ރައްޔިތުންގެ ދިފާއުގައި ކަމަށް ބުނެ އިންޑިއާގެ އިތުރު ސިފައިން ރާއްޖެ އަރުވަން އުޅޭކަމަށް ތުހުމަތު ކޮށްފި

އެސްއޯ ފުލުހުން ނުކުމެ، "އިންޑިއާ އައުޓް" ހަރަކާތެއް ހުއްޓުވަނީ --

ރަށްރަށުގައި ދިރިއުޅޭ އިންޑިއާ ޓީޗަރުންނާ މީހުން ދިމާކޮށް، "އިންޑިއާ އައުޓް" ގޮވާކަމަށް ގަބޫލު ނުކުރާ ކަމަށާއި އެއީ އިންޑިއާގެ އިތުރު ސިފައިން ރާއްޖެ އަރުވާނެ ސަބަބެއް ހޯދުމަށް ސަރުކާރުން ދައްކާ ވާހަކައެއް ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފިއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް, "އިންޑިއާ އައުޓް" ކެމްޕެއިން އިދިކޮޅުން ފުޅާކޮށް ކުރިއަށް ގެންދާއިރު އެކަމުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނަށް ނުރައްކާވާ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. އެގޮތުން އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ބައެއް ރަށްރަށުން ޓީޗަރުންނާ މަގުމަތިން ދިމާކޮށް "އިންޑިއާ އައުޓް" ގޮވަމުން ދާ ކަމަށެވެ. އޭގެ ސަބަބުން ރައްކާތެރިކަން ޔަގީން ކޮށްދިނުމަށް ޓީޗަރުން އެދެމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ "ސަން" އަށް ވިދާޅުވީ ސަރުކާރުން އެ ދައްކާ ވާހަކަ ގަބޫލު ނުކުރާ ކަމަށެވެ. ސަރުކާރުގެ މަގުސަދަކީ ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުންނަށް ނުރައްކާ އޮތްކަން ދައްކައި އެ ރައްޔިތުންގެ ދިފާއުގެ ނަމުގައި އިންޑިއާ ސިފައިން ރާއްޖެ އެރުވުން ކަމަށް އަދުރޭ ތުހުމަތު ކުރެއްވިއެވެ.

"ސަރުކާރުން އުޅެނީ ރާއްޖޭގައި ބިރުވެރިކަން އުފައްދަން. އެހެން ހެދިފައި އިންޑިއާ ރައްޔިތުންގެ ރައްކާތެރިކަމަށް ކަމަށް ބުނެ އިންޑިއާ ސިފައިން ހަތިޔާރާއެކު ރާއްޖެއަށް އަރާނީ. އެކަމަށް މަގުފަހި ކުރަން ސަރުކާރުން އެ އުޅެނީ،" އަދުރޭ ވިދާޅުވިއެވެ.

"ސަރުކާރުން އުޅެނީ ހަމަ ސީންއެއް ކުރިއޭޓް ކުރަން."

އޭނާ ވިދާޅުވިގޮތުގައި "އިންޑިއާ އައުޓް" ކެމްޕެއިނުގެ ހަމައެކަނި މަގުސަދަކީ ރާއްޖޭގައި އުޅޭ އިންޑިއާ ސިފައިން ރާއްޖޭން ބޭރު ކުރުމެވެ. އޭގެ ތެރެއިން އިންޑިއާ ރައްޔިތުންނާ ދިމާކޮށް ހަދަން ހިތްވަރުދީ ނުހަދާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އިންޑިއާ ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުންނާ މިކަމުގައި ގުޅުމެއް ނެތް. އަޅުގަނޑުމެން އެ މީހުންނާ ދެކޮޅެއް ނޫން،" އަދުރޭ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިން މިހާރު އެންމެ ބާރަށް ކުރިއަށް ގެންދަނީ ށ. އަތޮޅުގައެވެ. ޔާމީނާއި އިދިކޮޅު ލީޑާޝިޕްގެ ގިނަ ބޭފުޅުންތަކެއް މިހާރު ތިއްބެވީ އެ އަތޮޅުގައެވެ. އަދި ޔާމީން މިފަހުން ވަނީ ގޭގޭ ފާރުތަކުގައި އިންޑިއާ އައުޓް ލިޔުމަށް ގޮވާލައްވައިފައެވެ.

ށ. ފުނަދޫ ސްކޫލްގައި ގިނަ އަދަދެއްގެ އިންޑިއާ ޓީޗަރުން މަސައްކަތް ކުރަމުން އަންނައިރު އެ ސްކޫލުގެ ބޭރު ފާރުގައި "އިންޑިއާ އައުޓް" ޖެހި މައްސަލަ އެޑިއުކޭޝަނުން ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ. އިދިކޮޅުން ތުހުމަތު ކުރާގޮތުގައި އެއީވެސް އެމްޑީޕީން ކުރި ކަމެކެވެ.

އިންޑިއާ އައުޓް ކެމްޕެއިން އިދިކޮޅުން ފަށާފައިވަނީ އެގައުމުގެ ސިފައިން ރާއްޖޭގެ އެކި ސަރަހައްދުގައި ތިބި ކަމަށާއި އެއީ ރާއްޖޭގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެއެވެ. އެހެންކަމުން ސޯޝަލް މީޑިއާއާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ވެސް އިންޑިއާ ސިފައިން ރާއްޖޭން ދިއުމަށް ގޮވާލައި ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ. މިއީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ.

comment ކޮމެންޓް