަމަށް ވުމުން، އެހެން ސްކޫލުތަކަށް ވުރެ އޮންލައިން ވަސީލަތްތައް ރަނގަޅު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި މަޝްރޫގެ ސަބަބުން އަޅުގަނޑު ދެކެން ބޭނުންވާ މަންޒަރަކީ، މި ކުދިންގެ ކިޔެވުމުގެ ކާމިޔާބީތައް، މި ރަށްރަށުން ހިޖުރަ ކުރި އާއިލާތަކާއި އިތުރު އާއިލާތަކުގެ ކުދިން އަންނަތަން. ރަށުގެ އާބާދީ ބޮޑުވެގެން ގޮސް، އިތުރު ވަސީލަތްތައް ރަށަށް ލިބިގެން ދިއުން،"

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މި ރަށްތަކުގައި ބޮޑު ސްކޫލެއް ގާއިމު ކުރެވި، މުދައްރިސުންނާއި ދަރިވަރުން އެއް ތަނެއްގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ފަހިވާތަން ދެކެން ބޭނުންވާ ކަމަށެވެ. އަދި އެކި ކަންކަމުގައި އެ ތިން ރަށުގެ ކުދިން ވެސް ވިދާލާތަން ދެކިލަން ބޭނުންވާ ކަމަށެވެ.

ސެޓެލައިޓް ސްކޫލުތަކުގައި މި އަހަރުގެ ދިރާސީ އަހަރުގައި ކިޔަވާދިނުމަށް ހަމަޖެހިފައިވަނީ އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 8 ގެ ނިޔަލަށެވެ.

ސެޓެލައިޓް ސްކޫލްތައް ފެށިގެން ދާއިރު ކޮންމެ ސްކޫލެއްގައި 2 ޓީޗަރުންނާއި 1 އެޑްމިން އޮފިސަރާކާއި މަސައްކަތު މީހަކު، މަސައްކަތް ކުރާނެއެވެ.

ސެޓެލައިޓް ސްކޫލްތަކަކީ ހައި ސްޕީޑް އިންޓަނެޓް ކަނެކްޝަނެއް މެދުވެރިކޮށް ދަރިވަރުންނަށް ވައިފައިގެ ހިދުމަތް، ކިޔަވާ ހުރިހާ ގަޑިތަކުގައިވެސް ލިބެން ހުންނާނެ ސްކޫލްތަކެކެވެ.

މިކަމަށްޓަކައި ކޮންމެ ދަރިވަރަކާއި ޓީޗަރަކަށް، ކިޔަވާކުދިންނަށް ހާއްސަ ކުރެވިގެން އުފައްދައި ދުނިޔޭގެ ބާޒާރުން ލިބެންހުރި އެންމެ ފަހުގެ ޓެކްނޮލޮޖީއިން މުއްސަނދި ކުރެވިފައިވާ ކްރޯމްބުކްސް ވަނީ ފޯރުކޮށްދެވިފައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

"މި ކުދިންގެ އިތުރު ހަރަކާތްތައް ހިންގުމުގައި ކޮންމެ ސުކޫލަކަށް ބެލެނިވެރި ސުކޫލެއް ވާނީ ހަމަޖެހިފައި. ބެލެނިވެރި ސްކޫލްގެ ޒިންމާތަކުގެ ތެރޭގައި ސެޓެލައިޓް ސްކޫލްގެ މާލީ ކަންކަން ބަލަހައްޓައިދިނުމާއި ސެޓެލައިޓް ސްކޫލްތަކުގެ ދަރިވަރުން ބައިވެރިކޮށްގެން ކުޅިވަރު ހަރާކާތްތަކާއި އެހެނިހެން ހަރާކާތްތައް ރާވައިހިންގުން ހިމެނޭ. މިގޮތުން ބެލެނިވެރި ސްކޫލްތައް ގޮތުގައި ހަމަޖެހިފައިވަނީ ބ.ގޮއިދޫ ސްކޫލާއި، ވ.ކެޔޮދޫ ސްކޫލް އަދި ވ.އަތޮޅު ތަޢުލީމީ މަރުކަޒު،" އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް